ކުޅުދުއްފުށި

ކުޅުދުއްފުށީ ހޮނިހިރު ބާޒާރު ނިމުމަކަށް!

ކުޅުދުއްފުށިން: ނާޒިމް ހަސަން
Jun 27, 2019
9

ހދ. ކުޅުދުއްފުއްޓަށް އެ އަތޮޅުގެ އެހެން ރަށްތަކާއި އުތުރުގެ އަނެއް ދެ އަތޮޅުގެ ބައެއް ރަށްތަކުން މީހުން ޖަމާވެ، ކޮންމެ ހޮނިހިރު ދުވަހަކު ހިންގާ ބާޒަރު މަނާ ކުރަން ކުޅުދުއްފުށީ ކައުންސިލުން ނިންމުމުން ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ކުޅުދުއްފުށީ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ރަށުގެ ލޯކަލް މާރުކޭޓް ހިދުމަތް ފެށިފައިވާތީ އެ އިމާރާތާ ދެކުނަށް އޮންނަ ހުސްބިމުގައި ދަތުރުވެރިން ތަކެތި ވިއްކަން ތިބުމަކީ މަނާ ކަމެއް ކަމަށެވެ. އެކަން މަނާކުރަން ނިންމާފައިވަނީ އަންނަ މަހުގެ ހަތް ދުވަހުން ފެށިގެންނެވެ.

އެހެންކަމުން އަންނަ ހޮނިހިރު ދުވަސް ވެގެން ދާނީ އެންމެ ފަހުގެ ހޮނިހިރު ބާޒާރަށެވެ. މުޅި ރާއްޖެއަށް ވެސް މަޝްހޫރު މި ހޮނިހިރު ބާޒަރަކީ އެންމެ ގިނަ ބަޔަކު އެއް ތަނަކަށް ޖަމާވާ މިފަދަ ހަމައެކަނި ބާޒާރެވެ. މި ބާޒާރުން ރަށްރަށުގައި އުފައްދާ ގިނަ ތަކެތި ވިއްކަ އެވެ. ތަރުކާރީ އާއި މޭވާ އާއި މަސް މިތަނުގައި ވިއްކާ ހަދަ އެވެ. ދިރޭ ކުކުޅު ފަދަ ތަކެތި ވެސް ބައެއް މީހުން ވިއްކަން ބަހައްޓަ އެވެ. ހުސް ބިމެއްގައި ގަސްތަކުގެ ހިޔަލުގައި ބުރުތަކުގެ މަތީގައި ތަކެތި ވިއްކަން ތިބޭ މި ބާޒަރަކީ ވަރަށް ތަފާތު، ހިތްފަސޭހަ ބާޒާރެކެވެ.

މި ބާޒާރު ވެގެން ގޮސްފައިވަނީ ހަމައެކަނި ތަކެތި ވިއްކާ ތަނެއްގެ އިތުރުން ރަށްރަށުގެ ރައްޔިތުންގެ ގުޅުމާއި އެކުވެރިކަން ވެސް ބަދަހިކޮށްދޭ ކަމަކަށެވެ. އަދި ރަށްރަށުގެ ދަނޑުވެރިންގެ އުފެއްދުންތައް ވިއްކޭނެ ފަސޭހަ، މަންފާ ލިބޭ ބާޒާރަކަށެވެ. މި ބާޒާރެއް މިގޮތަށް ކުރިއަށްދާތާ އެތައް ޒަމާންތަކެއް ވަނީވެފަ އެވެ.

ހޮނިހިރު ބާޒާރު މަނާކުރަން ނިންމާފައިވާތީ ގިނަ ބައެއްގެ ފާޑުކިޔުން ސޯޝަލް މީޑިއާގައި ކައުންސިލަށް ވަނީ އަމާޒުވެފަ އެވެ. އެގޮތުން ތިމާވެށީގެ ޖަމިއްޔާއެއް ކަމަށްވާ "ބިލީފް"ގެ ފައުންޑާ އަފާ ހުސެއިން ބުނީ ހޮނިހިރު ބާޒަރަކީ ރަށަށް ލިބޭ ތަފާތު ކަމެއް ކަމަށާއި އަދި ރަށާއި އެހެން ރަށްރަށުގެ ރައްޔިތުންނަށް އެއްޗެހި ގަނެ ވިއްކާ ހެދުމަށް ލިބޭ ފަސޭހަ މާލަމެއް ކަމަށެވެ. އެކަން ހުއްޓާލަން ކައުންސިލުން ކުރާ މަސައްކަތް ބަލައިނުގަނަވޭނެ ކަމަށެވެ.

