ވިޔަފާރި

އާ އޭޕްރަންގައި ފުރަތަމަ ޕާކުކުރީ ގައުމީ އެއާލައިން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އަލަށް ހެދި އޭޕްރަން ޓެސްޓު ކުރުމުގެ ގޮތުން ފުރަތަމަ ބޯޓު ޕާކު ކޮށްފި އެވެ.

ވީއައިއޭގައި އަލަށް ހެދި އާ އޭޕްރަންގައި ފުރަތަމަ ޕާކު ކުރީ ގައުމީ އެއާލައިންގެ މަތިންދާ ބޯޓެވެ. މި ރަސްމިއްޔާތުގައި މޯލްޑިވިއަން އުދުއްސާ އައިލެންޑް އޭވިއޭޝަން ކުންފުންޏާއި އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވަޑައިގަތެވެ.

މި އަހަރުގެ ޖެނުއަރީ މަހު ފެށި، އޭޕްރަންގެ މަސައްކަތް ކޮށްފައިވަނީ ޗައިނާ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އެވެ. މި އޭޕްރަންގެ ބޮޑު މިނުގައި 55،300 އަކަމީޓަރު ހުރެ އެވެ.

އެމްއޭސީއެލް އިން ދަނީ އާ އޭޕްރަން ހެދުމުގެ އިތުރުން މިހާރު ބޭނުންކުރާ އޭޕްރަންގެ ޖާގަ ވެސް ބޮޑު ކުރަމުންނެވެ. އެ މަސައްކަތް ނިމުމުން އެއާޕޯޓުގެ އޭޕްރަންގެ ޖުމްލަ ސައިޒު 130،000 އަކަމީޓަރަށް އިތުރު ވެގެން ދާނެ އެވެ. އަދި އެކި ސައިޒުގެ 21 މަތިންދާ ބޯޓު އެއް ފަހަރާ ޕާކު ކުރާނެ ޖާގަ އޮންނާނެ އެވެ.

ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ.