ހަބަރު

ޓްރާންސްޕޯޓް އޮތޯރިޓީގެ ހިދުމަތަށް އެދޭނެ ގަޑިތަކެއް ހަމަޖައްސައިފި

ޓްރާންސްޕޯޓް އޮތޯރިޓީއަށް މިހާރު އެދޭ ހިދުމަތްތަކަށް މިހާރު ދޫކުރާ އެޕްލިކޭޝަން ނަމްބަރުގެ ބަދަލުގައި ވަކި ގަޑިތަކެއްގައި ހިދުމަތް ބަލައިގަންނަން ނިންމާފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.

ޓްރާންސްޕޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ އޮތޯރިޓީގެ ހިދުމަތަށް ދޫކުރާ ނަމްބަރު ވަކި އަދަދަކަށް ދޫކުރުމުން އާއްމުންގެ ޝަކުވާ ލިބެމުންދާތީ ނަންބަރުތަައް ލިމިޓް ކުރުމުގެ ބަދަލުގައި ހިދުމަތް ދޭނެ ވަކި ގަޑިއެއް ހަމަޖައްސާފައިވާ ކަމަށެވެ. އެ ގަޑި އަކީ، ރަސްމީ ދުވަހުގެ ހެނދުނު 08:00 - 11:00 އަށް ކަމުގަ އެވެ. އަދި، މާދަމާއިން ފެށިގެން މި އުސޫލަށް ހިދުމަތް ދޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެ އެވެ.

"މި ކަމަކީ ހިދުމަތަށް އެދޭ ފަރާތްތަކަށް ވަރަށް ބޮޑަށް ދަތިވެ، އެކަމުގެ ޝަކުވާ ބޮޑުވެފައިވާ ކަމަކަށް ވާތީި އެކަން އަލުން ބެލުމަށްފަހު ހިދުމަތަށް އެދޭ ފަރާތްތަކަށް ވަކި ގަޑި އެއް ކަނޑައަޅައިފި ކަމުގައި ހަމަޖައްސައިފީމެވެ" ޓްރާންސްޕޯޓުން ނެރުނު ނޫސް ބަޔާނުގައި ބުނެ އެވެ.

ޓްރާންސްޕޯޓު އޮތޯރިޓީ އަކީ، އެއްގަމު އުޅަނދާއި ކަނޑު އުޅަނދުގެ ދަތުރުފަތުރު ކުރުމާ ގުޅޭ ގިނަ ހިދުމަތްތަކެއް ދޫކުރާ ތަނެކެވެ.