ހަބަރު

ތިން ރަށެއްގެ ބަނދަރު ހެދުމުގެ މަޝްރޫއުގައި ސޮއިކޮށްފި

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ އިން ށ. ނޫމަރާ، ނ. ހެނބަދޫ އަަދި ސ. މީދޫ ބަނދަރު ހެދުމުގެ މަޝްރޫއުގައި ސޮއި ކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ސޮއި ކުރި ށ. ނޫމަރާ ބަނދަރު ހެދުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ ސާސް އީ ކޮންސްޓްރަކްޝަން އާ 9،990،500.00 ރުފިޔާ އަށް އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. މި މަޝްރޫއުގެ ދަށުން 48 މީޓަރުގެ ގްރޯއިން ޖެހުމާއި، 63 މީޓަރުގެ ބޭރުތޮށި އަދި ދެ ނެރު ބައްތި ޖެހުމަށް ވަނީ ހަމަޖެހިފައި ކަމަށް ޕްލޭނިންގް މިނިސްޓްރީ އިން ބުންޏެވެ.

މަޝްރޫއުގައި ސޮއި ކުރީ ޕްލޭނިން މިނިސްޓްރީ އިން ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު އާއި މަޝްރޫއު ހަވާލުކުރެވުނު ފަރާތުން ޑިރެކްޓަރު އަބްދުﷲ ސަވާދު އެވެ.

ނ. ހެނބަދޫ އަދި ސ. މީދޫ ބަނދަރު ހެދުމުގެ މަަޝްރޫއު ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެގޮތުން، ހެނބަދޫ ބަނދަރު ހަދަން ހަވާލުކޮށްފައިވަނީ 26،629،639.27 ރުފިޔާއަށް 300 ދުވަހުގެ މުއްދަތަށެވެ. އަދި، ސ. މީދޫ ބަނދަރު އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 35،436،107.38 ރުފިޔާ އަށް އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.

މި ދެ މަޝްރޫއުގައިވެސް އެމްޓީސީސީ އިން ސޮއި ކޮށްފައިވަނީ އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހް އެވެ. އަދި ޕްލޭނިންގް މިނިސްޓްރީ އިން ޑިރެކްޓާ ޖެނެރަލް އެވެ.

ސޮއި ކުރުމުގެ ރަސްމިއްޔާތަށްފަހު، ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ޝާނާ ފާރޫގު ވިދާޅުވީ، މިއަދު ސޮއި ކުރި ނޫމަރާ ބަނދަރަކީ ފަސް އަހަރު ކުރިން ހަދާފައިވާ ބަނދަރެއް ކަމަށާއި އެހެންނަމަވެސް، ބަނދަރަށް ވެލި ވެއްދުމާއި ބަނދަރު ތެރެ ގަދަ ވުމުގެ މައްސަލަ ފާހަގަކުރެވިފައިވާތީ އެކަން ހައްލު ކުރުމުގެ ގޮތުން މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާ މަޝްރޫއެކެވެ. އަދި، މީދޫގައި ހަދަން ހަމަޖެހިފައިވާ ބަނދަރަކީ މިހާރުވެސް އެރަށުގައި ބަސްތާ ތޮށިން ހަދާފައި އޮތް ބަނދަރެއް ކަމާއި އެހެންނަމަވެސް ތޮށި އާ ކުރުމުގެ މަސައްކަތް ކުރާނެ ކަން ފާހަގަ ކުރެއްވި އެވެ. ނ. ހެނބަދޫ ބަނދަރަކީ އަލަށް ހަމަޖެހިފައިވާ ބަނދަރެކެވެ.

މިއަދު ހަވާލު ކުރެވުނު ތިން ބަނދަރަކީ ވެސް ދައުލަތުގެ ބަޖެޓުން ހަރަދު ކުރާ މަޝްރޫއުތަކެކެވެ.