ހަބަރު

މީހަކު ރަހީނުކުރި މައްސަލާގައި ފަޒީލަށް ދައުވާ ކުރަން ފޮނުވައިފި

ލ. ގަމުގައި މީހަކު ރަހީނުކޮށްގެން ފޭރެން އުޅުނު މައްސަލައިގައި ހައްޔަރު ކުރި އިބްރާހިމް ފަޒީލްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފި އެވެ.

ފަޒީލްގެ މައްޗަށް ތުހުމަތު ކުރަނީ ލ. ގަމުގައި 44 އަހަރުގެ ފިރިހެނަކު ރަހީނުކޮށް ތޫނު ހަތިޔާރު ބޭނުން ކޮށްގެން ބިރު ދައްކައި ގިނަ އަދަދެއްގެ ފައިސާ ފޭރިގަތް ތުހުމަތެވެ. ފަޒީލްގެ މައްޗަށް ތުހުމަތު ކުރެވޭ އެ މައްސަލައިގައި އޭނާއަށް ދައުވާ ކުރުމަށް މިއަދު ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފަޒީލު ހައްޔަރުކުރީ ލ. ގަމުގައި އެ މީހާ ރަހީނުކޮށް އޭނާގެ އަތުން 8،900 ރުފިޔަ ފޭރިގަނެ ދޫކޮށްލުމަށްފަހު އަނެއްކާވެސް ކުރިން ރަހީނު ކުރި މީހާއަށް ބިރު ދައްކައިގެން ފައިސާ ފޭރުމަށްފަހު ފިލައިގެން އުޅެނިކޮށް ހުޅުމާލެއިންނެވެ.

އެ މީހާ ރަހީނު ކުރި މައްސަލައިގައި ފަޒީލްއާއެކު އިތުރު ދެ މީހަކު ވެސް ހައްޔަރުކުރި އެވެ. އެ މީހުންގެ މައްޗަށް ދައުވާ ކުރުމަށް އަދި ނުފޮނުވަ އެވެ.

ފަޒީލް އަކީ މާރާމާރީ ހިންގުމާއި ވައްކަން ކުރުމުގެ ކުށުގެ ރިކޯޑް އޮންނަށް ޒުވާނެކެވެ. ފަޒީލް ވަނީ މީގެ ކުރިންވެސް މީހަކު ރަހީނު ކުރި މައްސަލައެއްގައި ހައްޔަރުކޮށްފަ އެވެ. އެ ފަހަރު އޭނާ ރަހީނު ކޮށްފައިވަނީ، ލ. ފޮނަދޫން ޑިންގީއެއްގައި އޭނާއާއެކު ދަތުރުކުރަނިކޮށް ގެއްލުނު އައިމިނަތު ޝިމާގެ އަންހެން ކޮއްކޮ ރަހީނު ކޮށްގެން ޑިންގީއެއްގައި ދަނިކޮށް ކަނޑުމަތިން ފުލުހުންނެވެ.