ނޮވެމްބަރު ތިނެއްގެ ބާޣީ، އަބްދުﷲ ލުތުފީ ފިލަން ފުރުސަތު ދިން މައްސަލަ ތަހުގީގުކޮށް އެ ކަމުގައި ހިމެނޭ ފަރާތްތަަކަށް އިންސާފުގެ ކުރިމައްޗަށް ގެންދަންޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ،
ޖަމީލް މިހެން ވިދާޅުވީ، އެ މަނިކުފާނު ނެރުއްވި ބަޔާނެއް މެދުވެރިކޮށެވެ.
އެ ބަޔާނުގައި އޭނާ ވިދާޅުވީ، ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ލުުތުފީ ގޮސް ސަރުކާރާ ހަވާލުވި ފަހުން ދެ މަސްދުވަސް ވެގެން ދިޔައިރު ސަރުކާރުން އެކަން ސިއްރު ކުރުމަކީ އެކަމުގައި ކަންތައްތަކެއް ފޮރުވާފައިވާ ކަމަށް ބެލުމުގެ ފުރުސަތު އޮތްކަމެއް ކަމަށެވެ.
ލުތުފީ އެމްބަސީ އަށް ދިޔަ ކަމަށް ބުނާ ތާރިހާމެދު ސަރުކާރުގެ އެކި ފަރާތްތަކުން އެކި ގޮތަށް ބުނަމުން ގެންދިއުމަކީ ސަރުކާރަށް މި މައްސަލައިގައި ކުރެވޭ ތުހުމަތުތަކަށް އިތުރު ބާރެއް ލިބޭޭ ކަމެއް ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.
ޑރ. ޖަމީލް ވިދާޅުވީ، ލުތުފީ ފިލުމާއި އެމްބަސީގައި އެތައް ދުވަހެއް ވަންދެން ހުރުމާއި މިހާތަނަށް ރާއްޖެއަށް ލުތުފީ ގެނައުމަށް ނުކުޅެދިފައިވާ ސަބަބުތައް ބަލައި ދިވެހި ފުލުހުންނާއި ސިފައިން ޖަވާބުދާރީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއް ކަމަށެވެ.
މަރަން ހުކުމް ކުރުމަށްފަހު އުމުރުގެ ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށްފައި ހުއްޓާ ލުތުފީ ގެއަށް ބަދަލު ކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުންނެވެ. އޭނާ ބޭރަށް ފުރުވާލީ ވެސް އެ ސަރުކާރުގަ އެވެ. އެ ފަހަރު ބޭހަށް އިންޑިއާއަށް ފޮނުވުމުން އޭނާ ފިލީ އެވެ. އޭގެ ފަހުން އޭނާ ފިލައިގެން ސްރީލަންކާގައި އުޅޭތާ ނުވަ އަހަރު ފަހުން މިދިއަ އޭޕްރީމަލުގެ މެދަކާ ހަމައިން ފެށީގެން ދިރިއުޅެނީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގަ އެވެ.