ޖިއްދާއިން މާލެއަށް

ޖިއްދާއިން މާލެއަށް: އިންޓަވިއުގައި ކާމިޔާބު ހޯދާނީ ކިހިނެއް؟

ވަޒީފާގެ ބާޒާރަކީ ޢާއްމު ގޮތެއްގައި ތަނަވަސް ކަން ކުޑަ ބާޒާރެކެވެ. އަދި މި ޒަމާނުގައި އެ ބާޒާރުގައި ވިއްކޭނީ ވެސް ވަރަށް އަގު ހުރި މޭވާއެކެވެ. މިއަދު ޒުވާނުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ވަޒީފާގެ ގޮންޖެހުމެވެ. އާދައިގެ ވަޒީފާއަކަށް ވެސް އެތައް ބަޔަކު ކުރިމަތިލަ އެވެ. އަދި ބައެއް ވަޒީފާތަކަށް ކުރިމަތިލާ މީހުންނަކީ އެ ވަޒީފާތަކުގެ ޝަރުޠުތަކަށް ވުރެ މަތީ ފެންވަރުގެ މީހުންނެވެ. އެކަން އެގޮތަށް ދިމާވަނީ ވަޒީފާގެ ބާޒާރުގައި ތަނަވަސްކަން ކުޑަވީމަ އެވެ. މި ފަހަރު މަޒްމޫގައި މި ބަލާލަނީ ވަޒީފާގެ އިންޓަވިއު ކާމިޔާބު ކުރުމުގެ މައްޗަށެވެ.

މި ފަދަ މަޒްމޫނެއް މިލިޔަނީ ތަޖުރިބާތަކުގެ މައްޗަށް ބިނާކޮށް ޒުވާނުންގެ ޝަޚުޞިއްޔަތު ބިނާ ކުރުމުގައި އެހީތެރިވެ ދިނުމަށެވެ. ބައެއް ޒުވާނުން ޢިލްމީ ގޮތުން ވަރަށް މޮޅު ކަމުގައި ވިޔަސް ވަޒީފާގެ އިންޓަވިއުއިން ފެއިލް ވެއެވެ.

އިންޓަވިއުގެ ތެރޭގައި ބިރު ގަނެ ތުރުތުރު އަޅައި މިފަދަ އެތައް ކަމެއް ދިމާވެއެވެ. ހުނަރުވެރި ކަމެއް ނުދެއްކެ އެވެ. ބައެއް ޒުވާނުން އިންޓަވިއު ރޫމަށް ވަދެ އިންޓަވިއު ނިމިގެން ނުކުންނަން ދެން ވެސް އިންޓަވިއު ކުރާ މީހުންގެ މޫނަށް ވެސް ބަލާ ނުލައި އިސް ޖަހައިގެން ތިބެ އެވެ. ސުވާލު ތަކަށް ޖަވާބު ދެނީ ވެސް އެ ޙާލަތުގައި ތިބެ އެވެ. މިކަންކަން ޙައްލު ކުރުމަށް އޮތް މަގަކީ ކޮބައި ހެއްޔެވެ؟ އިންޓަވިއު ކާމިޔާބު ކުރާނީ ކިހިނެއް ހެއްޔެވެ؟ އިންޓަވިއު ކުރަން ތިބި މީހުންގެ ހިތްތައް ދަމައިގަންނާނީ ކިހިނެއްޔެވެ؟ އިންޓައިވު ކާމިޔާބު ކުރުމަށްޓަކައި އަންނަނިވި ކަންކަމާ މެދު ސަމާލު ވާށެވެ.

އަމިއްލަ ނަފްސުގެ ތަޢާރަފު އެރުވުން

އަމިއްލަ ސީވީ އޮންނާނީ ކުރިން ޑޮކިއުމެންޓްތަކާއެކު ލާފަ އެވެ. ނަމަވެސް ޢާއްމު ގޮތެއްގައި އިންޓަވިއު ޕެނަލްގައި އަމިއްލަ ނަފްސުގެ ތަޢާރަފް އަރުވަންޖެހޭނެ އެވެ. ވީމާ ކުރު ގޮތަކަށް އަމިއްލަ ނަފްސުގެ ތަޢާރުފެއް އަރުވާށެވެ. މިގޮތުން އަމިއްލަ ނަފްސުގެ ތަޢާރުފް އެރުވުމުގައި ނަމާއި އެޑްރެހާއި އުފަންރަށާއި ތަޢުލީމު ޙާޞިލްކުރި ތަންތަނާއި ޤައުމުތަކާއި ކުރީގެ ވަޒީފާގެ ތަޖުރިބާތައް ޙިއްސާ ކުރާށެވެ. އަދި އިންޓަވިއުއަށް ދާއިރު ތަޢުލީމީ ސެޓްފިކެތްތަކުގެ އަސްލުތަކާއި ވަޒީފާގެ ތަޖުރިބާ އަންގައިދޭ ލިޔެކިއުންތަކުގެ އަޞްލުތަކުގެ ފައިލް ގެންދާށެވެ.

