ހަބަރު

އާ ޓާމިނަލް ދެ މަސްތެރޭ ފެންނަން ފަށާނެ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އަލަށް ހަދާ ޓާމިނަލް ކުރިއަށް އޮތް ދެ މަހެއްހާ ދުވަސްތެރޭ ފެންނަން ފަށާނެ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.

ވީއައިއޭ ތަރައްގީ ކުރަން ކުރިއަށް ގެންދާ މަޝްރޫއުގެ އެންމެ ބޮޑު ބައި ކަމަށްވާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ސައޫދީ ބިންލާދިން ގްރޫޕު ސައޫދީ ބިންލާދިން ގްރޫޕް (އެސްބީޖީ) އަށް ހަވާލު ކުރީ 26، ޖުލައި 2016 ގަ އެވެ. މި މަސައްކަތް ތަފާތު ސަބަބުތަކާ ހުރެ ހުއްޓިފައި އޮންނަތާ ދެ އަހަރުވެއްޖެ އެވެ. ނަމަވެސް މިއަދު ވަނީ މަސައްކަތް އަލުން ފަށަން އެސްބީޖީއާއެކު އެމްއޭސީއެލް އިން ސޮއިކޮށްފަ އެވެ.

އަލުން މަސައްކަތް ފަށާއިރު، ޓާމިނަލްގެ މަސައްކަތަށް ވަނީ ބައެއް ބަދަލުތައް ގެނެސްފަ އެވެ. މި ބަދަލުތަކާބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ އިންފްރާސްޓްރަކްޗާ ޑިވްލޮޕްމަންޓުގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރު މުހައްމަދު ސޯލިހު ވިދާޅުވީ މަސައްކަތް އަލުން ހަވާލު ކުރި ނަމަވެސް މި މަޝްރޫއުގެ އަގަށް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ. ފެންނާނެ އެންމެ ބޮޑު އެއް ބަދަލަކީ ޓާމިނަލަށް ދިވެހި ވަންތަ ސިފަތަކެއް ގެންނަ ކުރެވިފައިވާ މަސައްކަތްތަކެއް ކަމަށް ސޯލިހު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސޯލިހު ވިދާޅުވީ ތިން މަސް ދުވަހުގެ ތެރޭގައި އާ ޓާމިނަލްގެ ކުރެހުން އާއްމުކޮށް ދައްކާލެވޭވަރު ވާނެ ކަމަށެވެ.

"ކުރިން ވެސް [ޓާމިނަލް] ގެ އިންޓީރިއާ އާ މެދު ހިތްހަމަ ނުޖެހުން އޮތް. އެހެންވެ އިންޓީރިއާއަށް ބަދަލު ގެނެވިފައި މިވަނީ. މިގޮތުން ގެނެވުނު ބަދަލުތަކުގެ ތެރޭގައި ދިވެހި ވަންތަން ސިފަތައް ފެންނާނެ ބަދަލުތަކެއް ގެނައުން ހިމެނޭ. މިތަނަކީ ފުރަތަމަ ރާއްޖެއަށް އަންނަ މީހާ އަށް ފެންނާނެ ތަން. އެހެންވެ، ރާއްޖޭގެ ސިފަ ވަންތަކަން ފެންނަ ގޮތަށް މިތަން ހުންނަންވާނީ،" ސޯލިހު ވިދާޅުވި އެވެ.

އަހަރަކު ގާތްގަނޑަކަށް ހަތް މިލިއަން މީހުންނަށް ހިދުމަތް ދެވޭ ފެންވަރަށް، ތަރައްގީ ކުރާ ޓާމިނަލްގެ މަަސައްކަތް ބިން ލާދިން ގްރޫޕާ ހަވާލު ކޮށްފައިވަނީ 350 މިލިއަން ޑޮލަރަށް (5.3 ބިލިއަން ރުފިޔާ) އަށެވެ. މި މަސައްކަތަށް ހަރަދު ކުރަނީ ސައޫދީ އާއި އަބޫދާބީ އަދި ކުވެއިތު ފަންޑުން އުފައްދާފައިވާ ކޮންސޯޓިއަމަކުންނެވެ.

