ސުވިޒަލޭންޑުގެ މަޝްހޫރު ނެސްޕްރެސޯ ކޮފީ ބްރޭންޑުގެ އުފެއްދުންތައް ރާއްޖޭގައި ވިއްކަން ހާއްސަ ފިހާރައެއް މާލޭގައި ހުޅުވައިފި އެވެ.
ދިވެހި ކުންފުންޏެއް ކަމަށްވާ ލިކްއިޑް ޕްރައިވެޓް ލިމިޓެޑުން ނެސްޕްރެސޯގެ ކޮފީ ބްރޭންޑުގެ ކޮފީ އާއި މި ބްރޭންޑުގެ އެހެނިހެން ބާވަތްތައް ވިއްކަން ހާއްސަކޮށް މި ފިހާރަ ހުޅުވާފައިވަނީ އޯކިޑް މަގު މ. ދޫރެސް، ކުރީގެ އެސްޓާސް ކުރި މައްޗަށްވާ ގޮތަށެވެ.
އެކި 76 ގައުމެއްގައި ނެސްޕްރެސޯގެ 700 އަށް ވުރެ ގިނަ އައުޓްލެޓް ހިންގަ އެވެ. މި ބްރޭންޑް ދުނިޔެއަށް ތައާރަފުވީ 1986 ވަނަ އަހަރު އެވެ.
ނެސްޕްރެސޯ ރާއްޖޭގެ އައުޓްލެޓާ ބެހޭ ގޮތުން، ލިކުއިޑްގެ އޮޕަރޭޝަން މެނޭޖަރު ޝައްމަ ހުސެއިން ވިދާޅުވީ މި ފިހާރައަކީ މި ރީޖަންގައި ވެސް ނެސްޕެރެސޯއިން ހުޅުވި ފުރަތަމަ އައުޓްލެޓް ކަމަށެވެ.
ލިކުއިޑް މި ކޮފީ ރާއްޖޭގައި ވިއްކާތާ 10 އަހަރުވެއްޖެ އެވެ. ނަމަވެސް އަލަށް ހުޅުވި އައުޓްލެޓުގެ ސަބަބުން ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ލިބޭނެ އެވެ. މި އައުޓްލެޓުން ނެސްޕްރެސޯގެ މެޝިންތައް ވިއްކުމުގެ އިތުރުން އާފްޓަސޭލް ސާވިސް ވެސް ދެ އެވެ.
"މި [ނެސްޕްރެސޯ] އަކީ ކޮފީއަކީ ދިވެހިންނަށް އާ އެޗެއް ނޫން. އަޅުގަނޑުމެން މި ވިއްކަމުން މި ގެންދަނީ 2009 އިން ފެށިގެން. އެކަމަކު މިހާރު މި ހުޅުވި އައުޓްލެޓުގެ ސަބަބުން މި ކޮފީގެ ކެޕްސޫލް އާއި މެޝިން އަދި ކުކީސް ފަދަ އެއްޗިހި ފަސޭހަ ކަމާއެކު ލިބިގެން ދާނެ. މި އައުޓް ލެޓަށް އައިސް ކޮފީގެ ރަހަ ބަލާފައި ގަތުމުގެ ފުރުސަތު ފަހި ވެގެންދާނެ،" ޝައްމަ ވިދާޅުވި އެވެ.
ނެސްޕްރެސޯ އައުޓްލެޓުގައި 27 ވައްތަރެއްގެ ކޮފީ ކެޕްސޫލް އާއި ގޭގެ އާއި ކޮމާޝަލް ލެވަލްއެއްގައި ބޭނުންކުރާ ކޮފީ މެޝިންތައް ލިބެން ހުރެ އެވެ. މި ބްރޭންޑް ހާއްސަވެފައި ވަނީ ކޮފީ ކެޕްސޫލް ރިސައިކަލް ކުރާ ބްރޭންޑެއްގެ ގޮތުގަ އެވެ.
ރާއްޖޭގައި ވެސް އެއް ފަހަރު ބޭނުންކޮށްފައި އެއްލާލާ ކޮފީ ކެޕްސޫލް ރީސައިކަލް ކުރުމުގެ ގޮތުން އެކްސްޕޯޓް ކުރުމުގެ މަސައްކަތް ފަށަން ލިކުއިޑް ޕްރައިވެޓް ލިމިޓެޑުން ދަނީ ތައްޔާރު ވަމުންނެވެ.