އިށީނދެ އިނުން

އިންޓަވިއުއަށް ގޮނޑީގައި އިށީންދެ އިންނަ އިރު ސީރިއަސްކޮށް އިށީންނާށެވެ. ގޮނޑިއަށް ލެނގިގެން އޮށޯވެ އޮންނަ ގޮތަށް ނުއިށީންނާށެވެ. އިންޓަވިއު ރޫމަށް ވަންނަ އިރު ފޯން ނިއްވާލައިގެން ވަންނާށެވެ. މޭޒުމަތީގައި ދެ އަތް ބާއްވައިގެން އެއް އަތުން އަނެއް އަތާ ކުޅެ ނުހަދާށެވެ. ސީދަލަށް އިށީންދެގެން އިންނާށެވެ. ބައެއް ކަންކަން ބަޔާން ކުރުމުގައި އަތުން އިޝާރާތްކޮށް ހަރާކަތްތައް ފާޅު ކުރުމަކީ މައްސަލައެއް ނޫނެވެ.

ހިނިތުންވުން

ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ގޮތުން ހިނިތުންވުމަކީ ޞަދަޤާތެކެވެ. ހިނިތުންވުމަކީ އާދައާ ޚިލާފު ބާރެއް އޭގައި އެކުލެވޭ ޖާދޫ އެކެވެ. އެއީ ސިހުރެކެވެ. ސިހުރެކޭ މިދަންނަވަނީ ހިނިތުންވުމުގެ ޖާޒުބީ އަސަރުގަދަ ކަމުގެ މައްޗަށް ބިނާ ކޮށެވެ. ހިނިތުންވާ ގޮތާއި ހިނިތުންވާ ހިނދު މުޚާޠަބު ކުރެވޭ މީހާގެ މޫނަށް ބެލުމާއި ސީދާކޮށް އޭނާއާއި ގުޅެއެވެ. މުޅި ޖައްވަށް އުޖާލާ ކަން ވެރިވެއެވެ. އެހެންކަމުން އިންޓަވިއު ރޫމަށް ވަންނަ އިރު ހިނިތުންވުމާ އެކު ވަންނާށެވެ. އިންޓަވިއު ރޫމަށް ވަދެ ސަލާމް ކުރާށެވެ. ނުވަތަ ސަލާމް ގޮވާށެވެ. ހަމަ ޖެހިލައިގެން އިށީނދެގެން އިނދެ އިންޓަވިއުއަށް ހޮވުނީތީވެ ފުރަތަމަ ވެސް ޝުކުރު އަދާކުރާށެވެ.

"އަޅުގަނޑަށް މި ފުރުޞަތު ދެއްވީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ!" މިފަދައިން ބުނާށެވެ. އެހާ މަޑުން އަދި އެހާ ބާރަށް ވާހަކަ ނުދައްކާށެވެ. މެދުމިނެއްގައި އަޑު ގެންގުޅޭށެވެ.

ޑްރެސް ކޯޑް

ބޭރު ފުށުން މީހާ ފެންނަ ގޮތުގައި އެތައް މާނަތަކެއް ހުރެއެވެ. ޑްރެސް ކޯޑަކީ އެމީހެއްގެ ޝަޚުޞިއްޔަތުގެ ތަރުޖަމާ އެވެ. މީހަކު ހުންނަ ޑްރެސް ކޯޑްގެ މައްޗަށް ބިނާކޮށް އެމީހަކަށް އިޙުތިރާމް ވެސް ލިބެ އެވެ. އަދި އޭގެ އިދިކޮޅަށް ވެސް މެދުވެރި ވެއެވެ. ޑްރެސް ކޯޑު ހުންނަން ވަނީ އެ އުޅޭ ތަނެއްގެ މާޙައުލާއި ޘަޤާފަތަށް ރިޢާޔަތްކުރުމުގެ މައްޗަށެވެ.

