ހަބަރު

ޑިސްކަވާ ހޮސްޕިޓަލިޓީގެ މިއަހަރުގެ ބެޗަށް 34 ކުދިން

ވިލާ ކޮލެޖާއި ޔުނިވާސަލް ފައުންޑޭޝަންގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ "ޑިސްކަވާ ހޮސްޕިޓާލިޓީ" ގެ ތިން ވަނަ ބެޗަށް ލިޔުން ހަވާލުކޮށްފި އެވެ.

ހޮޓެލް ޖެންގައި މިއަދު ކުރިއަށްގެންދިޔަ، މި ހަފްލާގައި ވަނީ ހޮސްޕިޓާލިޓީގެ ރޮނގުން ކުރިއަށް ދާން ބޭނުންވާ ކުދިންނަށް "ޑިސްކަވާ ހޮސްޕިޓާލިޓީ" ޕްރޮގްރާމުގައި ބައިވެރިވެ ކޯސް ހަމަޖެހުނު ކަމުގެ ލިޔުން ހަވާލު ކޮށްފަ އެވެ. އެގޮތުން، 34 ބައިވެރިންނަށް ލިޔުން ހަވާލުކުރި އެވެ. އަދި، އެންމެ ފަހު ބެޗުގެ 22 ބައިވެރިންނަށް ކޯސް ފުރިހަމަ ކުރި ކަމުގެ ލިޔުން ވެސް ހަވާލުކުރި އެވެ.

ވިލާ ކޮލެޖާއި ޔުނިވާސަަލް ފައުންޑޭޝަނުން ކުރިއަށްގެންދާ ޑިސްކަވާ ހޮސްޕިޓަލިޓީ ޕްރޮގްރާމް ފެށީ 2017 ވަނަ އަހަރު އެވެ. އެގޮތުން، 2017 ވަނަ އަހަރު 15 ބައިވެރިން، އަދި 2018 ވަނަ އަހަރު 22 ބައިވެރިން މި ޕްރޮގްރާމުގައި ބައިވެރިވި އެވެ.

ވިލާ ކޮލެޖުން މައުލޫމާތު ދޭ ގޮތުގައި، މި ކޯހުގެ ތިއަރީ ކްލާސްތައް ކުރިއަށް ގެންދާނީ ވިލާކޮލެޖުގަ އެވެ. އަދި، އަމަލީ ތަމްރީނުތައް ކުރިއަށް ގެންދަނީ ޔުނިވާސަލް ރިސޯޓްތަކުގަ އެވެ. އަދި މި ކޯހުގެ ހުރިހާ ހަރަދެއް ކުރަނީ ޔުނިވާސަލް ފައުންޑޭޝަނުން ކަމަށްވެސް ވިލާ އިން ބުނެ އެވެ.