ހަބަރު

އާންމުގެ ކުރިމަތީ 203 ކިލޯގެ ޑްރަގް ނައްތާލައިފި

އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 203 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފި އެވެ.

އޮބްޒާވަރުންގެ ގޮތުގައި އާންމުންނާއި މީޑިއާތައް ބައިވެރިކޮށްގެން މި ތަކެތި ނައްތާލާފައިވަނީ މިއަދު ހެނދުނު ދޫނިދޫގައެވެ. މި ހަރަކާތުގެ ތެރެއިން އޮބްޒާވަރުންގެ ސުވާލުތަކަށް ޖަވާބު ދިނުމާއި އޮބްޒާވަރުން ދައްކާ މަސްތުވާތަކެތިން ސާމްޕަލް ނަގައި ޓެސްޓް ކުރުމަށްފަހު އެތަކެތީގެ ބާވަތް ބުނެދީފައިވެއެވެ.

މިއަދު ނައްތާލާފައިވަނީ މިއަހަރުގެ ސެޕްޓެންބަރު މަހުގެ 8 ވަނަ ދުވަހު ޑާކާ މަގުން ރާއްޖެއައި ބަންގްލަދޭޝް މީހެއް އަތުން ފެނިފައިވާ ތިން ކިލޯ 800 ގްރާމް މަސްތުވާތަކެއްޗާއި މި އަހަރުގެ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހު ސ.ހިތަދޫ / ފިނިފަރު އަބްދުﷲ އިބްރާހިމް އާއި އިތުރު ބަޔަކު ބައިވެރިގެން ދިވެހިރާއްޖެ އެތެރެކުރި 79 ކިލޯގެ މަސްތުވާތަކެތީގެ އިތުރުން އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހު ގއ.ވިލިނގިލީ / ލައިޓްހައުސް ޝަހީބް އިބްރާހިމް އިތުރު ބަޔާކައި ބައިވެރިވެގެން ރާއްޖެ އެތެރެކޮށްފައިވާ 120 ކިލޯގެ މަސްތުވާތަކެއްޗެެވެ.

މިތަކެތީގެ ތެރޭގައި ހިމެނެނީ 65 އެވިޑެންސްގައި ހިމެނޭ 224 ރަބަރު ޕެކެޓާއި 15،8188.7000 ގްރާމްގެ ހެރޮއިންނާއި 3788.4000 ގްރާމްގެ ކެނަބިހާއި 41090.6000 ގްރާމްގެ މެޓަމްޕެޓަމިން ރެސިމޭޓްގެ އިތުރުން އެހެނިހެން 41 އައިޓެމެވެ. މިއަދު ނައްތާލި މަސްތުވާތަކެތީގެ ބަރުދަނަކީ 203.07 ކިލޯގްރާމެވެ. މިތަކެތީގެ މަގުމަތީގެ އަގު 203،123،830 ރުފިޔާއަށް އަރައެވެ.