ޓާމިނަލް މެއި، 2022 ގައި ނިމޭނެ

މުހައްމަދު ސޯލިހު ވިދާޅުވީ ގެނައި ބަދަލުގައި ޓާމިނަލްގެ ސައިޒަށް ބޮޑު ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ. އަދި މިހާރު ޕެސެންޖަރު ޓާމިނަލަށް ބޭނުންވާ ހުރިހާ ފައިނޭންސެއް ހަމަޖެހިފައިވާ ކަމަށެވެ.

"ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި މަސައްކަތް ފެށިގެންދާނެ. ދެ މަސް ދުވަހުގެ ތެރޭގައި ޓާމިނަލް ބިލްޑް ވަމުންދާތަން ފެންނަން ފަށާނެ،" ސޯލިހު ވިދާޅުވި އެވެ.

އާ ޓާމިނަލްގެ އިންޓީރިއާއަށް ގެނެސްފައިވާ ބަދަލާއެކު އެމްއޭސީއެލްއިން ވަނީ ބައެއް ތަންތަނުގެ ތަފުސީލުވެސް އާއްމުކޮށްފަ އެވެ.

ޓާމިނަލް - އެރެއިވަލްސް

  • ހަ ޕެސެންޖާ ބޯޑިން ބްރިޖް
  • 1500 ސްކެއާ މީޓަރުގެ ފްލޯއޭރިއާ
  • 28 ކައުންޓަރު
  • 345 މީޓަރުގެ ދިގު ބެލްޓް
  • 7 އީ ގޭޓް
  • 24 ސީޕްލޭން ޗެކިން ކައުންޓަރު
  • ޓޫރިސްޓު ރިސެޕްޝަލް ކައުންޓަރަށް 1000 އަކަމީޓަރު
  • 19 ރިސޯޓް ލަޖުންޖު

ޓާމިނަލް- ޑިޕާޗާ

  • ޗެއިން އަދި ސްކްރީން ކުރާ އޭރިއާ، 2500 އަކަމީޓަރު
  • 50 ޗެކިން ކައުންޓަރު
  • 20 ކައުންޓަރު
  • 6 އީގޭޓް
  • ސެކިއުރިޓީ ސްކްރީނިން އަށް 1500 އަކަމީޓަރު
  • 10 ސްކްރީނިން މެޝިން
  • 1800 އަކަމީޓަރުގެ ވީއައިޕީ ލައުންޗު އޭރިއާ
  • ދެ އައިސޮލޭޓެޑް ހޯލްޑިން ރޫމް
  • ޖުމްލަ 10 ގޭޓް

މިހާރު ހުރި އިންޓަނޭޝަނަލް ޓާމިނަލްގެ ދެކުނު ފަރާތުގައި ތަރައްގީ ކުރާ އާ ޓާމިނަލް އަޅަނީ 78،000 އަކަމީޓަރުގެ ސަރަހައްދެއްގަ އެވެ. ޓާމިނަލްގެ މަސައްކަތް ފެށުމުގެ ގޮތުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަނީ ފައުންޑޭޝަނަށް ބޭނުންވާ 1،400 ދަގަނޑު ހޮޅި ޖަހާފަ އެވެ.

އާ ޓާމިނަލްގެ މަސައްކަތް ނިމުމުން މިހާރުގެ ޓާމިނަލް ބޭނުންކުރާނީ އެތެރޭގެ އުދުންތަކުގައި ދަތުރުކުރާ މީހުންނަށް ހިދުމަތް ދޭން ޑޮމެސްޓިކް ޓާމިނަލްއެއްގެ ގޮތުގަ އެވެ.