މިސާލަކަށް ދިވެހިރާއްޖޭގައި ވަޒީފާގެ އިންޓަވިއުއަށް ޒުވާނާ ހުންނަންވާނީ ކުރުތާގައި ނޫނެވެ. އެއީ އިންޑިއާ ނުވަތަ ޕާކިސްތާނު ނުވަތަ އަފްޣާނިސްތާނުގެ ޘަޤާފަތެވެ. ދިވެހިރާއްޖޭގެ ޒުވާނާ އިންޓަވިއުއަށް ދާންވާނީ ގަމީހާއި ޓައި ގައެވެ. ރީތި ފޭރާމުގަ އެވެ. ވަޒީފާގެ ޙައިޘިއްޔަތުން ކޯޓް ފަޓްލޫނުގައި ވެސް ދިއުމަކީ މައްސަލައެއް ނޫނެވެ. އެހެން މީހުންނަށް ރީތި އެއްޗެހި ލާށެވެ. ތިމާއަށް މީރު އެއްޗެހި ކާށެވެ.

ޑްރެސް ކޯޑުގެ ކަންތަކަކީ އަޅުގަނޑު ޝަޚުޞީކޮށް ވަރަށް ބޮޑަށް ސަމާލުކަންދޭ ތަޖުރިބާ ކުރެވިފައިވާ ކަމެކެވެ. އަޅުގަނޑުގެ ޢުމުރުން 17 އަހަރުގައި މިސްކިތެއްގެ އިމާމުކަން ކުރަންޖެހިގެން އެކަމަށް ބޭނުންވާ މުހިންމު ބޭފުޅަކާ ބައްދަލު ކުރަން ޖެހުނެވެ. އެއީ ވަޒީރެކެވެ. އޭނާގެ އަރިހަށް އަޅުގަނޑު ދިޔައީ ވަރަށް ފެޝަންކޮންނެވެ. އެއީ އެންމެ ޒުވާން ޢުމުރު ކަމުން އެކަން ކަމަކަށް މާބޮޑު ސަމާލުކަމެއް އޭރަކުއެއް ނުދެވެއެވެ. އެހެންކަމުން އެންމެ ފަސޭހައިން އަތުގައި ޖެހުނު އެއްޗެއް ލައިގެން ދިޔައީ އެވެ. އަޅުގަނޑު ބައްދަލު ކުރަން ދިޔަ ބޭފުޅާއަކީ ވަރަށް ހިތްޕުޅުހެޔޮ ޚުލްޤު ހެޔޮ ބޭފުޅެކެވެ. އަޅުގަނޑު ފެންނަން ހުރި ގޮތުގެ މައްޗަށް އޭނާ އަޅުގަނޑަށް ނަސޭހަތް ދެއްވި އެވެ. އޭނާ ވިދާޅުވީ "އެހެން މީހުންނަށް ރީތި އެއްޗެހި ލާށެވެ. ތިމާއަށް މީރު އެއްޗެހި ކާށެވެ!" މިހެންނެވެ.

އަދި އަޅުގަނޑުގެ ގަމީސް މުނާސިބު ނޫން ކަމާއި ޚާއްޞަކޮށް އިމާމުކަން ކުރާ އިރު ފޭރާން ހުންނަންޖެހޭ ގޮތުގެ މައްޗަށް އިރުޝާދު ދެއްވި އެވެ. އަދި އޭނާގެ ދަށުން ހުންނަވާ ބޭފުޅާގެ އަރިހަށް ދާއިރު އެ ފޭރާމުގައި ނުދިއުމަށާއި ގެއަށް ގޮސް މުނާސިބު ހެދުމެއް ލައިގެން ދިއުމަށް އިރުޝާދު ދެއްވި އެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމަ އަށް އަޅުގަނޑުގެ ވަޒީފާގެ ޙަޔާތުގައި ވެސް އަދި ޢާއްމު ދިރިއުޅުމުގައި ވެސް އެންމެ މުހިންމު ކަން ދޭ އެއްކަމަކީ އަޅުގަނޑުގެ ޑްރެސް ކޯޑެވެ.

