ސަސްޕެންޝަން އުވާލުމަށް އެދިވަޑައިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ހުށަހެޅުއްވި ދުސްތޫރީ މައްސަލައަކީ ސުޕްރީމް ކޯޓަށް ނުބެލޭނެ މައްސަލައެއް ކަމަށް ނިންމައި، އެކަަން އެގޮތަށް އެ ކޯޓުގައި ދަންނަވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިރޭ ނިންމައިފި އެވެ.
ޖޭއެސްސީއިން އެގޮތަށް ނިންމާފައިވަނީ މިރޭ ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގަ އެވެ. ބައްދަލުވުމުގައި ޖޭއެސްސީގެ ރައީސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ނުވަ މެންބަރުން ބައިވެރިވެވަޑައިގަތް ބައްދަލުވުމުގައި އަގްލަބިއްޔަތުން ނިންމާފައިވަނީ ފަނޑިޔާރު ދީދީ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލާގައި ޖަވާބުދާރީވުމަށް އެ ކޮމިޝަންގެ އެސިސްޓެންޓް ޑިރެކްޓަރު ފޮނުވުމަށެވެ. އަދި އެ މައްސަލައަކީ އެ ކޯޓަށް ނުބެލޭނެ މައްސަލައެއް ކަމަށް ދަންނަވާށެވެ.
ޖޭއެސްސީއިން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރީ އޭނާއާ ގުޅޭ ގޮތުން ޖިނާއީ ތަހުގީގެއް ކުރަމުންދާކަން ފުލުހުން އެ ކޮމިޝަނަށް އެންގުމުންނެވެ.
ޖޭއެސްސީއިން ފަނޑިޔާރު އަބްދުﷲ ދީދީ ހުށަހެޅުއްވި ދުސްތޫރީ މައްސަލާގައި ވަނީ ވަގުތެއް އަމުރެއް ނެރެފަ އެވެ. ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރުނީ ސަސްޕެންޝަން ފަސްކުރުމަށާއި އެ މައްސަލާގެ އެއްވެސް އިޖުރާއަތެއް އަދި ފިޔަވަޅެއް ނޭޅުމަށެވެ. ނަމަވެސް އެއީ ޖޭއެސްސީގެ ގާނޫނީ ޒިންމާއަށް ހުރަސް އަޅާ އަމުރެއް ކަމަށް ބުނެ އެ އަމުރު ގަބޫލު ނުކުރަން ޖޭއެއްސީއިން ނިންމި އެވެ.
އޭގެފަހުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަލް ކޮމެޓީއިން ވަނީ ޖޭއެސްސީގެ އެ ނިންމުމަށް ތާއިދުކޮށް އެއީ ސައްހަ ނިންމުމެއް ކަމަށް ފާސްކުރަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅަން ނިންމާފަ އެވެ.
އެ ނިންމުމަށް ރައްދު ދެއްވައި، މިއަދު ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ވަނީ ޖޭއެސްސީއިން އެ ކޯޓުގެ ވަގުތީ އަމުރާ ހިލާފުވާ ގޮތަށް ނިންމާފައިވާ ނިންމުމާއި އެ ނިންމުންގެ މައްޗަށް އެހެން މުއައްސަސާއަކުން ވެސް ނިންމާ ކޮންމެ ނިންމުމެއް ވާނީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅާފަ އެވެ.
އަމަލު ކުރައްވާނީ ސުޕްރީމް ކޯޓުގެ ވަގުތީ އަމުރަށް ކަމަށް ވިދާޅުވި މިހާރު ވެސް ފަނޑިޔާރު އަބްދުﷲ ދީދީ ރަސްމީ މަސައްކަތަށް ނުކުންނަވަ އެވެ. އެކަން ސުލޫކީ މައްސަލައެއްގެ ގޮތުގައި ޖޭއެސްސީއިން ބަލަމުންދާއިރު މިރޭ ވަނީ އެ ކޮމިޝަނަށް ފަނޑިޔާރު ދީދީ ހާޒިރުވެސް ކޮށްފަ އެވެ.