އެހެންމީހަކު ބުނި ގޮތުގައި ހޮނިހިރު ބާޒަރަކީ ކުޅުދުއްފުށީގެ އިގުތިސޯދަށް ވަރަށް މުހިންމު ބާޒާރެކެވެ. އަދި އެ ބާޒަރަކީ ރައްޔިތުންނަށް އަތްފޯރާފަށުން ތަކެތި ގަންނަން ލިބޭ ބާޒާރެއް ކަމަށެވެ. އެއާ ހިލާފަށް މާރުކޭޓް ގޮޅިން އެ ހެޔޮ އަގުގައި ތަކެތި ނުލިބުމުގެ ބިރު އެބަ އޮތްކަން އޭނާ ފާހަގަކުރި އެވެ. އަދި ރަށްރަށުގެ މީހުންނަށް ފަސޭހައިން ތަކެތި ވިއްކުމަށް އުނދަގޫވެ، ގޮޅިތަކަށް އެ ތަކެތި ނުއަގުގައި ވިއްކަން ޖެހިދާނެ ކަމުގެ ބިރު އެބަ އޮތްކަން ވެސް އޭނާ ފާހަގަކުރި އެވެ.

"މިފަދަ ކަންކަމަކީ ހުއްޓަން ޖެހޭ ކަމެއް ނޫން، ލޯކަލް މާރުކޭޓް ހުރި ނަމަވެސް ބާޒާރު ވެސް ބޭއްވޭނެ، މިއީ ކައުންސިލްގެ ވަރަށް ބޯދާ ނިންމުމެއް،" ފާޑުކިޔާ މީހަކު ބުނެފައިވެ އެވެ.

ފާޑުކިޔުންތައް އަމާޒުވުމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލްލަތީފް ފޭސްބުކް ޕޯސްޓަކަށް ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރަށްރަށުން އަންނަ މީހުން ގޮޅިތަކަށް އެއްޗެހި ވިއްކަން ހަވާލުކުރުމުން އެމީހުންގެ ވެސް ވަގުތު ސަލާމަތްވާނެ ކަމަށެވެ. ހޮނިހިރު ބާޒާރާ ހިލާފަށް މާރުކޭޓްގައި ރަށު މީހުންނަށް ކޮންމެ ދުވަހަކު ވެސް ތަކެތި ގަންނަން ލިބެން ހުރިމަކީ ފަސޭހައެއް ކަމަށެވެ. އަދި ގޮޅިއަށް ކުލި ދައްކާ މީހުންނަށް ވެސް ފައިދާއެއް ލިބިފައި ސަރުކާރުން މާރުކޭޓަށް ކުރި ހަރަދު ބޭކާރުވެގެން ނުދާނެ ކަމަށް ލަތީފް ވިދާޅުވި އެވެ.

މީގެކުރިން ވެސް ކުޅުދުއްފުށީގައި ދެ ލޯކަލް މާރުކޭޓް ނާކާމިޔާބުވެފައިވާކަން ފާހަގަ ކުރައްވައި ލަތީފް ވިދާޅުވީ ތިންވަނަ މާރުކޭޓަށް އެހެންވާން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް މާރުކޭޓް ނާކާމިޔާބުވެއްޖެނަމަ އެހެން ވިސްނުމަކަށް ދެވިދާނެ ކަމަށެވެ. އެހެން މާރުކޭޓްތައް ފަށައި، ނާކާމިޔާބުވެގެން ދިޔައިރު ވެސް ހޮނިހިރު ބާޒާރަށް އެއްވެސް ދުވަރެއްގައި ވެސް ފަނޑުކަމެއް އައިސްފައެއް ނުވެ އެވެ.