ހަބަރު

ދީދީ ހާޒިރުކުރަނީ ސުލޫކީ ދެ މައްސަލައަކާ ގުޅިގެން

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ މިރޭ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހާޒިރު ކުރަނީ އޭނާއާ ގުޅޭ ދެ ސުލޫކީ މައްސަލައެއްގައި ބަޔާން ނެގުމަށް އެކޮމިޝަނުން ކަމަށް ބުނެފި އެވެ.

ޖޭއެސްސީއިން މިރޭ ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ ފަނޑިޔާރު އަބްދުﷲ ދީދީ ރަސްމީ މަސައްކަތަށް ނުކުންނަވާ މައްސަލާގައި އޭނާގެ ސުލޫކީ މައްސަލައެއް އޮތްތޯ ބެލުމަށެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް ނިންމައި އެކަން ކޮމިޝަންގެ މެންބަރުން މިހާރު ކުރަމުންދާ ކަމަށް ކޮމިޝަނުން ބުންޏެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ މަސައްކަތަށް ނުކުންނަވަނީ އޭނާ ސަސްޕެންޑްކުރުމަށް ޖޭއެސްސީއިން ނިންމާފައިވަނިކޮށެވެ. އެގޮތަށް ޖޭއެސްސީއިން ނިންމީ އޭނާއާ ގުޅޭ ޖިނާއީ ތަހުގީގުތަކެއް ފުލުހުން ކުރަމުންދާކަން އެ ކޮމިޝަނަށް ފުލުހުން ސިޓީއަކުން އަންގާފައިވާތީ އެވެ. ޖިނާއީ ތުހުމަތެއް ފަނޑިޔާރަކަށް ކުރެވޭނަމަ އެކަމަކާ ގުޅޭ ގޮތުން 48 ގަޑިއިރު ތެރޭގައި ޖޭއެސްސީއިން ފިޔަވަޅު އަޅަން ޖެހެ އެވެ.

ދެން ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭ ސުލޫކީ މައްސަލައަކީ އޭނާއާ ގުޅޭ މައްސަލަތަކެއްގެ ތަހުގީގު ފުލުހުން ހިންގަމުންދާކަން އެ ކޮމިޝަނަށް ސިޓީއަކުން ފުލުހުން އަންގާފައިވާ މައްސަލަ އެވެ. އެކަމުގައި އޭނާގެ ސުލޫކީ މައްސަލައެއް އޮތްތޯ ބެލުމަށް ވެސް ތަހުގީގު ޖޭއެސްސީއިން ވަނީ ފަށާފަ އެވެ.

ނަމަވެސް އެ ދެ މައްސަލާގެ ތަހުގީގު ކުރުމުގެ މަރުހަލާއިން ތިން މެންބަރަކު ވަނީ ތަނާޒަލްވެފަ އެވެ. އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި ޖޭއެސްސީގެ ރައީސް އަބްދުﷲ އަރީފާއި ކޮމިޝަންގެ މެންބަރު އަބްދުލްހަންނާން އަހުމަދާއި ލަތީފާ ގާސިމެވެ.

ފަނޑިޔާރު އަބްދުﷲ ދީދީއަށް އަންގާފައިވަނީ މިރޭ 11:30 އަށް ޖޭއެސްސީއަށް ހާޒިރުވުމަށެވެ.

ޖޭއެސްސީއިން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރުމުން އޭނާ ވަނީ އެ ސަސްޕެންޝަން އުވާލުމަށް އެދިވަޑައިގަތް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވާފަ އެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރުނީ ސަސްޕެންޝަން ފަސްކުރުމަށާއި އެ މައްސަލާގެ އެއްވެސް އިޖުރާއަތެއް އަދި ފިޔަވަޅެއް ނޭޅުމަށެވެ. ނަމަވެސް އެއީ ޖޭއެސްސީގެ ގާނޫނީ ޒިންމާއަށް ހުރަސް އަޅާ އަމުރެއް ކަމަށް ބުނެ އެ އަމުރު ގަބޫލު ނުކުރަން ޖޭއެއްސީއިން ނިންމި އެވެ.

އޭގެފަހުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަލް ކޮމެޓީއިން ވަނީ ޖޭއެސްސީގެ އެ ނިންމުމަށް ތާއިދުކޮށް އެއީ ސައްހަ ނިންމުމެއް ކަމަށް ފާސްކުރަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅަން ނިންމާފަ އެވެ.

އެ ނިންމުމަށް ރައްދު ދެއްވައި، މިއަދު ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ވަނީ ޖޭއެސްސީއިން އެ ކޯޓުގެ ވަގުތީ އަމުރާ ހިލާފުވާ ގޮތަށް ނިންމާފައިވާ ނިންމުމާއި އެ ނިންމުންގެ މައްޗަށް އެހެން މުއައްސަސާއަކުން ވެސް ނިންމާ ކޮންމެ ނިންމުމެއް ވާނީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅާފަ އެވެ.