ހަބަރު

ފްލައިޓަށް އަރައި ކުއްޖަކު އަތުލަން އުޅުނު މީހަކު ހުއްޓުވައިފި

Jun 30, 2019

މިއަދު މާމިގިލި އެއާޕޯޓުގައި ފުރަން ތައްޔާރުވެފައިއޮތް ފްލައިޓަކަށް އަރައި، އަންހެނެއްގެ ކުޑަ ކުއްޖަކު އަތުލަން އުޅުނު މީހަކު ހުއްޓުވައިފި އެވެ.

އޭވިއޭޝަން ސެކިޔުރިޓީ ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނީ މިއަދު ހެނދުނު 10:18 ގައި ފްލައިމީގެ ވީޕީ605 ގެ ބޯޓު ފުރަން ތައްޔާރުވެފައިވަނިކޮށް، އެއާސައިޑަށް ވަދެވޭގޮތަށް ހުންނަ ގޭޓުން އާންމުންގެ މީހަކު ވަނީ ދުވެފައިގޮސް ފްލައިޓަށް އަރައި، ބޯޓުގައި އިން އަންހެނެއްގެ އަތުން ކުޑަކުއްޖަކު އަތުލައިފަ އެވެ.

އެ ހާދިސާ ހިނގި ވަގުތު ސެކިޔުރިޓީ ޗެކްޕޮއިންޓުގައި އިން އޮފިސަރަށް އިޖާބަ ނުދީ ދުވެފައިގޮސް ބޯޓަށް އެރި މީހާ ފަހަތުން އެ އޮފިސަރު ގޮސް ވަނީ އެމީހާ ބޯޓުން ބާލުވައި ފުލުހުންނާ ހަވާލުކޮށްފައިކަމަށް އެ ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.

އަދި ވައިގެ ބަނދަރުތަކުގެ ސަލާމަތާއި ރައްކތެރިކަމަށްޓަކައި ހެދިފައި ހުންނަ ގާނޫނުތަކާއި ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ސެކިޔުރިޓީ ކޮމާންޑުން ވަނީ އިލްތިމާސްކޮށްފަ އެވެ.