ވިޔަފާރި

ދިވެހިވަންތަ ބަދަލުތަކާއެކު ޓާމިނަލްގެ މަސައްކަތް ފަށަން ސޮއިކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ އާ އިންޓަނޭޝަނަލް ޓާމިނަލްގެ މަސައްކަތް ހުއްޓުފައި އޮންނަތާ ދެ އަހަރަށްފަހު، ދިވެހި ވަންތަ ބަދަލުތައް ގެނެސް އަލުން މަސައްކަތް ފަށަން ސޮއިކޮށްފި އެވެ

ވީއައިއޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު އެވެ. ޓާމިނަލްގެ މަސައްކަތް 2016 ވަނަ އަހަރު ހަވާލު ކުރި ސައޫދީ ބިންލާދިން ގްރޫޕު ސައޫދީ ބިންލާދިން ގްރޫޕް (އެސްބީޖީ) ގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޝަން އޮފިސަރު އިންޓަނޭޝަން ޕައުލޯ ޕީގީ އެވެ.

މި ރަސްމިއްޔާތުގައި އެސްބީޖީގެ ޗީފް އޮޕަރޭޝަން އޮފިސަރު އިންޓަނޭޝަން ބިގީ ވިދާޅުވީ ޓާމިނަލްގެ މަސައްކަތް އަލުން ފެށިގެން ދިއުމަކީ ބޮޑު ކާމިޔާބީއެއް ކަމަށާ، މި ކާމިޔާބީއާ ހަމައަށް އާދެވުނީ ދިވެހި ސަރުކާރާއި ފައިނޭންސް ކުރާ ސައޫދީ ފަންޑު ފޯ ޑިވްލޮޕްމަންޓުގެ ބުރަ މަސައްކަތުން ކަމަށެވެ.

"މި މަސައްކަތުގައި [އެސްބީޖީ] އިން ބައިވެރިވާން ފުރުސަތު ލިބުމަކީ ފަހުރުވެރިވާ ކަމެއް،" ޕީގީ ވިދާޅުވި އެވެ.

އަހަރަކު ގާތްގަނޑަކަށް ހަތް މިލިއަން މީހުންނަށް ހިދުމަތް ދެވޭ ފެންވަރަށް، ތަރައްގީ ކުރާ ޓާމިނަލްގެ މަަސައްކަތް ބިން ލާދިން ގްރޫޕާ ހަވާލުކޮށްފައިވަނީ 350 މިލިއަން ޑޮލަރަށް (5.3 ބިލިއަން ރުފިޔާ) އަށެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 2016 ވަނަ އަހަރު އެވެ. އަދި މި މަސައްކަތަށް ހަރަދު ކުރަނީ ސައޫދީ އާއި އަބޫދާބީ އަދި ކުވެއިތު ފަންޑުން އުފައްދާފައިވާ ކޮންސޯޓިއަމަކުންނެވެ.

އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލް އާއި އެސްބީޖީގެ އިސް އޮފިޝަލުންގެ އިތުރުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި އެމްއޭސީއެލްގެ ޗެއާމަން މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އުމަރު މަނިކް (އެމްޔޫމަނިކް) ވެސް ބައިވެރިވަޑައިގަތެވެ. އާ ޓާމިނަލްގެ މަސައްކަތް އަލުން ފަށާފައި މިވަނީ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްގެންނެވެ. މިގޮތުން ފިނޭންސް މިނިސްޓަރު އަމީރު ވަނީ ސައޫދީ ފަންޑާއެކު ވެސް މަޝްވަރާ ކުރައްވައިފަ އެވެ.

އެމްއޭސީއެލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެކްޓިން އެމްޑީ ސޯލިހު ވިދާޅުވީ މި މަސައްކަތަކީ ބުރަ އަދި ބޮޑު މަސައްކަތެއް ކަމަށެވެ.

"ވަރަށް ގިނަ ނެގޯޝިއޭޝަންތަކާއެކު މަސައްކަތް ފެށިގެން މިދިޔައީ. މިއީ ފެށުމެއް،" ސޯލިހު ވިދާޅުވި އެވެ.

މިހާރު ހުރި އިންޓަނޭޝަނަލް ޓާމިނަލްގެ ދެކުނު ފަރާތުގައި ތަރައްގީ ކުރާ އާ ޓާމިނަލް އަޅަނީ 78،000 އަކަމީޓަރުގެ ސަރަހައްދެއްގަ އެވެ. ޓާމިނަލްގެ މަސައްކަތް ފެށުމުގެ ގޮތުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަނީ ފައުންޑޭޝަނަށް ބޭނުންވާ 1،400 ދަގަނޑު ހޮޅި ޖަހާފަ އެވެ. ސަރުކާރުން ބުނެފައިވަނީ އާ ޕެސެންޖަރު ޓާމިނަލް ނިމޭނީ 2022 ވަނަ އަހަރު ކަމަށެވެ. އާ ޓާމިނަލްގެ މަސައްކަތް ނިމުމުން މިހާރުގެ ޓާމިނަލް ބޭނުންކުރާނީ އެތެރޭގެ އުދުންތަކުގައި ދަތުރުކުރާ މީހުންނަށް ހިދުމަތް ދޭން ޑޮމެސްޓިކް ޓާމިނަލްއެއްގެ ގޮތުގަ އެވެ.