އަބްދުﷲ ދީދީ

ފަނޑިޔާރު ދީދީ ބައްލަވާ މައްސަލައެއްގެ ޝަރީއަތެއް މާދަމާ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ބައްލަވާ މައްސަލައެއްގެ ޝަރީއަތް މާދަމާއަށް ތާވަލް ކޮށްފި އެވެ.

މާދަމާ ސުޕްރީމް ކޯޓުގައި ބޭއްވުމަށް ނިންމާފައިވަނީ އެ މައްސަލާގެ ޝަރީއަތް އެކަންޏެވެ. ފައިސާ ހޯދުމަށް އަމިއްލަ ދެ މީހެއްގެ މެދުގައި ކުރިއަށްދާ އެ ޝަރީއަތް ބައްލަވާ ބެންޗުގައި ފަނޑިޔާރު އަބްދުﷲ ދީދީގެ އިތުރުން ދެން ތިއްބަވަނީ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އަދި ފަނޑިޔާރު އަބްދުﷲ އަރީފެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ ބައްލަވާ މައްސަލައެއް މާދަމާއަށް ތާވަލު ކޮށްފައިވާ އިރު އެނގިފައިވާ ގޮތުގައި މިހާރު ވެސް ފަނޑިޔާރު ކޯޓަށް ގަވައިދުން ނުކުންނަވައި މަސައްކަތުގައި އުޅުއްވަ އެވެ.

ޖޭއެސްސީއިން ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ނިންމީ އޭނާއާ ދެކޮޅަށް ފުލުހުން ތަހުގީގު ކުރަމުންދާ ރިޝްވަތުގެ މައްސަލައާ ގުޅިގެންނެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް އެދިވަޑައިގެންފައިވަނީ ޖޭއެސްސީގައި ވެސް އިންނަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.

ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ މައްސަލާގައި ތުހުމަތު ކުރަނީ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޖަލު ހުކުމެއް އިއްވުމަށް އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނެންގެވި ކަމަށެވެ. ފަނޑިޔާރު ދީދީ އޭރު ހުންނެވީ ކުރިމިނަލް ކޯޓުގަ އެވެ. އެ ތުހުމަތު އަބްދުﷲ ދީދީ ދޮގު ކުރައްވާފައިވާއިރު އެ މައްސަލަ ފުލުހުން ވެސް ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީއިން ނިންމުމުން ފަނޑިޔާރު ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވައި އެ ސަސްޕެންޝަން ބާތިލް ކުރުމަށް އެދިވަޑައިގެންފަ އެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރުގައި އެންގީ ސަސްޕެންޝަން ފަސްކުރުމަށާއި އެ މައްސަލާގެ އެއްވެސް އިތުރު އިޖުރާއަތެއް ކުރިއަށް ނުގެންދިޔުމަށެވެ.

ނަމަވެސް އަމުރު ނެރުމުން ޖޭއެސްސީގެ ކުއްލި ބައްދަލުވުމެއް ބާއްވައި ސުޕްރީމް ކޯޓުގެ އަމުރަކީ ޖޭއެސްސީގެ މަސައްކަތަށް ހުރަސް އަޅައި އަމުރެއް ކަމަށް ކަނޑައަޅައި އެ އަމުރު ގަބޫލު ނުކުރަން ނިންމި އެވެ. އަދި ފަނޑިޔާރު ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ ކަމަށް ނިންމި އެވެ. އެ ނިންމުމާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި އެހެން ކޯޓުތަކުގެ އިސް ފަނޑިޔާރު އެކުލެވޭ ޖުޑިޝަލް ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ވެސް ބޭއްވި އެވެ. ނަމަވެސް އެ ބައްދަލުވުމުގެ ނިންމުންތަކެއް ހާމައެއް އަދި ނުކުރެ އެވެ.