އަޅުގަނޑުގެ ވަޒީފާގެ ޙަޔާތުގައި ވެސް ވަޒީރު ކަމުގައި ވެސް އޮފީހުގައި އުޅުމާއި ކެބިނެޓަށް ދިއުމާއި އަދި ރައީސުލްޖުމުހޫރިއްޔާއާއި ބައްދަލު ކުރުމަށާއި މިއިން ކޮންމެ ކަމެއްގައި ޚާއްޞަ ޑްރެސް ކޯޑެއް ގެންގުޅެމެވެ. އަދި އިމާމުވެ ނަމާދު ކުރުމަށާއި ޚާއްޞަކޮށް ދަމު ނަމާދުގެ އިމާމު ކަމަށް ވަކި ޑްރެސް ކޯޑެއް ތައްޔާރު ކުރެވިފައި އޮވެއެވެ. މިވާ ހަކަތައް މި ޙިއްސާ ކޮށްލަނީ ޒުވާނުންނާ ތަޖުރިބާ ހިއްސާ ކޮށްލުމަށެވެ. ކަންކަމުގައި އިސްރާފު ކުރުމެއް ނުވެއެވެ. ނަމަވެސް ކުޅަދާނަކަން ލިބިގެންވީ މިންވަރުން ރީތީ ފޭރާމުގައި ހުރުމަކީ މީހާގެ ޝަޚުޞިއްޔަތު ރަމްޒު ކޮށް ދޭނެ މަތިވެރި އާދައެކެވެ. މިއީ އަޅުގަނޑުމެން އިންޓަވިއުއަށް އެކަންޏެއް ނޫން މުޅި ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައި ވެސް ގެންގުޅެންވީ ރިވެތި އުޞޫލެކެވެ. މިއަދުގެ ވަރަށް ގިނަ ޒުވާނުންވަނީ މިކަންކަން ހަނދާން ނައްތާލާފަ އެވެ. އިންޓަވިއުއަށް ދާއިރު އަންހެން ބޭފުޅުން ވެސް ތިއްބަވަންވާނީ އިޖުތިމާޢީ މިންގަނޑަށް ފެތޭ ފޭރާމެއްގަ އެވެ.

ޕްލޭނަކާއެކު ދިއުން

މީހަކު ވަޒީފާއަކަށް ޢައްޔަން ކުރެވެނީ އޭނާއަށް އަމުރު އަންނަހާ ގޮތަކަށް ކަންކަން ކުރާކަން ނޫނެވެ. ކިއެއް ހެޔެވެ؟ އޭނާގެ ފަރާތުން ތަނުގެ ވެރިންނަށް އުފެއްދުންތެރި އާ ޚިޔާލު ހުށައެޅުމަށެވެ. ވަޒީފާއެއް ދެމިގެން ދާނެ ކަމުގެ ޔަޤީންކަން ބިނާވަނީ ވަޒީފާ އަދާކުރާ މީހާގެ ޕާފޯމަންސަށެވެ. ކިތައްމެ އާދައިގެ ވަޒީފާއެއްގެ އިންޓަވިއުއަށް ދިޔަސް އަމިއްލަ ވިސްނުމަކާއެކު ދާށެވެ. އަދި އިންޓަވިއު އަށް ދިއުމުގެ ކުރިން އެ އޮފީހަކާ މެދު ލިބެން ހުރި މަޢުލޫމާތެއް ބަލައި އެތަނަކީ ކީއްކުރާ ތަނެއް ކަމާއި އެތަނުގެ މަސައްކަތްތަކާ މެދު ވިސްނުމަކާ އެކު ދާށެވެ. އެ މަޤާމުގައި ހުރެގެން އެތަނަށް ޚިދުމަތް ކޮށްދޭނެ ގޮތުގެ ޚުލާޞާ ޕްލިސީއެއް އިންޓަވިއު ޕެނަލްއާ ޙިއްސާކުރާށެވެ.

