ހަބަރު

ފަނޑިޔާރު ދީދީ ޖޭއެސްސީއަށް ހާޒިރުވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހާޒިރުވެވަޑައިގެންފި އެވެ. ފަނޑިޔާރާއެކު ޖޭއެސްސީއަށް ވަޑައިގެންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ވެސް ހިމެނޭ ދެ ވަކީލުންނެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ ޖޭއެސްސީއަށް މިރޭ ހާޒިރުކޮށްފައިވަނީ އޭނާއާ ގުޅޭ ސުލޫކީ ދެ މައްސަލައަކާ ގުޅޭ ގޮތުން ބަޔާން ނެގުމަށް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ. އެ ދެ މައްސަލައިގެ ވެސް ތަހުގީގު މިހާރު ކޮމިޝަންގެ މެންބަރުން ދަނީ ހިންގަމުންނެވެ.

ޖޭއެސްސީއިން މިރޭ ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ ފަނޑިޔާރު އަބްދުﷲ ދީދީ ރަސްމީ މަސައްކަތަށް ނުކުންނަވާ މައްސަލާގައި އޭނާގެ ސުލޫކީ މައްސަލައެއް އޮތްތޯ ބެލުމަށެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ މަސައްކަތަށް ނުކުންނަވަނީ އޭނާ ސަސްޕެންޑްކުރުމަށް ޖޭއެސްސީއިން ނިންމާފައިވަނިކޮށެވެ. އެގޮތަށް ޖޭއެސްސީއިން ނިންމީ އޭނާއާ ގުޅޭ ޖިނާއީ ތަހުގީގުތަކެއް ފުލުހުން ކުރަމުންދާކަން އެ ކޮމިޝަނަށް ފުލުހުން ސިޓީއަކުން އަންގާފައިވާތީ އެވެ. ޖިނާއީ ތުހުމަތެއް ފަނޑިޔާރަކަށް ކުރެވޭނަމަ އެކަމަކާ ގުޅޭ ގޮތުން 48 ގަޑިއިރު ތެރޭގައި ޖޭއެސްސީއިން ފިޔަވަޅު އަޅަން ޖެހެ އެވެ.

ދެން ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭ ސުލޫކީ މައްސަލައަކީ އޭނާއާ ގުޅޭ މައްސަލަތަކެއްގެ ތަހުގީގު ފުލުހުން ހިންގަމުންދާކަން އެ ކޮމިޝަނަށް ސިޓީއަކުން ފުލުހުން އަންގާފައިވާ މައްސަލަ އެވެ. އެކަމުގައި އޭނާގެ ސުލޫކީ މައްސަލައެއް އޮތްތޯ ބެލުމަށް ވެސް ތަހުގީގު ޖޭއެސްސީއިން ވަނީ ފަށާފަ އެވެ.

ނަމަވެސް އެ ދެ މައްސަލާގެ ތަހުގީގު ކުރުމުގެ މަރުހަލާއިން ތިން މެންބަރަކު ވަނީ ތަނާޒަލްވެފަ އެވެ. އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި ޖޭއެސްސީގެ ރައީސް އަބްދުﷲ އަރީފާއި ކޮމިޝަންގެ މެންބަރު އަބްދުލްހަންނާން އަހުމަދާއި ލަތީފާ ގާސިމެވެ.

ޖޭއެސްސީއިން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރުމުން އޭނާ ވަނީ އެ ސަސްޕެންޝަން އުވާލުމަށް އެދިވަޑައިގަތް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވާފަ އެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރުނީ ސަސްޕެންޝަން ފަސްކުރުމަށާއި އެ މައްސަލާގެ އެއްވެސް އިޖުރާއަތެއް އަދި ފިޔަވަޅެއް ނޭޅުމަށެވެ. ނަމަވެސް އެއީ ޖޭއެސްސީގެ ގާނޫނީ ޒިންމާއަށް ހުރަސް އަޅާ އަމުރެއް ކަމަށް ބުނެ އެ އަމުރު ގަބޫލު ނުކުރަން ޖޭއެއްސީއިން ނިންމި އެވެ.

އޭގެފަހުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަލް ކޮމެޓީއިން ވަނީ ޖޭއެސްސީގެ އެ ނިންމުމަށް ތާއިދުކޮށް އެއީ ސައްހަ ނިންމުމެއް ކަމަށް ފާސްކުރަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅަން ނިންމާފަ އެވެ.

އެ ނިންމުމަށް ރައްދު ދެއްވައި، މިއަދު ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ވަނީ ޖޭއެސްސީއިން އެ ކޯޓުގެ ވަގުތީ އަމުރާ ހިލާފުވާ ގޮތަށް ނިންމާފައިވާ ނިންމުމާއި އެ ނިންމުންގެ މައްޗަށް އެހެން މުއައްސަސާއަކުން ވެސް ނިންމާ ކޮންމެ ނިންމުމެއް ވާނީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅާފަ އެވެ.