ވިޔަފާރި

ބަދަލުތައް ގެނެސް ޓާމިނަލް މަސައްކަތް ފަށަން އެސްބީޖީއާއެކު ސޮއިކުރަނީ

އާ އިންޓަނޭޝަނަލް ޕެސެންޖަރު ޓާމިނަލަށް ބަދަލު ގެނެސް، އަލުން މަސައްކަތް ފެށުމުގެ ގޮތުން ސައޫދީ ބިންލާދިން ގްރޫޕް (އެސްބީޖީ) އާއެކު އެމްއޭސީއެލް އިން މާދަމާ ސޮއިކުރާނެ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި އެސްބީޖީއާއެކު އަލުން ސޮއިކުރަނީ ޕެސެންޖަރު ޓާމިނަލް އަށް ބަދަލު ތަކެއް ގެނެސްފައިވާތީ އެވެ. މި ބަދަލު ގެނެސްފައިވަނީ މިސަރުކާރުން ބޭނުން ވެގެންނެވެ. އެމްއޭސީއެލް އިން އެސްބީޖީއާއެކު އަލުން ސޮއިކުރާއިރު އެ ކުންފުނީގެ ސީނިއަ ބައެއް އޮފިޝަލުން ރާއްޖެ އައިސް ބައްދަލުވުންތައް ބާވާތާ ގިނަ ދުވަސް ތަކެއް ވަނީ ވެފަ އެވެ.

ސަރުކާރުން ދާދި ފަހުން ވަނީ ޓާމިނަލް އަށް ބައެއް ބަދަލުތައް ގެންނަން ޖެހޭ ކަމަށް ވަނީ ބުނެފަ އެވެ. މިގޮތުން މި ސަރުކާރުން ބޭނުން ވަނީ ކުރިން ޓާމިނަލް ހުރި ވަރަށްވުރެ ބޮޑު ކުރާށެވެ.

އަހަރަކު ގާތްގަނޑަކަށް ހަތް މިލިއަން މީހުންނަށް ހިދުމަތް ދެވޭ ފެންވަރަށް، ތަރައްގީ ކުރާ ޓާމިނަލްގެ މަަސައްކަތް ބިން ލާދިން ގްރޫޕާ ހަވާލުކުރީ 350 މިލިއަން ޑޮލަރަށް (5.3 ބިލިއަން ރުފިޔާ) އަށެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ މީގެ 2017 ވަނަ އަހަރު އެވެ. އަދި މި މަސައްކަތަށް ހަރަދު ކުރަނީ ސައޫދީ އާއި އަބޫދާބީ އަދި ކުވެއިތު ފަންޑުން އުފައްދާފައިވާ ކޮންސޯޓިއަމަކުންނެވެ. ނަމަވެސް އެއާޕޯޓުގެ އެހެން މަސައްކަތްތަކާ ހިލާފަށް ޓާމިނަލްގެ މަސައްކަތް ވަނީ ތަފާތު ސަބަބުތަކާ ހުރެ ހުއްޓިފަ އެވެ. އަދި މި މަސައްކަތް ހަލުވި ކުރުމުގެ ގޮތުން، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މެއި މަހު ވަނީ ސައުދީ ފަންޑުގެ އިސް ބޭފުޅުންނާ ބައްދަލުކޮށްފައެވެ.

މިހާރު ހުރި އިންޓަނޭޝަނަލް ޓާމިނަލްގެ ދެކުނު ފަރާތުގައި ތަރައްގީ ކުރާ އާ ޓާމިނަލް އަޅަނީ 78،000 އަކަމީޓަރުގެ ސަރަހައްދެއްގަ އެވެ. ޓާމިނަލްގެ މަސައްކަތް ފެށުމުގެ ގޮތުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަނީ ފައުންޑޭޝަނަށް ބޭނުންވާ 1400 ދަގަނޑު ހޮޅި ޖަހާފަ އެވެ.

ސަރުކާރުން ބުނެފައިވަނީ އާ ޕެސެންޖަރު ޓާމިނަލް ނިމޭނީ 2022 ވަނަ އަހަރު ކަމަށެވެ. އާ ޓާމިނަލްގެ މަސައްކަތް ނިމުމުން މިހާރުގެ ޓާމިނަލް ބޭނުންކުރާނީ އެތެރޭގެ އުދުންތަކުގައި ދަތުރުކުރާ މީހުންނަށް ހިދުމަތް ދޭން ޑޮމެސްޓިކް ޓާމިނަލްއެއްގެ ގޮތުގަ އެވެ.