މަގުމަތީގެ އެކްސިޑެންޓް

ފުލުސް ހިސާބު: މިދިޔަ ހަފުތާގައި 42 އެކްސިޑެންޓް

މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް 42 އެކްސިޑެންޓް މާލޭގައި ހިނގި ކަމަށާއި ގަވައިދާ ހިލާފު ވެގެން 17 ސައިކަލާއި ހަތް ކާރެއް ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ޓްރެފިކް ޑިޕާޓްމެންޓުން ހަފުތާހިސާބު ބުނާ ގޮތުން ލައިސަންސް އޮވެ، ލައިސަންސް ނުލައި ސައިކަލް ދުއްވި 69 އުޅަނދެއް، އަދި ލައިސަންސް ނެތި ދުއްވި 149 ފަރާތެއް ވަނީ ހިފަހައްޓާފަ އެވެ. އަދި، ޓްރެފިކް ބައްތީގެ ގާނޫނުތަކަށް ހިލާފުވި ހަތް ފަރާތަކާމެދު ފިޔަވަޅު އެޅި އެވެ.

ފުލުސް ހަފުތާ ހިސާބުތަކުގައިވާ ގޮތުން މިދިޔަ ހަތް ދުވަހު ތެރޭ ކަނޑައެޅިފައިވާ ސްޕީޑް ލިމިޓަށްވުރެ ބާރަށް ދުއްވައިގެން 35 ފަރާތެއް ހިފަހައްޓައި 1014 އެއްގަމު އުޅަނދެއްގައި ޕާކިން ވަޔަލޭޝަން ސްޓިކާ ޖަހާފައިވެ އެވެ. އަހަރީ ފީ ނުދައްކާ ދުއްވި 37 އުޅަނދަކާއި އިންޝުއަރެންސް ހަމަވެފައިވާ 25 ފަރާތަކަށް ފިޔަވަޅު އަޅާފައިވެ އެވެ.

މީގެ އިތުރުންވެސް، ހެލްމެޓް ނާޅާ ބްރިޖުގައި ދުއްވި ދެ ފަރާތެއް ހުއްޓުވާ ފިޔަވަޅު އަޅާފައިވެ އެވެ.