ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ މިރޭ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހާޒިރު ކުރަން ނިންމައި އެކަން އަންގައިފި އެވެ.
ޖޭއެސްސީއިން އެންމެ ފުރަތަމަ އެންގީ މިރޭ 10:00 އަށް ފަނޑިޔާރު ހާޒިރުވުމަށެވެ. ނަމަވެސް އިތުރު ވަގުތު ބޭނުންވާކަން ފަނޑިޔާރު އެންގެވުމުން މިރޭ 11:30 އަށް ހާޒިރުވާން ވަނީ އަންގާފަ އެވެ.
ފަނޑިޔާރު އަބްދުﷲ ދީދީ ޖޭއެސްސީއަށް ހާޒިރުކުރާއިރު އޭނާ ހާޒިރު ކުރުމެއް ނެތި ސަސްޕެންޑް ކުރި މައްސަލާގައި ބައެއް ގާނޫނީ ބޭފުޅުންގެ ފާޑުކިޔުން ޖޭއެސްސީއަށް އޮތީ އަމާޒުވެފަ އެވެ.
ޖޭއެސްސީއިން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރީ އޭނާއާ ގުޅޭ ގޮތުން ޖިނާއީ ތަހުގީގެއް ކުރަމުންދާކަން ފުލުހުން އެ ކޮމިޝަނަށް އެންގުމުންނެވެ.
ޖޭއެސްސީއިން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރުމުން އޭނާ ވަނީ އެ ސަސްޕެންޝަން އުވާލުމަށް އެދިވަޑައިގަތް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވާފަ އެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރުނީ ސަސްޕެންޝަން ފަސްކުރުމަށާއި އެ މައްސަލާގެ އެއްވެސް އިޖުރާއަތެއް އަދި ފިޔަވަޅެއް ނޭޅުމަށެވެ. ނަމަވެސް އެއީ ޖޭއެސްސީގެ ގާނޫނީ ޒިންމާއަށް ހުރަސް އަޅާ އަމުރެއް ކަމަށް ބުނެ އެ އަމުރު ގަބޫލު ނުކުރަން ޖޭއެއްސީއިން ނިންމި އެވެ.
އޭގެފަހުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަލް ކޮމެޓީއިން ވަނީ ޖޭއެސްސީގެ އެ ނިންމުމަށް ތާއިދުކޮށް އެއީ ސައްހަ ނިންމުމެއް ކަމަށް ފާސްކުރަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅަން ނިންމާފަ އެވެ.
އެ ނިންމުމަށް ރައްދު ދެއްވައި، މިއަދު ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ވަނީ ޖޭއެސްސީއިން އެ ކޯޓުގެ ވަގުތީ އަމުރާ ހިލާފުވާ ގޮތަށް ނިންމާފައިވާ ނިންމުމާއި އެ ނިންމުންގެ މައްޗަށް އެހެން މުއައްސަސާއަކުން ވެސް ނިންމާ ކޮންމެ ނިންމުމެއް ވާނީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅާފަ އެވެ.
އަމަލު ކުރައްވާނީ ސުޕްރީމް ކޯޓުގެ ވަގުތީ އަމުރަށް ކަމަށް ވިދާޅުވި މިހާރު ވެސް ފަނޑިޔާރު އަބްދުﷲ ދީދީ ރަސްމީ މަސައްކަތަށް ނުކުންނަވަ އެވެ.