ހަބަރު

ދަތުރުފަތުރުން އެމްޓީސީސީއަށްވާ ގެއްލުން ކުޑަ ކުރަނީ

އެމްޓީސީސީ އަށް ދަތުރުފަތުރުންވާ ގެއްލުން ކުޑަ ކުރަން ފިޔަވަޅު ތަކެއް އަޅަން އެ ކުންފުނިން ތައްޔާރުވާން ފަށައިފި އެވެ.

އެމްޓީސީސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސީއީއޯ ހުސެއިން ޝާހު ވިދާޅުވީ އެ ކުންފުންޏަށް އެންމެ ބޮޑު ގެއްލުމެއްވާ އެއް ދާއިރާއަކީ ދަތުރުފަތުރު ކަމަށާއި އެ ދާއިރާއިން ލިބޭ ގެއްލުން ކުޑަ ކުރަން ފިޔަވަޅު ތަކެއް އަޅަން މަސައްކަތް ފަށާފައިވާ ކަމަށެވެ.

"ޓްރާންސްޕޯޓް ސާވިސްއިން އަބަދުވެސް ގެއްލުންވޭ. ހަމަ ކޮންމެ އަހަރަކު ވެސް ގެއްލުންވޭ. ސަރުކާރުގެ މިހާރު ވިސްނުން އެބަހުރި އެ ކަމަށް ހައްލެއް ގެނައުމަށް މިކަމުން ގެއްލުން ކުޑަ ކުރަން ޑައިރެކްޓް ސަބްސިޑީއެއް ދެވޭނެ ކަމުގެ އިރުޝާދެއް ވެސް ވަނީ ލިބިފައި،" ޝާހު ވިދާޅުވި އެވެ.

އެމްޓީސީސީގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި އެ ކުންފުންޏަށް 45 މިލިއަން ރުފިޔާގެ ގެއްލުންވި އެވެ. ނަމަވެސް މިދިޔަ އަހަރުގެ އެ މުއްދަތުގައި އެ ކުންފުންޏަށް ވަނީ 9.7 މިލިއަން ރުފިޔާގެ ފައިދާ ވެފައެވެ. ގެއްލުންވުމުގެ މައިގަނޑު ސަބަބަކީ ދަތުރުފަތުރުގެ ދާއިރާ އިން ލިބޭ ގެއްލުން ބޮޑުވުން ކަމަށް ޝާހު ވިދާޅުވި އެވެ.

އެ ކުންފުނިން ދަނީ އެ ދާއިރާއިން ލިބޭ ގެއްލުން ކުޑަ ކުރުމުގެ ގޮތުން "އެމްޓީސީސީ ޓްރާންސްޕޯޓް ސެކްޓާ" ކުންފުނިން ވަކިކޮށްލުމުގެ ވިސްނުމެއް ގެންގުޅެމުންނެވެ.

"އެމްޓީސީސީއަކީ ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުންޏެއް. އެހެންވެ މި ހިދުމަތުން [ދަތުރުފަތުރުން] ވާ ގެއްލުން އުނި ކުރެވޭނެ ނިޒާމެއް މި ދަނީ ރާވަމުން. އެ ގޮތަކީ ވަކިން ކުންފުންޏެއް ހެދުން ކަމުގައި ވިއަސް. އެކަމުގެ މަޝްވަރާތައް ކުރިއަށް އެބަ ގެންދޭ،" ޝާހު ވިދާޅުވި އެވެ.

އެމްޓީސީސީއިން ބުނެފައިވާ ގޮތުގައި މި އަހަރު ވެސް މި ދާއިރާއިން 70 މިލިއަން ރުފިޔާގެ ގެއްލުންވި އެވެ.