ހަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަތޯ މާދަމާ ބަލަނީ

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ޝަރުތު ހަމަތޯ ބަލަން މާދަމާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އެޖެންޑާ ކުރަން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

މާދަމާއަށް ޖޭއެސްސީގެ ބައްދަލުވުމަށް އެ މައްސަލަ އެޖެންޑާ ކުރަން ނިންމާފައިވާކަން އެނގިފައިވީ ނަމަވެސް ޖޭއެސްސީގެ ރަސްމީ ބަހެއް މިކަމުގައި ނުލިބެ އެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ޖޭއެސްސީއިން ބެލުމަށް އަންގައި ގަރާރެއް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ 69 މެންބަރުންގެ ވޯޓުން ފާސްވި ގަރާރަކީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި ގަރާރެކެވެ.

އެ ގަރާރު މަޖިލީހަށް އާޒިމް ހުށަހެޅުއްވީ ސުޕްރީމް ކޯޓާއި ޖޭއެސްސީއާ ދެމެދު މައްސަލަ ވަރަށް ބޮޑަށް ގޯސްވެފައިވާތީ އެވެ. މައްސަލަ ހޫނުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަ ފުލުހުން ތަހުގީގު ކުރާ ކަމަށް ބުނެ އޭނާ ސަސްޕެންޑްކުރުމުންނެވެ.

ޖޭއެސްސީއިން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރުމުން އޭނާ ވަނީ އެ ސަސްޕެންޝަން އުވާލުމަށް އެދިވަޑައިގަތް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވާފަ އެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރުނީ ސަސްޕެންޝަން ފަސްކުރުމަށާއި އެ މައްސަލާގެ އެއްވެސް އިޖުރާއަތެއް އަދި ފިޔަވަޅެއް ނޭޅުމަށެވެ. ނަމަވެސް އެއީ ޖޭއެސްސީގެ ގާނޫނީ ޒިންމާއަށް ހުރަސް އަޅާ އަމުރެއް ކަމަށް ބުނެ އެ އަމުރު ގަބޫލު ނުކުރަން ޖޭއެއްސީއިން ނިންމި އެވެ.

އެ ނިންމުމަށް ރައްދު ދެއްވައި، މިއަދު ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ވަނީ ޖޭއެސްސީއިން އެ ކޯޓުގެ ވަގުތީ އަމުރާ ހިލާފުވާ ގޮތަށް ނިންމާފައިވާ ނިންމުމާއި އެ ނިންމުންގެ މައްޗަށް އެހެން މުއައްސަސާއަކުން ވެސް ނިންމާ ކޮންމެ ނިންމުމެއް ވާނީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅާފަ އެވެ.

އޭގެފަހުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަލް ކޮމެޓީއިން ވަނީ ޖޭއެސްސީގެ އެ ނިންމުމަށް ތާއިދުކޮށް، ސުޕްރީމް ކޯޓުން އެހެން މުއައްސަސާތަކުގެ ޒިންމާތަކަށް ހުރަސް ނޭޅުމަށް އިލްތިމާސްކުރަން ނިންމާފަ އެވެ.

އޭގެފަހުން ޖޭއެސްސީއިން ވަނީ އަބްދުﷲ ދީދީގެ ސުލޫކީ މައްސަލަތަކާ ގުޅިގެން އޭނާ އެ ކޮމިޝަނަށް ހާޒިރުކޮށްފަ އެވެ. އަދި ހުޅުވާލައިގެން ތަހުގީގު ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ ތަހުގީގުގައި އަބްދުﷲ ދީދީ އާއި ޖޭއެސްސީގެ މެންބަރުންނާ ދެމެދު ހޫނު ބަހުސްތަކެއް ކުރިއަށް ދިޔަ އެވެ.

މިކަންތަކާ ހުރެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ބަޔާނެއް ނެރުއްވާފަ އެވެ. ރައީސް ވިދާޅުވެފައިވަނީ ޖޭއެސްސީ ޖަވާބުދާރީކުރުމަކީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއް ކަމަށާއި އެކަން ޖުޑިޝަރީ ނުވަތަ ސުޕްރީމް ކޯޓަށް ނުކުރެވޭނެ ކަމަށެވެ.

ފަނޑިޔާރުންގެ ޝަރުތު ހަމަތޯ ބެލުމަށް ނިންމާފައިވާއިރު ފަސް ފަނޑިޔާރުން މަގާމުން ދުރުކުރުމަށް އުޅޭ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ. އަދި އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ވެސް ޖޭއެސްސީއަށް ހުށަހަޅާފައިވާ ކަމަށް އަޑު ވަނީ ފެތުރިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ގިނަ މެންބަރުންތަކެއް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާޑުވިދާޅުވެފަ އެވެ. ފަނޑިޔާރުން ބޭރު ކުރަން ޖެހޭ ކަމަށް އެ މެންބަރުން ވަނީ ގޮވާލައްވާފަ އެވެ. އެމްޑީޕީއިން މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގައި އެންމެ ބޮޑަށް ވަކާލާތު ކުރި ކަމަކީ ޖުޑިޝަރީ އިސްލާހު ކުރުމެވެ.

އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ލިބިފައިވާއިރު ޖޭއެސްސީގެ ކޮންޓްރޯލް ވެސް އެމްޑީޕީއަށް އޮތީ ލިބިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ޖޭއެސްސީގައި އިންނަވަ އެވެ.