ހަބަރު

ޖޭއެސްސީއަށް ހައިލަމް ނުހޮވުނު، ކާމިޔާބުކުރީ ޝަރީފް

ދަށު ކޯޓުތަކުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް އިންތިހާބުކުރާ މެންބަރަކު ހޮވުމަށް ބޭއްވި އިންތިހާބު އަލީ ޝަރީފް ކާމިޔާބު ކުރައްވައިފި އެވެ. އޭނާއަކީ ލ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓެވެ.

އަލީ ޝަރީފަށް ލިބިފައިވަނީ 127 ވޯޓެވެ. އޭނާއާ ވާދަކުރެއްވި ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމަށް ލިބިފައިވަނީ 37 ވޯޓެވެ. ދެން ވާދަ ކުރެއްވި އަބްދުލްރައްޒާގު މުހައްމަދަށް ލިބިފައިވަނީ އެންމެ ވޯޓެކެވެ.

ރައްޒާގަކީ ގދ. ފިޔޯރީ ކޯޓުގެ އިސް މެޖިސްޓްރޭޓެވެ. އިލެކްޝަން ކޮމިޝަންގެ އެހީއާއެކު ބޭއްވި މި އިންތިހާބުގެ ވަގުތީ ނަތީޖާ މިހާރު ވަނީ އާންމުކޮށްފަ އެވެ.

މި ވޯޓުގައި ވޯޓުލުމުގެ ހައްގު ދަށު ކޯޓުތަކުގެ ފަނޑިޔާރުންނަށް ލިބުނެވެ. މިއަދުގެ އިންތިހާބުގައި ވޯޓުލާފައިވަނީ 167 ގާޒީއަކު ވޯޓު ލައްވާފައިވެ އެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ ގާޒީންގެ އަދަދަކީ 178 އެވެ.

ޖޭއެސްސީއަށް މެންބަރަކު ހޮވުމަށް މިއަދު އިންތިހާބު ބޭއްވީ ދަށު ކޯޓުތަކުގެ ފަރާތުން ޖޭއެސްސީގައި އިންނެވި ޖުވެނައިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅުގެ ދައުރު ހަމަވުމުންނެވެ.