ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ހައްޔަރުކޮށްފި އެވެ. ނަމަވެސް ދިވެހި ފުލުހުން ބުނެފައި ވަނީ ހައްޔަރުކޮށްފައި ނޫން ކަމަށާއި އެކަމަކު މިވަގުތު ލުތުފީ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ކަމަށެވެ.
ފުލުހުން މިރޭ ކުއްލި ގޮތަކަށް ނެރުނު ބަޔާނެއްގައި ބުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖެނުއަރީ 16، 2010 ގައި ލުތުފީ ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ފޮނުވުމުން އެނބުރި އައިސްފައި ނުވާ މައްސަލަ އޭގެ ދެ އަހަރު ފަހުން އޭރުގެ ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރީ ހެބިލިޓޭޝަން ސާވިސްގެ ފަރާތުން ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.
އެއީ މާޗް 26، 2012 އިގަ އެވެ. އެއީ މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު، ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާ ދެއްވިތާ މަހެއްހާ ދުވަސް ފަހެވެ.
މިރޭގެ ބަޔާނުގައި ބުނަނީ ކުރީ ޕެނިޓެންޝަރީގެ އެ އެދުމަށް ލުތުފީ ހޯދަން ބައިނަލްއަގުވާމީ އެހީތެރިކަން ހޯދައި، އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށް މިދިޔަ މެއި މަހު 1 ވަނަ ދުވަހުގައި ލުތުފީ ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް އަމިއްލައަށް ހާޒިރުވެފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެނާ ދިވެހި އެމްބަސީގައި ހުންނަތާ އެއްމަހާ 24 ދުވަސްވެއްޖެ އެވެ. މިރޭ ކުއްލި ގޮތަކަށް ފުލުހުން މި ބަޔާން ނެރުނު އިރު ކުރީގެ ހޯމް މިނިސްޓަރު އަދި ލުތުފީ ހައްޔަރު ކުރެވޭ ފަދަ މައުލޫމާތެއް ދިން މީހަކަށް 10،000 ޑޮލަރު (ގާތްގަނޑަކަށް 154،200 ދިވެހި ރުޔިޔާ) ހުށަަހެޅުއްވި އުމަރު ނަސީރު ރޭ ވަނީ ލުތުފީ ދިވެހި އެމްބަސީގައި ފިލުވައިގެން ގެންގުޅޭ ކަމަށް ބުނެފަ އެވެ.
ކުލީ ސިފައިންގެ ބަޔަކާއެކު ރާއްޖެ އަރައި ދިން އުދުވާނީ ހަމަލާގައި އިސްކޮށް އުޅުނު، ކަން ސާބިތުވެ އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުރި ލުތުފީ ހައްޔަރު ކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ފުލުހުންނަށް ދީފައި އޮވެއެވެ. ނަމަވެސް ނަޝީދު ވެރިކަމުގައި އެ ހުކުމް މަޑުޖައްސާލައި ބޭސް ފަރުވާއަށް ސްރީލަންކާއަށް ފޮނުވާލި ގޮތަށް އޭނާ އުޅެނީ އެ ގައުމުގައި ފިލައިގެންނެވެ. އޭރު ނަޝީދުގެ ސަރުކާރުން އޭނާ ބޭރަށް ފޮނުވާލީ، ވަގު ލިޔުންތަކެއް ބޭނުން ކޮށްގެން ކަމަށް ތުހުމަތު ކުރެވި، އެ މައްސަލައިގެ ތަހުގީގެއް ކުރި އެވެ.
މިރޭ ފުލުހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ދިވެހި ފުލުހުންނާއި ދިވެހި އެމްބަސީއިން އަދި ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ގެންދަނީ ލުތުފީ އަނބުރާ ރާއްޖެ ގެނައުމަށް ކުރަން ޖެހޭ އިދާރީ މަސައްކަތް ކުރަމުން ކަމަށެވެ. އަދި މިވަގުތު ލުތުފީ ބަލަހައްޓަމުން ދަނީ ދިވެހި ފުލުހުން ކަމަށެވެ.
ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ދިވެހިންގެ ބަޔަކު އިސްވެތިބެ ލަންކާގެ ޕްލޮޓް ޖަމާއަތާ ގުޅިގެން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު މަރައި ޝަހީދުކޮށްލި ހަމަލާތައް ދިން އިރު ރާއްޖެ އެރި އެ ޖަމާއަތުގެ ކުލީ ސިފައިންނާއެކު އިސްވެ އައީ ލުތުފީ އެވެ. އެ މައްސަލާގައި ލުތުފީގެ މައްޗަށް ކުށް ސާބިތުވެ އޭނާ މަރަން ވަނީ ހުކުމްކޮށްފަ އެވެ. ނަމަވެސް ފަހުން އެ ހުކުމް ރައީސް މައުމޫން ލުއިކޮށްދެއްވައި އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލު ކޮށްފައި ވަނިކޮށް ރައީސް ނަޝީދުގެ ވެރި ކަމުގައި އޭނާ ގެއަށް ބަދަލު ކުރުމަށް ފަހު ބޭސް ފަރުވާއަށް ފޮނުވީ އެވެ.
ލުތުފީ އަމިއްލައަށް އެމްބަސީއަށް ހާޒިރުވި އިރު މިދިއަ އަށް އަހަރުތެރޭ އޭނާ ފިލައިގެން ލަންކާގައި އުޅެމުން ދަނީ އޭނާގެ އަސްލު ނަން އޮޅުވާލައި، "ޒާން" ގެ ނަމުގައި ކަމަށް ހޯމް މިނިސްޓްރީ އިން މީގެ ކުރިން ވަނީ ބުނެފަ އެވެ. އަދި އޭނާ ވަނީ މިދިއަ ދުވަސްތަކުގައި ސްރީލަންކާގެ "ދަ އައިލެންޑް" ނޫހަށް ސިލްސިލާކޮށް އިންޓަވިއުތަކެއްދީ ރައީސް މުހައްމަދު ނަޝީދަކީ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށާއި އަލުން އެ މަނިކުފާނުގެ ވެރި ކަމެއް އަތުވެއްޖެ ނަމަ ރާއްޖެ އައުމަށް އައުމަށް އުންމީދު ކުރާ ކަމަށް ބުނެފަ އެވެ.
މިވަގުތު ރާއްޖޭގައި އޮތީ އެމްޑީޕީގެ ވެރިކަމެކެވެ. ރައީސް މުހައްމަދު ނަޝީދަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ.