ބާ ކައުންސިލް

ބާ ކައުންސިލްގެ އިންތިހާބުގެ ބަޖެޓަކީ 1.2 މިލިއަން ރުފިޔާ

Jul 3, 2019
3

މި މަހުގެ 13 ވަނަ ދުވަހު ބާއްވާ ބާ ކައުންސިލްގެ އިންތިހާބުގެ ބަޖެޓަކީ 1.2 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް އެ ވަރަށް ހަރަދެއް ނުދާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހްމަދު ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.

އީސީގެ ރައީސް ޝަރީފު ވިދާޅުވީ ބާ ކައުންސިލްގެ އިންތިހާބަށް 1.2 މިލިއަން ރުފިޔާ ކަނޑައެޅީ 30 ރަށެއްގައި އިންތިހާބު ބާއްވަން ޖެހިދާނެ ކަމަށް ލަފާ ކޮށްފައި ކަމަށެވެ. ނަމަވެސް އިންތިހާބުގައި ވޯޓުލެވޭ ވަކީލުންގެ ލިސްޓުގެ ރަޖިސްޓްރީއަށް އަންނަ ބަދަލުތަކާއެކު ވޯޓު ލާން ޖެހޭ ރަށްތައް މަދުވާނެ ކަމަށާއި އެހެންކަމުން އިންތިހާބުގައި ހަރަދު ކުރެވޭ މިންވަރު ބަޖެޓަށްވުރެ ކުޑަ ވާނެ ކަމަށެވެ.

ބާ ކައުންސިލްގެ އިންތިހާބަށް ވޯޓު ކަރުދާސް ޗާޕު ކުރުމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީއާއި އީސީ އިން ދަނީ މަޝްވަރާ ކުރަމުންނެވެ. އެއީ އާންމުކޮށް އިއުލާންކޮށް އެ މަސައްކަތް ބަޔަކަ ހަވާލު ކުރާނެ ވަގުތު ނެތުމުން ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

ބާ ކައުންސިލްގެ ބިލު ގާނޫނަކަށް ބަދަލުވުމާއެކު، ރާއްޖޭގައި މަސައްކަތް ކުރަމުންދާ ވަކީލުންނާ ގުޅޭ ހުރިހާ ކަމެއް ބަލައި ރެގިއުލޭޓް ކުރުމުގެ މަސައްކަތް ކުރާނީ ބާ ކައުންސިލް އިންނެވެ.

ބާ ކައުންސިލްގެ މެންބަރުންގެ ގޮތުގައި ހިމެނެނީ ބަންޑާރަ ނައިބާއި، ކައުންސިލްގެ ރައީސާއި ނައިބު ރައީސްގެ އިތުރަށް މެންބަރުންގެ ގޮތުގައި ތިބޭ ހަ ވަކީލުންނެވެ. އެ ގޮތުން ބަންޑާރަ ނައިބު ފިޔަވައި އެހެން މެންބަރުން ހޮވާނީ ވަކީލުންގެ ތެރޭގައި ނެގޭ ސިއްރު ވޯޓަކުންނެވެ. އެ އިންތިހާބު ބޭއްވުމުގެ ހުރިހާ ކަމެއް ކުރަން ޖެހޭނީ އީސީ އިންނެވެ.