މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހިއްސާ ގަންނަން އާއްމުންނާއި އަމިއްލަ ކުންފުނި ތަކުން ވެސް ޝައުގުވެރިވާ ކަމަށް ބުނެފި އެވެ.
އެމްއައިބީ އިން ވަނީ އެ ކުންފުނީގެ 31 ޕަސެންޓް ހިއްސާ ޕަބްލިކަށް ދޫކޮށްލަން ނިންމާފަ އެވެ. އާއްމުންނަށް ހިއްސާ ވިއްކަން ފަށާނީ އަންނަ މި މަހުގެ 28 އިން ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ކުންފުނި ވަނީ ހިއްސާ ވިއްކައިގެން 244 މިލިއަން ރުފިޔާ ހޯދަން ޓާގެޓް ކޮށްފަ އެވެ. އެމްއައިބީއިން ވިއްކާ ހިއްސާގެ ޖުމްލަ އަދަދަކީ 6،975،000 (6.9 މިލިއަން ހިއްސާ) އެވެ.
އެމްއައިބީގެ ޗީފް ފައިނޭންޝިއަލް އޮފިސަރު (ސީއެފްއޯ) އަލީ ވާސިފު ވިދާޅުވީ އެ ކުންފުނިން ދިރާސާއެއް ވެސް ހަދާފައިވާ ކަމަށާއި އެކަމަށް ކުންފުނިތަކާއެކު މަޝްވަރާ ވެސް ކުރި ކަމަށެވެ. އެ މަޝްވަރާ ތަކުން އިސްލާމިކް ބޭންކުގެ ހިއްސާއަށް ބޮޑު ޑިމާންޑެއް އޮންނާނެކަން އެނގުނު ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ކަސްޓަމާ ބޭސް ވަރަށް ބޮޑު. އެހެންވެ ވަރަށްގިނަ ކުންފުނިތަކާ ވެސް މަޝްވަރާ ކުރިން. މިކަމުގައި އެންޑީބީއައިބީ ބޭންކް މަސައްކަތް ކުރޭ އަޅުގަނޑުމެންނާ. މިއީ އިންވެސްޓްމަންޓް ބޭންކެއް. މި ބޭފުޅުނާއެކު ކުރީގެ ހިއްސާ ވިއްކުމުގެ ތަޖުރިބާއަށް ވެސް ބަލާފައިވާނެ،" ވާސިފު ވިދާޅުވި އެވެ.
އެމްއައިބީ އިން ހިއްސާ ވިއްކާ ހުޅުވާލާއިރު، މަދުން ގަނެވޭނީ 20 ހިއްސާ އެވެ. (އެއީ 35ރ. އަށް ހިއްސާއެއްގެ މަގުން ބަލާނަމަ 700ރ. ގެ ހިއްސާ ) އެވެ. އަދި 10 ހިއްސާ އިން އިތުރު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
ވާސިފު ވިދާޅުވީ ހިއްސާ ވިއްކައިގެން 244 މިލިއަން ރުފިޔާ ލިބޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ.
"އައިޕީއޯގެ ސައިޒު ކަނޑައަޅާފައިވަނީ މިވަގުތު ބޭންކްއަށް ބޭނުންވާ އިންވެސްޓްމަންޓަށް. އުންމީދު ކުރަނީ މި އަދަދަކީ މާކެޓުގެ ޑިމާންޑަށްވުރެ ވެސް މަދު އަދަދެއް ކަމަށް،" ވާސިފް ވިދާޅުވި އެވެ.
އެމްއައިބީ އުފައްދާފައިވަނީ ދިވެހި ސަރުކާރުގެ 15 ޕަސެންޓް ހިއްސާ އާއި މެލޭޝިއާގެ އިސްލާމިކް ކޯޕަރޭޝަންގެ ފޯ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓަ (އައިސީޑީ)ގެ 85 ޕަސެންޓް ހިއްސާއާއެކުގަ އެވެ. ނަމަވެސް 2017 ވަނަ އަހަރު ދިވެހި ސަރުކާރުން ވަނީ އެމްއައިބީގެ އިތުރު 10 ޕަސެންޓް ހިއްސާ ގަނެފަ އެވެ. މި ބަދަލާއެކު އެމްއައިބީގައި އޮތް އައިސީޑީގެ ހިއްސާއަކީ މިހާރު 70 ޕަސެންޓެވެ. އަދި ދިވެހި ސަރުކާރުގެ ހިއްސާ 25 ޕަސެންޓުގައި ހުރިއިރު އަމާނާ ތަކާފުލްގެ ހިއްސާގެ މިންވަރަކީ ފަސް ޕަސެންޓެވެ.