ހަބަރު

ހައިކޯޓު ދެކުނު ގޮފީގައި ޝަރީއަތްތައް މާދަމާ ފަށަނީ

ހައިކޯޓް ދެކުނު ގޮފީގައި ޝަރީއަތްތައް މާދަމާ ހިންގަން ތައްޔާރުވެއްޖެ އެވެ. ހައިކޯޓްގެ ދެކުނު ގޮފި ގާއިމް ކޮށްފައިވަނީ އައްޑޫ ސިޓީ، ހުޅުމީދޫގަ އެވެ.

މާދަމާ ދެކުނު ގޮފީގައި ކުރިއަށްދާ ޝަރީއަތްތަކުގެ ޝެޑިއުލް ހައިކޯޓުން މިއަދު ވަނީ އާންމުކޮށްފަ އެވެ. ޝަރުއީ ވަފުދާއެކު، އެ ގޮފީގައި އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ޝަރީއަތްތައް ކުރިއަށް ގެންދާނެ އެވެ.

މިއީ ދެކުނު ގޮފީގައި ގޮފިތަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ފާސްކޮށްފައިވާ ގަރާރުގައިވާ ގޮތުގެ މަތީން ބާއްވާ ތިންވަނަ ޝަރީއަތްތަކެވެ. މީގެކުރިން ދެ ފަހަރެއްގެ މަތިން ޝަރުއީ ވަފުދެއް ވަޑައިގެން އެ ގޮފީގައި ޝަރީއަތްތައް ބޭއްވި އެވެ.

މާދަމާ ގޮފީގައި ޝަރީއަތްތައް ފަށާއިރު 10 މައްސަލައެއްގެ ޝަރީއަތް މާދަމާއަށް ވަނީ ޝެޑިއުލްކޮށްފަ އެވެ. ޝަރުއީ ވަފުދާގައި ވަޑައިގެންނެވީ ހައިކޯޓުގެ ތިން ފަނޑިޔާރުންނެވެ. ހައިކޯޓުގެ ކޮންމެ ޝަރީއަތެއްގައި ވެސް ބެންޗުގައި ތިން ފަނޑިޔާރުން ތިއްބަވަން ޖެހެ އެވެ.

އައްޑޫ ހުޅުމީދޫގައި ހުންނަ ދެކުނު ގޮފިން ބަލަނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ހުވަދު އަތޮޅުގެ މައްސަލަތަކެވެ.

މީގެކުރިން ހައިކޯޓުގެ ދެކުނު ގޮފީގައި ތިން ފަނޑިޔާރުން ތިއްބަވައިގެން ޝަރީއަތްތައް ހިންގެވި އެވެ. ނަމަވެސް އޭގެ ސަބަބުން ހައިކޯޓުގައި ފަނޑިޔާރުން މަދުވެ، ޝަރީއަތްތައް ލަސްވެގެން ދިޔަ އެވެ. ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރުން މާލެ ގެންނެވީ ތިން މަސް ދުވަހަށެވެ. ނަމަވެސް ފަހުން ސުޕްރީމް ކޯޓުން ގޮފިތަކަށް ޝަރުއީ ވަފުދު ފޮނުވާ ގަރާރު ނެރެއްވާ އެ ފަނޑިޔާރުން ދާއިމަށް މާލެ ބަދަލު ކުރެއްވި އެވެ. އުތުރު ގޮފީގައި ވެސް އެގޮތުގެ މަތިން ޝަރީއަތްތައް ކުރިއަށް ގެންދިޔަ އެވެ.