ހަބަރު

ކިންގް ސަލްމާން މިސްކިތަށް ސައުދީން ދިނީ އަށް މިލިއަން ޑޮލަރު!

ސައޫދީ ރަސްގެފާނު ސަލްމާން އަބްދުލްއަޒީޒްގެ ޚަރަދުގައި މާލޭގައި އިމާރާތް ކުރާ މިސްކިތަށް ސައޫދީ އަރަބިއްޔާއިން އަދި ލިބުނީ އަށް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 123 މިލިއަން ރުފިޔާ) ކަމަށް ސަރުކާރުން ބުނެފި އެވެ.

ކިންގް ސަލްމާން މިސްކިތުގެ މަސައްކަތްތައް ނިންމަން ކުރިން ކަނޑައެޅި ތާރީހުތަކަށް ނުނިމި ލަސްވެފައިވާއިރު، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ކިންގް ސަލްމާން މިސްކިތަށް 22 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 339 މިލިއަން ރުފިޔާ) ހޭދަވާ ކަމަށާ، ނަމަވެސް ލިބިފައިވަނީ އަށް މިލިއަން ޑޮލަރު ކަމަށެވެ.

ކިންގް ސަލްމާން މިސްކިތް ލަސްވެފައި ވަނިކޮށް ދާދިފަހުން ސައޫދީ އަރަބިއްޔާގެ ހާއްސަ ވަފުދެއް ވަނީ އެ މިސްކިތުގެ މަސައްކަތް ހިންގާ ގޮތް ވެސް ބަލާފަ އެވެ.

ސަލްމާން ރަސްގެފާނު މިސްކިތް

  • މިސްކިތުގައި ހަ ފަންގިފިލާ
  • އަރާފޭބުމަށް ލިފުޓް ހުންނާނެ
  • އެއްފަހަރާ 10000 މީހުންނަށް ނަމާދުކުރެވޭނެ
  • ލައިބްރަރީއަކާއި ކްލާސްރޫމްތައް ހުންނާނެ
  • ސެމިނާ ރޫމްތައް ހިމެނޭނެ
  • ވެހިކަލްތައް ޕާކު ކުރުމަށް 44100 އަކަ ފޫޓުގެ ޖާގައެއް

ތިން އަހަރު ކުރިން ހަދަން ފެށި މިސްކިތަށް ސައޫދީން އަލި ލިބުނީ އަށް މިލިއަން ޑޮލަރު ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއިރު، މިސްކިތުގެ ފައިސާގެ ހުރިހާ މައްސަލައެއް ހައްލުވެ، މިސްކިތް ޖުލައި 31 ގައި ހުޅުވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ޕްލޭން މިނިސްޓަރީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު މިއަދު ވިދާޅުވީ ފައިސާގެ މައްސަލަ މިހާރު ހައްލުވެފައިވާ ކަމަށާއި މިސްކިތުގެ މަސައްކަތް ބާރަށް ކުރިއަށް ދާ ކަމަށެވެ.

"މިހާރުގެ ޑެޑްލައިނަކީ ޖުލައި 31، އެ ތާރީޚަށް ނިމޭނެ ކަމަށް ބެލެވެނީ،" އޭނާ ވިދާޅުވެފައި ވެއެވެ.