"މި މަޤާމަށް އަޅުގަނޑު ހޮވިއްޖެ ނަމަ މި އޮފީސް / ކޮމްޕެނީ، ސްކޫލް ކުރިއެރުވުމަށް އަޅުގަނޑު ކަންކަން ގެންދާނެ ގޮތެއް ދަނަވާލުމުގެ އިޒުނައަކަށް އެދެން" މި ފަދަ ގޮތަކަށް ދަންނަވައި ހުށައަޅާށެވެ. "އަޅުގަނޑަށް ވަޒީފާ ލިބިއްޖެ ނަމަ މި އޮފީސް / ކޮމްޕެނީ އަކީ ރާއްޖޭގައި ހުރި އެންމެ ކާމިޔާބު އޮފީހަށް ހަދާނަށް" ދެން ކަންކަން ކުރާނެ ގޮތް ބުނެދޭށެވެ. މިކަން ޕޮރެޒެންޓޭޝަނެއްގެ ޒަރިއްޔާއިން ވެސް ހުށަހެޅިދާނެ އެވެ. މިއީ ވަރަށް މުހިންމު ކަމެކެވެ. ގިނަ ފަހަރު ވަޒީފާގެ އިންޓަވިއުއަށް ދާ ޒުވާނުން މިކަންކަން ހަނދާން ނައްތާލައެވެ.

ޔަޤީންކަން އޮތުން

އިންޓަވިއު ޕެނަލްގެ ސުވާލުތަކަށް ޖަވާބު ދޭންވާނީ ވަރަށް ޔަޤީން ކަމާއެކުގަ އެވެ. ބިރުގަނެގެން ނުވާނެ އެވެ. ސުވާލު ކުރަން އިންނަ މީހާގެ މޫނަށް ބަލަހައްޓައިގެން އިނދެ ވާހަކަ ދައްކާށެވެ. އެހާ މަޖާ ނުކުރާށެވެ. މާ ވާހަކަ ގިނަ ނުކުރާށެވެ. ހިނިތުންވުމާއި ކޮންފިޑެންސާއެކު ވާހަކަ ދައްކާށެވެ. ކުރުކޮށް ފޮނިކޮށް ޖަވާބު ދޭށެވެ. އަދި "އަޅުގަނޑު ވަޒީފާއަށް ހޮވައިފި ނަމަ މި އޮފީހުން ރީގްރޭޓް ކުރާކަށް ނުޖެހޭނެ" މިފަދަ ޢިބާރާތަކުން ޔަޤީންކަން ދޭށެވެ. އިންޓަވިއު ކާމިޔާބު ކުރެވޭނެކަމުގެ ޔަޤީންކަމާއެކު ވާހަކަ ދައްކާށެވެ. އިންޓަވިއު ޕެނަލްގެ ބޭފުޅުންނަށް އިޙުތިރާމް ކުރާށެވެ.

ސުވާލު ކުރާށެވެ!


ވަޒީފާގެ އިންޓަވިއުއަށް ދާމީހާ އިންޓަވިއު ޕެނަލްއާ ވެސް ސުވާލުތަކެއް ކޮށްލަންޖެހޭނެ އެވެ. އެ ވަޒީފާ ލިބިއްޖެ ނަމަ މަސްއޫލިއްޔަތު އަދާކުރުމުގައި އޮންނާނެ މިނިވަންކަމަކާ މަސައްކަތުގެ ދާއިރާއާއި ކުރަންޖެހޭ ބައެއް ކަންކަމާ ބެހޭ ގޮތުން އޮޅުން ފިލުވުމަކީ މައްސަލައެއް ނޫނެވެ.

ކަމެއްކުރުމުގައި އެކަމެއް އެންމެ މޮޅަށް އެންމެ ފެންވަރު ރަނގަޅުކޮށް ކުރުމަކީ މާތް ﷲ ލޯބިވެވޮޑިގަންނަވާ ކަމެކެވެ. މިހެންކަމުން ކޮންމެ ކަމަކެއް ކުރުމުގައި ވެސް އެންމެ ރަނގަޅަށް އެކަމެއް ކުރުމަށްޓަކައި ކޮންމެ މުސްލިމަކު ވެސް ޢަޒުމާއެކު މަސައްކަތްކުރަންވާނެއެވެ.

މި މަޒްމޫނުގައި މި ބަޔާންކުރި ކަންކަމުގެ އިތުރު ކަންކަން ވެސް ހުރެދާނެ އެވެ. ނަމަވެސް މަޒްމޫނުގައި މި ބަޔާންކުރީ އިންޓަވިއު އެއް ކާމިޔާބު ކުރުމަށްޓަކައި ބޭނުންވާނެ އަސާސީ ކަންކަމެވެ. ދުޢާއަކީ މި އިން ޒުވާނުންނަށް ކޮންމެވެސް ވަރެއްގެ ފައިދާއެއް ވުމެވެ.