ހަބަރު

ބިދޭސީންގެ ފަރާތުން ކުރިމަތިވެދާނެ ނުރައްކާތަކަށް ވިސްނަންޖެހޭ: ސީޕީ

Jun 18, 2019
7

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭންސީގެ އަދަދު އިންތިހާއަށް އިތުރުވެގެން ގޮސްފައިވާއިރު، އެމީހުންގެ ފަރާތުން ގައުމުގެ ސަލާމަތަށް ކުރިމަތިވެދާނެ ނުރައްކަލަށް ވިސްނަންޖެހޭ ކަމަށް، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު އިންޒާރު ކުރައްވައިފި އެވެ.

ކުރުނބާ މޯލްޑިވްސްގައި މިހާރު ކުރިއަށްދާ "މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމް" ގެ ތެރެއިން ދައުލަތް ހިންގުމާއި ސަލަމާތާގުޅޭ ސެޝަންގައި، ރާއްޖޭގައި މަސައްކަތް ކުރާ ބިދޭންސީންގެ ފަރާތުން އަންނަ ދީނީ ހަރުކަށި ވިސްނުމުގެ މައްސަލައާގުޅޭ ގޮތުން ގްރީސްގެ މަންދޫބު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ހަމީދު ވިދާޅުވީ ބިދޭސީންގެ އަދަދު ރާއްޖޭގައި އިތުރުވަމުންދާ މައްސަލަ ރަނގަޅަށް މެނޭޖުކުރަން ޖެހިފައިވާ ކަމަށެވެ.

"ދީނީ ހަރުކަށި ފިކުރު އެކަންޏެއް ނޫން. ކުށް ކުރުމުގެ މައްސަލަތައް ވެސް އެކަމުގެ [ބިދޭސީން އިތުރުވުމުގެ] ސަބަބުން. ބިދޭސީން އިތުރުވެގެން ދިއުން ހުއްޓުވަން އެ މައްސަލަ ރަނގަޅަށް މެނޭޖުކުރަންޖެހޭ،" ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.

ގްރީސްގެ އިތުރުން، އޮސްޓްރިއާ އިން ވެސް ވަނީ ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު ފެތުރެމުންދާ މިންވަރާއި ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވައިދާ ހިލާފަށް ހިނގާ ކަންކަން ހުއްޓުވަން ސަލާމަތީ ބާރުތަކުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް ގިނަ ސުވާލުތަކެއް ކުރިމަތިކުރުވި އެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ވިދާޅުވީ، ރާއްޖޭގައި ޓެރަރިޒަމާއި ހަރުކަށި ފިކުރާއި ދެކޮޅަށް ކަމާބެހޭ ހުރިހާ އިދާރާތަކެއް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ. އެގޮތުން އިދާރާތަކުން މައުލޫމާތު ބަދަލު ކުރުމުގައި، އެމަޖެންސީ ހާލަތްތަކުގައި އަމަލު ކުރާނެ އޮޕަރޭޝަންތައް ވެސް ކަމާބެހޭ އިދާރާތަކުން ގުޅިގެން ކުރިއަށް ގެންދާ ކަމަށެވެ.

ފޯރަމްގައި މި ބައިގެ އިތުރުން މިއަދުގެ މެންދުރު ފަހުގެ ދަންފަޅީގައި އޮންނާނީ ރާއްޖޭގައި ވިޔަފާރި ކުރުމާއި ގުޅޭ ބައެވެ. މި ބައިގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ބައިވެރިވެވަޑައި ގަންނަވާނެ އެވެ. އަދި ޕްރައިވެޓް ސެކްޓާ ޑިވްލޮޕްމަންޓާ ބެހޭ ސެޝަންއެއް ވެސް މިއަދު އޮންނާނެ އެވެ.

ޕާޓްނާޝިޕް ފޯރަމްގައި 35 ގައުމެއްގެ 27 ޖަމިއްޔާ އަކުން 130 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެ އެވެ.