ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަނާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރެފައިވާ ވަގުތީ އަމުރާ ހިލާފުވާ ގޮތަށް ނިންމާ ކޮންމެ ނިންމުމެއް ވާނީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ދާދިދެންމެ އަމުރެއް ނެރެފި އެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނީ ފަނޑިޔާރު ދީދީގެ ސަސްޕެންޝަން އުވާލުމަށް އެދިވަޑައިިގެން ހުށަހެޅުއްވި ދުސްތޫރީ މައްސަލާގައި ނެރުނު ވަގުތީ އަމުރުގައި ސަސްޕެންޝަން ފަސްކޮށް އެއާ ގުޅޭ އެއްވެސް އިޖުރާއަތެއް އަދި ފިޔަވަޅެއް ނާޅަން އަމުރުކޮށްފައިވަނިކޮށް އެ ގަބޫލު ނުކުރަން ޖޭއެސްސީއިން ނިންމި ނިންމުމަކީ ޣައިރު ދުސްތޫރީ ނިންމުމެއް ކަމަށެވެ.
"ކޮމިޝަންގެ ދުސްތޫރީ އަދި ގާނޫނީ ވާޖިބަށް ހުރަސް އަޅައި އަމުރެއް ކަމަށް ޖޭއެސްސީގެ އެ ބައްދަލުވުމުގައި ބައިވެރިވި ހަތް މެންބަރުންގެ ތެރެއިން ފަސް މެންބަރުންގެ އަގުލަބުއްޔަތުން ނިންމާފައިވާ ނިންމުމަކީ ސުޕްރީމް ކޯޓުގެ އަމުރަށް ގޮންޖަހައި ގާނޫނު އަސާސީ އާއި ޖޭއެސްސީއަށް ލިބިފައިވާ ގާނޫނީ އިހްތިސޯސުން ބޭރުން ނިންމާފައިވާ ނިންމުމެއް،" އަމުރުގައިވެ އެވެ.
އަމުރުގައި ބުނީ ޖޭއެސްސީގެ އެ ނިންމުމަކީ ކޮމިޝަންގެ މެންބަރުންގެ ހުވަޔާއި ސުލޫކީ މިންގަނޑާ ކަނޑައެޅިގެން ހިލާފަށް ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް އަދުލު އިންސާފަށް ހުރަސް އެޅޭ ގޮތަށް އެ ކޮމިޝަނުން ނިންމާފައިވާ ޣައިރު ދުސްތޫރީ އަދި ޣައިރު ގާނޫނީ ނިންމުމެއް ކަމަށް ކަނޑައަޅާ ކަމަށެވެ.
"ޖޭއެސްސީގެ ނިންމުމުގެ މައްޗަށް ބިނާކޮށް އެ ކޮމިޝަނުން ނިންމާ ކޮންމެ ނިންމުމަކީ އޭގެ މައްޗަށް ޝަރުއީ އަދި ގާނޫނީ އެއްވެސް ނަތީޖާއެއް ތަރުތީބުވެގެން ނުދާނެ ޣައިރު ދުސްތޫރީ ޣައިރު ގާނޫނީ ނިންމުމެއް،" އަމުރުގައިވެ އެވެ.
އަމުރުގައި ބުނީ ސުޕްރީމް ކޯޓުގެ ވަގުތީ އަމުރާ ހިލާފަށް އެ ކޮމިޝަނުން ނިންމާ ކޮންމެ ނިންމުމެއްގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހާއި އެ މަޖިލީހުގެ ކޮމެޓީއަކުން ނުވަތަ ކަމާބެހޭ އެހެން މުއައްސަސާއަކުން ވެސް ނިންމާ ކޮންމެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅާ ކަމަށެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައެޅީ، ޖޭއެސްސީއިން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ނިންމި ނިންމުމަށް މަޖިލީހުގެ ޖުޑިޝަލް ކޮމެޓީއިން ތާއިދުކޮށްފައިވަނިކޮށެވެ. އަދި އެ ކޮމެޓީއިން ވަނީ އެކަން ފާސްކުރުމަށް މަޖިލީހުގެ ތަޅުމަށް ހުށަހަޅަން ވެސް ނިންމާފަ އެވެ.
އަމަލު ކުރަނީ ސުޕްރީމް ކޯޓުގެ އަމުރަށް ކަމަށް ވިދާޅުވެ، ފަނޑިޔާރު އަބްދުﷲ ދީދީ ރަސްމީ މަސައްކަތަށް ވެސް ނުކުންނަވަ އެވެ. މިއަދު އޭނާ ބައިވެރިވެވަޑައިގަންނަވާ ޝަރީއަތެއް ވެސް ކޯޓުގައި އޮތެވެ. އެކަމާ ގޮތެއް ނިންމަން ޖޭއެސްސީއިން މިއަދު ވަނީ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް އެޖެންޑާކޮށްފަ އެވެ.
އަމުރުގައި އިތުރަށް ބުނެފައިވަނީ ޖޭއެސްސީއަށް ގާނޫނުން ދީފައިވާ ބާރުތަކަށް ބަލާއިރު ޝަރުއީ ކޯޓުތަކުން ނިންމާ ނިންމުންތަކާއި ހުކުމްތަކުގެ ސައްހަކަމާމެދު ގޮތް ކަނޑައެޅުމުގެ އެއްވެސް އިހްތިސޯސެއް އެ ކޮމިޝަނަށް ނެތް ކަމަށެވެ. އޭގެއިތުރުން ޖޭއެސްސީގައި މައްސަލަތައް ކުރިއަށްދާއިރު މެންބަރެއްގެ އަމިއްލަ މަސްލަހަތު ހިމެނޭ މައްސަލައެއް ނެތްނަމަ އޭގައި ބައިވެރިވެގެން ނުވާނެ ކަމަށް ގާނޫނުގައި ބަޔާންކުރާކަން އަމުރުގައި ހަނދާންކޮށްދީފައިވެ އެވެ.
ފަނޑިޔާރު އަބްދުﷲ ދީދީ ރިޝްވަތު ނަންގަވައިގެން، ހުކުމް އިއްވެވި ކަމަށް ވިދާޅުވެ ޖޭއެސްސީއަށް މައްސަލަ ހުށަހެޅުއްވީ އެ ކޮމިޝަންގައި އިންނަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. ފަނޑިޔާރަށް ފިޔަވަޅު އަޅާފައިވަނީ އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވި ޖޭއެސްސީގެ ފުރަތަމަ ބައްދަލުވުމުގަ އެވެ.