އެމްޓީސީސީން ހިންގާފައިވާ މަޝްރޫއުތަކަށް އެކި ފަރާތްތަކުން ލިބެންޖެހޭ ފައިސާ 300 މިލިއަނަށް އަރާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
އެމްޓީސީސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ހަސަން ޝާހު ވިދާޅުވީ އެ ކުންފުންޏަށް ލިބެން ޖެހޭ ފައިސާ 300 މިލިއަން ރުފިޔާ އަށް އަރާއިރު، އެ ފައިސާގެ ބައެއް ލިބެމުންވެސް އަންނަ ކަމަށެވެ. އަދި އެ ކުންފުނީގައި 600 މިލިއަނެއްހާ ރުފިޔާގެ ދަރަނި އެބައޮތް ކަމަށް ސީއީއޯ ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ މިދިޔަ އަހަރު ނިމުނިއިރު އެމްޓީސީސީގައި އެކަށީގެންވާ ރަނގަޅު މަޝްރޫއުތަކެއް މި އަހަރަށް ނެތް ކަމަށެވެ.
"މިދިޔަ އަހަރު ނިމި، 2019 ވަނަ އަހަރަށް އެޅުނުއިރު މި ކުންފުނީގައި ރަނގަޅު ޕްރޮޖެކްޓެއް ނެތް ކެރީ ފޯއަޑްވެފަ އެއް. ހުރި ޕްރޮޖެކްޓް ތަކެއް ހުރީ އައިޑަލް ކޮށެއް ނޫން. އެ ޕްރޮޖެކްޓްސްތައް ޖެހުނީ ފަހުން އުފެދުނު މިނިސްޓްރީތަކާ ވާހަކަ ދައްކައިގެން ޑިޒައިން ތަކަށް ބަދަލު ގެނެސްގެން އަލުން ފަށަން،" ޝާހު ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝާހު ވިދާޅުވީ އެ ކުންފުނީގެ މައިގަނޑު ކްލައިންޓަކީ ސަރުކާރު ކަމަށެވެ. އަދި ކުންފުނީގެ މިހާރުގެ ހާލަތާބެހޭ ގޮތުން ސަރުކާރާއެކު މަޝްވަރާ ވެސް ކޮށްފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އެންމެ ބޮޑު ކްލައިންޓަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން. ކްލައިންޓާއި ކޮންޓްރެކްޓަކާ ދެމެދު އަބަދު ވެސް މަޝްވަރާ ކުރެވޭނެ. އެގްރީމެންޓް ތަކަށް ބަދަލު ގެނެސް އެމެންޓްމަންޓްތައް އަންނާނެ. އެންމެ ބޮޑު އައުޓްސްޓޭންޑިން އެއް އޮންނާނީ ޕްލޭނިންގައި. ޕޭމަންޓް ލަސްވިއަސް އެ ޕޭމަންޓުތައް ލިބެމުން ދޭ. އަދި އަޅުގަނޑުމެން ކަމެއްގައި ބޭނުން ވެގެން އެދިއްޖެނަމަ ޕޭމަންޓުތައް އަވަސް ވެސް ކޮށްދެއްވާ،" ޝާހު ވިދާޅުވި އެވެ.
އެމްޓީސީސީ އިން ވަނީ އެ ކުންފުނިން މިހާރު ކުރިއަށް ގެންދާ މަޝްރޫއުތަކާއި ނިމިފައިވާ މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާކޮށްފަ އެވެ.
އެމްޓީސީސީއިން މިހާރު 24 ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށް ގެންދާއިރު މި އަހަރުގެ މިހާތަނަށް 13 މަޝްރޫއެއްގެ މަސައްކަތް ވަނީ ނިންމާލާފަ އެވެ. މިހާރު ކުރިއަށް ގެންދާ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ހޯރަފުށީ އެއާޕޯޓާއި މާވަރުލު އެއާޕޯޓު އަދި ކުޅުދުއްފުށީ ބަނދަރުގެ މަސައްކަތާއި ފަރެސްމާތޮޑާގައި އެއާޕޯޓު އަޅަން ބިން ހިއްކުމުގެ މަސައްކަތް ހިމެނެ އެވެ.
ސީއީއޯ ޝާހު ވިދާޅުވީ މިހާރު ކުރިއަށްދާ މަޝްރޫއުތަކާއެކު މި އަހަރު ނިމޭއިރު އެ ކުންފުންޏަށް ފައިދާ ވާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.
"މި އަހަރު ކުރިއަށް އޮތް ކުއާޓާތަކުގައި ވެސް ފައިދާ ލިބޭނެ. އަހަރު ނިމޭއިރު ވެސް، އެމްޓީސީސީއަކީ ފައިދާ ލިބޭ ކުންފުންޏަކަށް ވާނެ،" ޝާހު ވިދާޅުވި އެވެ.
އެމްޓީސީސީގެ ކޮންސްޓްރަކްޝަން ޕްރޮޖެކްޓް ޑިޕާޓްމަންޓުގެ ހެޑް، އަހުމަދު ލަތީފު ވިދާޅުވީ މިހާރު ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް މި އަހަރު ނިމޭނެ ކަމަށެވެ. އަދި މާވަރުލު އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭއިރު، ފަރެސްމާތޮޑާ އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތުގެ 80 ޕަސެންޓު ނިމިފައިވާއިރު މި މަސައްކަތް ވެސް އަންނަ މަހުގެ ނިޔަލަށް ނިމިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.