ވިޔަފާރި

އިސްލާމިކް ބޭންކުން ހިއްސާއެއް 35ރ. އަށް ވިއްކަން ހުޅުވާލަނީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ހިއްސާއެއް 35ރ. ގެ ރޭޓުން އަންނަ މަހުގެ 28 ވަނަ ދުވަހު އާއްމުންނަށް ހިއްސާ ވިއްކަން ހުޅުވާލަން ތައްޔާރު ވެއްޖެ އެވެ.

މާގިރި ހޮޓެލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެނޭޖިން ޑިރެކްޓަރު އަބްދުލް މުހައިމިނު ވިދާޅުވީ އާއްމުންނަށް ހިއްސާ ވިއްކަން ހުޅުވާލަނީ އިސްލާމިކް ބޭންކުގައި ދިވެހިންގެ ހިއްސާ އިތުރު ކުރާށެވެ.

"ދިވެހި ރައްޔިތުން އިސްލާމިކް ބޭންކުގައި ހިއްސާވާން ދައުވަތު އެރުވުމަކީ ލިބޭނެ ޝަރަފެއް. މި ފުރުސަތުގެ ބޭނުން ހިފުމަށް އެދެން،" މުހައިމިނު ވިދާޅުވި އެވެ.

އެމްއައިބީން އާއްމުންނަށް ހިއްސާ ވިއްކަން ފަށާނީ އަންނަ މަހުގެ 28 އިން ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ. ހިއްސާ ވިއްކުމުގެ ގޮތުން އެމްއައިބީން ވަނީ ރާއްޖޭގެ ހިއްސާގެ ބާޒަރު، މޯލްޑިވްސް ސްޓޮކް އެކްޗޭންޖުގައި ރަޖިސްޓްރީ ކޮށްފަ އެވެ.

އެ ކުންފުނި ވަނީ ހިއްސާ ވިއްކައިގެން 244 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބުނެފަ އެވެ. ހިއްސާ ވިއްކަން ހުޅުވާލާއިރު ހިއްސާ ބެހިގެން ދާނީ އިސްލާމިކް ބޭންކުގެ 4.5 މިލިއަން ހިއްސާ (157 މިލިއަން ރުފިޔާގެ ހިއްސާ) އާއި އިސްލާމިކް ކޯޕަރޭޝަން އޮފް ދަ ޑިވްލޮޕްމަންޓް އޮފް ޕްރައިވެޓް ސެކްޓާގެ 2.4 މިލިއަން ހިއްސާ (87 މިލިއަން ރުފިޔާގެ ހިއްސާ) އެވެ.

އެމްއައިބީގެ ޖުމްލަ ހިއްސާގެ 31 ޕަސެންޓް ވިއްކާއިރު، ވިއްކާ ހިއްސާގެ ޖުމްލަ އަދަދަކީ 6،975،000 އެވެ.

އެމްއައިބީ ހިއްސާ ވިއްކަން ހުޅުވާލުން

  • ހިއްސާ ވިއްކަން ހުޅުވާލަނީ ޖުލައި 18 ގައި
  • ހިއްސާއެއް ވިއްކަނީ 35ރ. އަށް
  • އެންމެ މަދުން ގަނެވޭނީ 20 ހިއްސާ
  • ވިއްކަނީ 244 މިލިއަން ރުފިޔާ ހޯދަން
  • ވިއްކަނީ ޖުމްލަ 6.9 މިލިއަން ހިއްސާ
  • ބޭންކުގެ ޖުމްލަ ހިއްސާގެ 31 ޕަސެންޓް ވިއްކާ

އިސްލާމިކް ބޭންކުން އާއްމުންނަށް ހިއްސާ ވިއްކަން ހުޅުވާލާއިރު އެންމެ މަދުން ގަނެވޭނީ 20 ހިއްސާ އެވެ. (އެއީ 35ރ. އަށް ހިއްސާއެއްގެ މަގުން ބަލާނަމަ 700ރ. ގެ ހިއްސާ ) އެވެ. އަދި 10 ހިއްސާ އިން އިތުރު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

އެމްއައިބީ އިން ބުނި ގޮތުގައި ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ އިންތިޒާމު ތަކެއް ހަމަޖައްސާފައިވާނެ ކަމަށެވެ. އެގޮތުން އެ ކުންފުނީގެ މެއިން ބްރާންޗުންނާއި ހުޅުމާލެ ބްރާންޗުން އަދި ހިތަދޫ ބްރާންޗާއި ފުވައްމުލަކު ބްރާންޗު އަދި ކުޅުދުއްފުށީ ބްރާންޗުގެ އިތުރުން ހިތަދޫ ބްރާންޗާއި އައިޕީއޯ ކޯޑިނޭޝަން ސެންޓަރުން ގަނެވޭނެ އެވެ. މީގެ އިތުރުން އޮންލައިން މެދުވެރިކޮށް މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީޒްގެ ޕޯޓަލް އިން ވެސް ހިއްސާ ގަނެވޭނެ ކަމަށެވެ.

އިސްލާމިކް ބޭންކުން ބޭއްވި ނޫސް ކޮންފަރެންސުގައި އެ ކުންފުނީގެ ޗީފް ފައިނޭންސް އޮފިސަރު އަލީ ވާސިފު ވިދާޅުވީ ރާއްޖޭގެ ކޮންމެ ހިއްސާބެއްގައި ހުންނަ މީހަކަށް ވެސް ފަސޭހަ ކަމާއެކު ހިއްސާ ގެނެވޭނެ ކަމަށެވެ.

"އޮންލައިން މެދުވެރިކޮށް ފަސޭހަކަމާއެކު ހިއްސާ ގަތުމުގެ ފުރުސަތު އޮންނާނެ. ރާއްޖޭގެ ކޮންމެ ހިއްސާބެއްގައި ހުންނަ މީހަކަށް ވެސް ހިއްސާ ގަނެލެވޭނެ ފަސޭހަ އިންތިޒާމެއް އޮންނާނެ،" ވާސިފު ވިދާޅުވި އެވެ.