ހަބަރު

ހިދުމަތަށް މާލެ އައުން ނިމޭނީ ޑިޖިޓަލް ރާއްޖެއިން: މިނިސްޓަރު

ރާއްޖޭގެ ހިންގުމުގެ ނިޒާމު ލާމަރުކަޒީ އުސޫލުގެ ދަށުން ކުރިއަށްގެން ދާއިރު، ހިދުމަތްތައް ހޯދަން އަތޮޅުތަކުގެ ތެރެއިން މާލެ އަންނަ އައުން ނިމުމަކަށް ގެނެވޭނީ ޑިޖިޓަލް ރާއްޖޭގެ ތެރެއިން ކަމަށް ކޮމިއުނިކޭޝަންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރާއްޖެއަށް އަލަށް ގިގަބިޓް ސްޕީޑް އިންޓަނެޓުގެ ތައާރަފު ކުރަން ދިރާގުން މިއަދު ބޭއްވި ރަސްމިއްޔާތެއް ޝަރަފްވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ދިރާގުން ގިގަބިޓް ސްޕީޑުގެ ހިދުމަތް ތައާރަފް ކޮށްފައި ވަނީ، ދިރާގުން ފަށާފައިވާ ޑިޖިޓަލް ރާއްޖެ ޕްރޮގްރާމްގެ ދަށުންނެވެ.

މިނިސްޓަރު ވިދާޅުވީ، ސަރުކާރުން ފަށައިި ކުރިއަށް ގެންދާ "ޑިޖިޓަލް ރާއްޖެ" ޕްރޮގްރާމަކީ ރައްޔިތުންނަށް ފަސޭހަކާމައެކު އޮންލައިންގެ ޒަރިއްޔާއިން ޑިޖިޓަލްކޮށް ސަރުކާރުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކަމަށެވެ. އަދި، މި ހިދުމަތް ދިނުމުގައި އަވަސް އިންޓަނެޓް ދެވުމަކީ އިތުރު ފަސޭހަ އެއް ކަމަށާއި މިއީ ރާއްޖެއަށް ލިބޭނެ ކުރިއެރުމެއް ކަމަށެވެ.

"ސަރުކާރުގެ ފަރާތުން މިދަނީ ވަރަށް މުހިއްމު ޕްރޮޖެކްޓެއް ފަށައިގެން. އެއީ ރައްޔިތުންނަށް ފަސޭހަ ކަމާއެކު އޮންލައިންގެ ޒަރިއްޔާއިން ޑިޖިޓަލްކޮށް ސަރުކާރުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް. އެހެންވީމަ، ރައްޔިތުން އިންޓަނެޓް ބޭނުންކުރާ މިންވަރު އިންތިހާ އަށް ފުޅާވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުގެ ވިސްނުމަކީ ހުރިހާ މިނިސްޓްރީތަކަށް ދ އާއްމު ސުވާލުތައް ވެސް އެއް މަރުކަޒަކުން ޖަވާބު ދިނުމުގެ ވިސްނުމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ވަރަށް އަވަހަށް އެ ހިދުމަތް ގާއިމް ވެގެން ދާނެ ކަމަށާއި ބޭނުންވާ އިންފްރާސްޓްރަކްޗާ ފޯރުކޮށްދޭނީ ދިރާގު ފަދަ ކުންފުނިތަކުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަދި ވިދާޅުވީ، ރާއްޖެ އަށް ލިބޭ ތަރައްގީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ، ޓެލެކޮމިއުނިކޭޝަންގެ ދާއިރާއިން ލިބިފައިވާ ކުރިއެރުންތަކުން ކަމަށާއި މި ހިދުމަަތްތައް ފޯރުކޮށްދީ ކުރިއެރުންތައް ގެނެވެން އޮތީ ހަލުއި އިންޓަނެޓް މުޅި ރާއްޖެ އަށް ދެވިގެން ކަމަށެވެ.

ރާއްޖޭގެ ފުރަތަމަ މުއާސަލާތީ ކުންފުނި ދިރާގުން މިއަދު ވަނީ މިހާރު ފޯރުކޮށްދޭ 100 އެމްބީޕީއެސް އަށްވުރެ 10 ގުނަ ސްޕީޑް ހަލުއިވާނެ ހިދުމަތެއް ރާއްޖެއަށް ތައާރަފް ކޮށްފަ އެވެ.