ހަބަރު

ކޮރަޕްޝަނާ ދެކޮޅަށް ފެނަކައިން އިގުރާރެއްގައި ސޮއިކޮށްފި

ސަރުކާރުގެ "ޒީރޯ ޓޮލަރެންް ޓު ކޮރަޕްޝަން"ގެ ދަށުން ފެނަކައިގެ ހުރިހާ މުވައްޒަފުން ކޮރަޕްޝަނާ ދުރުވުމަށް އިގުރާގެއްގައި ސޮއި ކޮށްފި އެވެ.

ފެނަކަ ކޯޕަރޭޝަންގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ކޮރަޕްޝަނާ ދެކޮޅަށް ފެނަކައިގެ 154 ބްރާންޗުގެ މުވައްޒަފުން ވަނީ ސޮއި ކޮށްފަ އެވެ.

ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން" ނަމުގައި ސަރުކާރުން ގައުމީ ކެމްޕޭނެއް ލޯންޗް ކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ. ސަރުކާރުގައި ކޮރަޕްޝަނާއި ފަސާދަ އަށް އޮންނާނީ ޒީރޯ ޓޮލަރެންސް ކަމަށް ރައީސް ސޯލިހު ވިދާޅުވީ އެކަމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގަ އެވެ.

އަތޮޅުތަކަށް ކަަރަންޓު ފޯރުކޮށްދޭ ފެނަކަ ކުންފުންޏަކީ މިދިޔަ ސަރުކާރުގައި ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް އެންމެ ބޮޑަށް އަމާޒުވި އެއް ކުންފުންޏެވެ.

އެގޮތުން، ތެޔޮ ވިއްކުމާއި ޖަނަރޭޓަރު ގަތުމާއި އެހެން ވެސް ބައެއް މުއާމަލާތަތްތަކުގެ ތެރެއިން ކޮރަޕްޝަން ހިމެނޭ ގޮތުން އެތައް މިލިއަން ރުފިޔާއެއް ދީފައިވާ ކަމަށާއި އެކަމާ ގުޅިގެން އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުން ފެނަކައަށް ވެފައިވާކަން އެ ކުންފުންޏާ ގުޅޭ ގޮތުން 2017 ވަނަ އަހަރު އޮޑިޓާ ޖެނެރަލް އެކުލަވާލެއްވި އޮޑިޓް ރިޕޯޓެއްގައި ބުނެފައި ވެ އެވެ. އަދި ޕްރޮކިއުމަންޓުގެ ތެރެއިން ޕޭމަންޓް ވޮއުޗަރާއި އިންވޮއިސް ނެތި ޕާޗޭސް އޯޑަރު ދިނުމާއި ހިދުމަތުގެ ރިކުއެސްޓް ފޯމު ނެތި އަމިއްލަ ފަރާތްތަކަށް ފައިސާ ދީފައިވާ ކަމުގެ ތުހުމަތުތައްވެސް ފެނަކަ ކުންފުންޏަށް ވަނީ ކުރިމަތިކޮށްފަ އެވެ.

މިއަދު ސޮއި ކުރި ގަރާރުގައި ރަށްރަށުގައި ހުންނަ ފެނަކަ ކުންފުނީގެ ބްރާންޗުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ހިމަނައިގެން 2800 މުވައްޒަފުން ސޮއި ކުރި ކަމަށް ފެނަކައިން ބުނެ އެވެ.