ހަބަރު

ހޮސްޕިޓަލިޓީ ދެވޭނީ ދިވެހިން ތަމްރީނުކޮށްގެން: ނައިބު ރައީސް

ރާއްޖޭގެ ކުރިމަގުގައި އޮތީ ފަތުރުވެރިކަމާއި ފަތުރުވެރިން ބޭނުންވާ "މޯލްޑިވިއަން ހޮސްޕިޓާލިޓީ" ދެވެން އޮތީ ގިނަ އަދަދަކަށް ދާއިރާއަށް ދިވެހިން ތައްޔާރުކޮށްގެން ކަމަށް ނައިބު ރައީސް ވިދާޅުވެއްޖެ އެވެ.

ވިލާ ކޮލެޖާއި ޔުނިވާސަލް ފައުންޑޭޝަން އިން ހިންގާ "ޑިސްކަވާ ހޮސްޕިޓަލިޓީ" ޕްރޮގްރާމަށް މި އަހަރުގެ ނެގި ކުދިންނަށް ސެޓްފިކެޓް ހަވާލު ކުރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވާ ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ ފަތުރުވެރިކަމުގެ ދާއިރާ އަކީ ރާއްޖޭގެ ކުރިމަގު ކަމަށާއި މި ދާއިރާގައި ކިޔަވައިގެން ހުރި ޒުވާނުން ތަމްރީނު ކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

އަދި ވިދާޅުވީ، ފުރަތަމަ ޓުއަރިޒަމް ރާއްޖެއަށް ތައާރަފު ކޮށް ދާއިރާއިން ބޮޑު ކުރިއެރުމެއް ގެނައުމަށް ދިވެހިންގެ އެތައް ބަޔަކު މަސައްކަތް ކުރި ކަމަށާއި އެ މަސައްކަތްތައް ނުކުރި ނަމަ މިއަދު ފަތުރުވެރިކަމުގެ ދާއިރާ މިގޮތަކަށް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑުމެން ފާހަގަކޮށްލަން ޖެހޭ ދަތި އުނދަގޫތަކާއި ބުރަ ކަންތައްތަކާއެކު ފަތުރުވެރިކަމުގެ ފުރަތަމަ ދުވަސްވަރު ސަވައިވް ކުރުމަށްޓަކާ ދިވެހިން ކުރި މަސައްކަތަކީ ވަރަށް ވަރުގަދަ ހިތްވަރަކާއި އަޒުމެއް ހުރެގެން ކުރި މަސައްކަތެއް. މިއަދު އެކަން ހަނދާން ކުރަންޖެހޭ،" ނައިބު ރައީސް ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ، ރާއްޖެއަށް ލިބުނު ކޮންމެ ކުރިއެރުމަކާއި ހޯދި ކޮންމެ ކާމިޔާބީއެއް އަދި ރާއްޖެއަށް ލިބުނު ކޮންމެ ރީތި ނަމެއްވެސް ވަނީ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅިފައި ކަމަށެވެ.

ރާއްޖޭގައި ފަތުރުވެރިކަން ކުރިއަރާފައިވާ މިންވަރު ހާމަކޮށްދެއްވަމުން، ނައިބުރައީސް ވިދާޅުވީ މިދާއިރާގައި މަސައްކަތް ކުރުމަށް މިހާރު މާ ދުރަށް ދާކަށް ނުޖެހޭނެ ކަމަށެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ރިސޯޓުތައް ތަރަައްގީކޮށްފައި ހުރުމާއެކު ރަށުގައި ހުރެގެންވެސް ވަޒީފާއަށް ދާނެ ފުރުސަތު އޮތް ކަމަށެވެ.

"އަޅުގަނޑުމެން ވަޒީފާ އަދާ ކުރި ދުވަސްތަކާ ހިލާފަށް މިއަދު ދިވެހިރާއްޖޭގެ ރިސޯޓުތައްވެސް ހުރީ ހއ. އިން ފެށިގެން އައްޑޫ ސިޓީ އާ ދެމެދު. ކައިރީގަ ރަށުގައި ތިބެގެންވެސް ވަޒީފާއަށް ގޮސްފައި އަންނަ އެ ފުރުސަތު މިއަދު އެބޮތް. ރާއްޖޭގެ ވަޒީފާ އަދާ ކުރުމުގައި އެންމެ ހިތްހަމަޖެހި ވަޒީފާ އަދާ ކުރެވޭނެ މާހައުލު އޮތް ތަނަކީ ރިސޯޓުތައް. ޓުއަރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރުމުން ވަރަށް ގިނަ ފިލާވަޅުތަކެއް ލިބޭނެ" ނައިބުރައީސް ވިދާޅުވި އެވެ.

އިތުރަށް ފާހަގަކުރެއްވީ ގައުމު ހިންގުމަށް މަސައްކަތްތެރި ހުނަރުވެރި އަދި އެކި ފަންނުތަކުގެ ތައުލީމީ ޒުވާނުން ބޭނުންވާ ކަމަށެވެ. އަދި އެ މަސައްކަތުގައި ސަރުކާރުން އެއްބާރުލުން ދޭނެ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

" ދިވެހި ސަރުކާރުން ތައުލީމީ ދާއިރާ އަދި މަސައްކަތްތެރިން އުފެއްދުމުގެ ދާއިރާއަށް ހުޅުވެންހުރި ހުރިހާ ދޮރުތަކެއް ހުޅުވާނެ. އަދި ތައުލީމީ ދާއިރާއަށް ދުވަހަކުވެސް ހޭދަ ނުކުރާ މިންވަރަށް މި ސަރުކާރުގައި ހޭދަތަކެއް ކުރޭ"

ހޮސްޕިޓާލިޓީ ދާއިރާއިން ޒުވާނުން ތަމްރީނު ކުރުމަށް ވިލާ ކޮލެޖާއި ޔުނިވާސަލް ގްރޫޕްގެ، ފައުންޑޭޝަނުން ގުޅިގެން ބާއްވާ ޕްރޮގްރާމްތަކުގެ ދަށުން މިއަދު ވަނީ ދެ ބެޗަކަށް ސެޓްފިކެޓް ހަވާލުކޮށްފަ އެވެ. އެގޮތުން، އަލަށް މި ޕްރޮގްރާމުގައި ބައިވެރިވާ 34 ކުދިންނަށް ލިޔުން ހަވާލުކޮށް އަދި މިދިޔަ އަހަރުގެ ޕްރޮގްރާމުން ގްރެޖުއޭޓްވި ކުދިންނަށްވެސް ލިޔުން ހަވާލުކުރި އެވެ.