ހަބަރު

414 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ނައްތާލައިފި

މަސްތުވާތަކެއްޗާއި ދެކޮޅަށް ފާހަގަކުރާ ދުވަހާއި ގުޅިގެން ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި އެވެ.

ދޫނިދޫގައި މިއަދު މަސްތުވާތަކެތި ނައްތާލަން ބޭއްވި ހަރަކާތުގައި ނައިބު ރައީސް ފައިސަލް ނަސީމް އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ފުލުހުންގެ ގިނަ ބޭފުޅުން ވަނީ ބައިވެރިވެފައިވެ އެވެ.

ފުލުހުން މިއަދު ނާއްތާލާފައިވަނީ 2014 ޖެނުއަރީ މަހުން ފެށިގެން މި އަހަރުގެ ޖޫން މަހާއި ހަމައަށް އެކި މައްސަލަ ތަކުގައި ފުލުހުން އަތުލައިގެން މަސްތުވާތަކެއްޗެވެ. މިއަދު ނައްތާލީ 3165 މައްސަލައަކުން ފުލުހުން ހޯދާފައި ހުރި 419 ކިލޯގެ މަސްތުވާތަކެއްޗެވެ. އެ ތަކެތީގެ އަގު 414 މިލިއަން ރުފިޔާއަށް އަރާނެކަމަށް ފުލުހުން ލަފާކުރެ އެވެ.

މަސްތުވާތަކެތި ނައްތާލުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ، ފުލުހުންގެ އަމާޒަކީ މަސްތުވާތަކެތި ގިނަވެގެން އެއް މަސް ތެރޭގައި ނައްތާލުން ކަމަށެވެ. އެއީ ގާނޫނީ ގޮތުން މައްސަލަ ބަލައި ނިމެންދެން ބަހައްޓާ 8 ގްރާމްގެ މަސްތުވާތަކެތި ފިޔަވައި ބާކީ ހުންނަ މަސްތުވާތަކެތި ކަމަށް ހަމީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ގިނަވެގެން އެއް މަސް ދުވަސް ތެރޭގައި ގާނޫނީ ގޮތުން ބަހައްްޓަން ލާޒިމުކުރާ އަދަދު ބެހެއްޓުމަށް ފަހު އަތުލާ ހުރިހާ މަސްތުވާތަކެތި ނައްތާލުން ކަމަށެވެ." ކޮމިޝަނަރު ހަމީދު ވިދާޅުވި އެވެ.

ހަމީދު ވިދާޅުވީ، މަސްތުވާތަކެތި ނައްތާލުމުގެ މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ އާންމުންނަށް ވީހާ ވެސް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުން ކަމަށެވެ.

މިއީ މަސްތުވާތަކެތި ނައްތާލުމުގެ މިފަދަ ހަރަކާތެއް އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ.