ހަބަރު

ޝައިމްގެ ތަފްސީލްތައް ދިނުމުން ޝިދާތާއަށް ފާޑުކިޔަނީ

ވިލިމާލެ ކުޑަކުދިންގެ ހިޔާގައި ހުއްޓާ ގެއްލުނު އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ އާއި އޭނާގެ ކޭސްގައި ހިމެނޭ ގިނަ މައުލޫމާތުތަކެއް މީޑިއާއަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އާންމު ކުރެއްވުމުން އެކަމަނާއަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ޝައިމް ގެއްލިގެން ހޯދަން ފެށިއިރު އެއީ ހިޔާއިން ގެއްލުނު ކުއްޖެއް ކަމެއް އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެ އެވެ. އެކަމުގައި ޖެންޑާ މިނިސްޓްރީ އަދި ފުލުހުން ވެސް ބަހެއް ބުނީ ޝައިމް ހޯދުމަށް ޖުވެނައިލް ކޯޓުން ނެރެފައިވާ އަމުރު ސޯޝަލް މީޑިއާގައި އާންމުވެ ނޫސްވެރިން އެކަމާ ސުވާލު ކުރުމުންނެވެ.

އެކަން ސިއްރުކޮށްގެން ޖެންޑާ މިނިސްޓްރީ އޮތް ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އިއްޔެ ޖެންޑާ މިނިސްޓަރު ޝިދާތާ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި ޝިދާތާ ވަނީ ޝައިމް ގެއްލުނީ އޭނާ ބަލަންވާ ވަރަށް ނުބެލުމުން ކަމަށް ގަބޫލުފުޅު ކުރައްވާފަ އެވެ. އަދި ޝައިމް ހިޔާގައި ހުރީ އޭނާއާ ހަވާލުވާނެ މީހެއް ނެތުމުން ކަމާއި އޭނާ ހައްޔަރުކުރީ ކުށުގެ ވެށިންކަން ވެސް ހާމަކުރައްވާފަ އެވެ. އަދި ޝައިމް އެންމެ ކުޑައިރު އޭނާ ދިރިއުޅުނީ ރައްކާތެރި މާހައުލެއްގައި ނޫން ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

އެކަމާ ގުޅިގެން އަނެއްކާވެސް ޝިތާދާއަށް ފާޑުކިޔުން އަމާޒުވެފައިވާއިރު އޭނާއާއެކު މިދިޔަ ސަރުކާރުގައި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އައިމިނަތު ނާދިރާ ވިދާޅުވީ ކޮންމެ ކުއްޖެއްގެ ވެސް ހައްގުތަކެއްވާ ކަމަށާއި ހައްގުތައް ރައްކާތެރިކުރުމުގެ ބަދަލުގައި މުޅި ހިސްޓްރީ އާންމުކޮށް ހުޅުވާލުން ގޯސް ކަމަށެވެ. އެއީ ވަރަށް "އަން އެތިކަލް" ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

ޓްވިޓާގައި އަޒްކާ އާދިލް ބުނެފައިވަނީ ޝައިމް ރައްކާތެރިކުރަން ޖެހޭ ފަރާތުން އޭނާގެ ހައްގުތަކަށް އަރައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެއީ މާފު ނުކުރެވޭނެ ކަމެއްގެ ގޮތުގައި ވެސް އޭނާ ފާހަގަކުރި އެވެ.

ޒިއެނާ ސައީދު ވަނީ ޝިދާތާގެ އިސްތިއުފާ ވެސް ގޮވާލާފަ އެވެ. ނޫންނަމަ އޭނާ މިނިސްޓަރު ކަމުން ވަކި ކުރަން ޖެހޭ ކަމަށް ބުނެފަ އެވެ. ނޫސްވެރިކަން ވެސް ކުރި ޒިއެނާ ވަނީ އެފަދަ މައްސަލަތަކުގައި ކުޑަކުދިންގެ މައުލޫމާތު ހާމަކޮށްގެން ނުވާނެ ކަމަށް ބުނާ ގާނޫނީ މާއްދާއާ ހަވާލާދީ ޝިދާތާއަށް ފާޑުކިޔާފަ އެވެ.

އެ މާއްދާގައި ބުނެފައިވަނީ ކުޑަކުއްޖެއްގެ ކަރާމާތަށް ގެއްލުންވާނޭ ކަމެއް ކޮށްގެން ނުވަތަ ބަދުއަހްލާގީ އަމަލެއް ހިންގައިގެން ބެލޭ އެއްވެސް މައްސަލައެއްގައި އެ ކުއްޖާގެ މައުލޫމާތު ހާމަކޮށްގެން ނުވާނެ ކަމަށެވެ.

ޒިއެނާ ބުނީ ހިޔާގައި ހުރި ކުއްޖެއް، ކުށްވެރިއެއްގެ ގޮތުގައި ލޭބަލްކޮށް މިނިސްޓަރު އަމިއްލައަށް ދިފާއުވާން މަސައްކަތް ކުރުމަކީ ގަބޫލު ނުކުރެވޭނެ ކަމެއް ކަމަށެވެ. އޭނާ ބުނި ގޮތުގައި ހިޔާގައި ހުއްޓާ ޝައިމް ގެއްލުމަކީ ޝިދާތާގެ ފެއިލްވުމެއް ކަމަށެެވެ. އެއީ އޭނާގެ އެފަދަ ދެވަނަ ފެއިލްވުންކަން ވެސް ފާހަގަކުރި އެވެ. މީގެކުރިން އިބްތިހާލް މުހައްމަދު މަރުވި މައްސަލާގައި ވެސް ޝިދާތާގެ އިހުމާލުތަކެއް ވެސް ހިމެނޭކަން އޭނާ ފާހަގަކުރި އެވެ. އިބްތިހާލުގެ މައްސަލަ އައިއިރު ޝިދާތާ ހުރީ ޖެންޑާގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ. އޭގެ ފަހުން އޭނާ އިސްތިއުފާ ދެއްވީ އެވެ.

އިއްޔެ ޝައިމްއާ ގުޅޭ ގޮތުން ޝިދާތާ ދެއްކި ވާހަކަ

ޝިދާތާ އިއްޔެ ވިދާޅުވި ގޮތުގައި ޝައިމްގެ މައްސަލައެއް އެންމެ ފުރަތަމަ ޖެންޑާއަށް ހުށަހެޅުނީ ޖޫން 10، 2009 ގަ އެވެ. އެއީ ޝައިމްގެ އާއިލާއިން އޭނާ ބެލުމުގައި އިހުމާލުވި މައްސަލަ އެވެ. އެހެން ކަމުން ޝައިމްގެ މި މައްސަލަ ވަރަށް ކުރިން ފެށިއްޖެ އެވެ.

ޝައިމް އުޅެމުން ދިޔައީ އެކަށީގެންވާ ރައްކާތެރިކަން ލިބޭ މާހައުލެއްގައި ކަމަށް ނުވާތީ އޮކްޓޯބަރު 25، 2015 ގައި އެންމެ ފުރަތަމަ ދައުލަތުގެ ބެލުމުގެ ދަށަށް، އޭނާ ކުޑަކުދިންގެ ހިޔާއަށް ނެގި އެވެ. އަދި އޮކްޓޯބަރު 27، 2015 ގައި ޝައިމް ބަލަން ޝައުގުވެރިކަން ހުރި ފަރާތަކުން އެކަމަށް އެދި ރަސްމީކޮށް އެދުމުން ދަރުމައަށް ކުދިން ބަލަހައްޓައިދޭ އުސޫލުގެ ދަށުން އޮންނަ އެއްބަސްވުމާއެކު ޖެނުއަރީ 11، 2016 ގައި އެ ފަރާތާ ޝައިމް ހަވާލު ކުރި އެވެ.

އެހެން ނަމަވެސް އޭގެ ފަހުން 2017 ވަނަ އަހަރުގެ ތެރޭގައި އަނެއްކާވެސް އެކި ފަހަރު މަތިން ޝައިިމްގެ މައްސަލަތައް މިނިސްޓްރީއާ ހަމައަށް ދިޔަ އެވެ. އޭގެތެރޭގައި ގަވާއިދުން ސްކޫލަށް ނުދިއުމާއި ގިނަ ވަގުތު ގެއިން ބޭރުގައި އުޅުން ފަދަ މައްސަލަ އާއި ޝަކުވާ ހިމެނެ އެވެ. ބަލަހައްޓާ ފަރާތަށް އުނދަގޫވެ އެ މައްސަލަތައް މިނިސްޓްރީއާ ހަމައަށް ގެންދަން ފެށި އެވެ.

މިދިޔަ އޭޕްރީލް މަހު ޝައިމް ބަލަހައްޓާ ފަރާތުން މިނިސްޓްރީއަށް ހާޒިރުވެ ޝައިމް ގެއަށް ނުވަދެ އުޅުމެއް ދަނީ ކުށުގެ ވެށީގައި ކަމަށްވާތީ އިތުރަށް ދެން ބެލެން ނެތް ކަމަށް ތަކުރާރުކޮށް ބުންޏެވެ. އެހިސާބުން ޝައިމް ގެއަށް ނުގޮސް އުޅެމުން ދިޔަ އެޑްރެސް ހޯދަން ތިން ފަހަރެއްގެ މަތިން ފުލުހުގައި އެދުނެވެ. އަދި ފެބްރުއަރީ މަހު އެޑިއުކޭޝަން މިނިސްޓްރީއާއެކު އެ މައްސަލައިގެ ކޭސް ކޮންފެރެންސެއް ވެސް ކުރިއަށް ގެންދިޔަ އެވެ.

އެ "އޮޕަރޭޝަން" ފަހު ޝައިމް ހޯދައި ޖެންޑާގެ ފެމިލީ އެންޑް ޗައިޑް ޕްރޮޓެކްޝަނާ ގުޅީ މި މަހުގެ ތިންވަނަ ދުވަހު އެވެ. ޖެހިގެން އައި ހަތަރުވަނަ ދުވަހު ޝައިމް ހުރީ އެ ޑިޕާޓްމަންޓްގަ އެވެ. އޭގެ ފަހުން އޭނާ ބަލަހައްޓާނެ އެއްވެސް ފަރާތެއް ނުވުމުން އަލުން ކުޑަކުދިންގެ ހިޔާއަށް، ވިލިމާލެއަށް ގެންދިޔައީ އެވެ. -- ޖެންޑާގެ އެދުމަށް ފުލުހުން ޝައިމް ހޯދަމުން ދިޔަ ނަމަވެސް ކުއްލި ގޮތަކަށް އޭނާ ލޮކޭޓްވީ ފުލުހުން ހިންގި އެހެން އޮޕަރޭޝަނެއްގައި ކުށުގެ ވެއްޓެއް އޮތް މާހައުލެއް ބަލަމުން ދަނިކޮށް އެތާނގެ ތެރޭގައި ހުއްޓަ އެވެ.

"ނަމަވެސް ކުޑަކުދިންގެ ހިޔާގައި އޭރު ކަންތައްތައް ހުރި ގޮތުން އެހެން ކުދިންނާ އެކީ ޝައިމް ބެހެއްޓުން ރަނގަޅު ނުވާނެތީވެ ވަކި އިންތިޒާމެއް ހަމަޖައްސައި ވަކިން ބެހެއްޓި. ހިޔާގަ އުޅުނު އިރުވެސް އެކި މައްސަލަތައް ފެންމަތިވޭ... ތަކެތި ހަލާކު ކުރުން ފަދަ އެކި ކަހަލަ އަހުލާގީ މައްސަލަތައް އައިސްފައިވޭ މާރާމާރީގެ މައްސަލަތައް ވެސް އައިސްފައިވޭ" ޝިދާތާ ވިދާޅުވި އެވެ.