އިލެކްޝަންސް ކޮމިޝަން

ބާ ކައުންސިލްގެ އިންތިހާބު މިމަހު 13 ގައި

ރާއްޖޭގައި މަސައްކަތް ކުރާ ގާނޫނީ ވަކީލުންގެ ހުރިހާ ކަމެއް ބަލަހައްޓައި ރެގިއުލޭޓް ކުރުމަށް، އުފެއްދި ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބު މިމަހު 13 ގައި ބާއްވަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

ގާނޫނީ ވަކީލުންގެ ހުރިހާ ކަމެއް ބަލަހައްޓައި ރެގިއުލޭޓް ކުރުމަށް، ބާ ކައުންސިލްގެ ނަމުގައި މިނިވަން މުއައްސަސާއެއް އުފައްދާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބާ ކައުންސިލްގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވާފައިވަނީ މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހު އެވެ. މިބިލް މަޖިލީހަށް ހުށަހެޅީ ސަރުކާރު ފަރާތުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ.

އީސީ އިން ބުނީ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ ރައީސްކަމުގެ މަގާމާއި ނައިބު ރައީސްގެ މަގާމުގެ އިތުރުން މެމްބަރުގެ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހު ފަސް ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާފައިވާ ކަމަށެވެ. އަދި ކުރިމަތިލުމަށް އެދި ހުށަހަޅަން ޖެހޭ ފޯމު އިންތިހާބާ ބެހޭ މަރުކަޒުން ލިބެން ހުންނާނެ ކަމަށެވެ.

ބާ ކައުންސިލްގެ ރައީސްގެ މަގާމަށް ކުރިމަތިލާ ފަރާތަކީ ގާނޫނީ ވަކީލެއްގެ ގޮތުގައި 10 އަހަރު ވަންދެން މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް ވާން ޖެހޭނެ ކަމަށް އީސީން ބުންޏެވެ. އަދި ވަކީލެއްގެ ގޮތުގައި ކުރައްވާފައިވާ މަސައްކަތުގެ ތެރެއިން އެމީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ އެއްވެސް މައްސަލަ ކޯޓުގައި އޮވެގެން ނުވާނެ އެވެ. މީގެ އިތުރުން ގާނޫނީ ގޮތުން ބަގުރޫޓުވެފައިވާ މީހެއްކަމުގައި ނުވުން ނުވަތަ ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ވެގެން ނުވާނެ ކަމަށްވެސް އީސީން ބުންޏެވެ.

ކައުންސިލްގެ ނައިބު ރައީސް އަދި މެމްބަރުގެ މަގާމަށް ކުރިމަތިލާ ފަރާތަކީވެސް ގާނޫނީ ވަކީލަކަށް ވާން ޖެހެ އެވެ. އެގޮތުން އެ ފަރާތަކީ ގާނޫނީ ވަކީލެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރު ދުވަހު މަސައްކަތް ކޮށްފައިވާ މީހަކަށް ވާން ޖެހެ އެވެ. އަދި ވަކީލެއްގެ ގޮތުގައި ކުރައްވާފައިވާ މަސައްކަތުގެ ތެރެއިން އެމީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ އެއްވެސް މައްސަލަ ކޯޓުގައި އޮވެގެން ނުވާނެ އެވެ. މީގެ އިތުރުން ގާނޫނީ ގޮތުން ބަގުރޫޓުވެފައިވާ މީހެއްކަމުގައި ނުވުން ނުވަތަ ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ވެގެން ނުވާނެ ކަމަށްވެސް އީސީން ބުންޏެވެ.

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިހާބުގެ ވޯޓު ނެގުމަށް ހަމަޖައްސާފައިވަނީ، 2019 ޖުލައި 13 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ން ހަވީރު 5:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ތިރީސް މިނުޓުގެ ތެރޭގައެވެ. މި އިންތިހާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2019 ޖުލައި 14 ވާ އާދީއްތަ ދުވަހުގައެވެ.

މިއަދު އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އެ އިންތިހާބުގައި ވޯޓުލެވޭ ވަކީލުންގެ ލިސްޓު މާދަމާ އިއުލާނުކުރައްވާނެކަމަށާއި އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ހުޅުވާލާނެ ކަމަށެވެ.

އެ އިންތިހާބު އީސީން ބާއްވަންޖެހޭ ގޮތަށް ގާނޫނު ފަރުމާކޮށްފައިވަނީ އެ ކޮމިޝަނާ އެއްވެސް ވަރަކަށް މަޝްވަރާކުރުމެއްނެތި ކަމަށް ވެސް ޝަރީފް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ގާނޫނަކުން އެވަރުގެ ޒިންމާއެއް ކޮމިޝަނާ ހަވާލުކުރުމުގެ ކުރިން މި ކޮމިޝަނާ މަޝްވަރާވެސް ކުރަންޖެހޭނެ. އެކަމަކު އިންތިހާބު ބާއްވަންޖެހެނީ ކޮމިޝަނުންކަން އަޅުގަނޑުމެންނަށް އެނގުނީ އެ ގާނޫނު ކިޔާލިފަހުން،" ޝަރީފް ވިދާޅުވި އެވެ.

ބާ ކައުންސިލްގެ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ފަރާތުން އިންސާފުވެރި އަދި އޮމާން އިންތިހާބެއް ބޭއްވުމަށްޓަކައި އެއްބާރުލުން ދިނުމަށް ކޮމިޝަނުން މިއަދު ވަނީ އިލްތިމާސްކޮށްފަ އެވެ.