ހދ. ކުޅުދުއްފުއްޓަށް އެ އަތޮޅުގެ އެހެން ރަށްތަކާއި އުތުރުގެ އަނެއް ދެ އަތޮޅުގެ ބައެއް ރަށްތަކުން މީހުން ޖަމާވެ، ކޮންމެ ހޮނިހިރު ދުވަހަކު ހިންގާ ބާޒަރު މަނާ ނުކުރަން ކުޅުދުއްފުށީ ކައުންސިލުން ނިންމައިފި އެވެ. އެގޮތަށް ނިންމީ ކައުންސިލްގެ ބައްދަލުވުމުގައި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ކުޅުދުއްފުށީގެ ޒަމާންވީ ހޮނިހިރު ބަޒާރު މަނާ ކުރުމަށް ކައުންސިލުން ނިންމުމުން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. ކައުންސިލުން އެ ބާޒާރު މަނާ ކުރަން ނިންމީ ރަށުގައި އިމާރަތްކޮށްފައިވާ ލޯކަލް މާރުކޭޓްގެ ހިދުމަތް ފެށިފައިވާތީ އެ ތަނަށް ހޮނިހިރު ބާޒާރުގެ ސަބަބުން ގެއްލުންވާނެ ކަމަށް ބުނެ އެވެ.
މުޅި ރާއްޖެއަށް ވެސް މަޝްހޫރު މި ހޮނިހިރު ބާޒަރަކީ އެންމެ ގިނަ ބަޔަކު އެއް ތަނަކަށް ޖަމާވާ މިފަދަ ހަމައެކަނި ބާޒާރެވެ. މި ބާޒާރުން ރަށްރަށުގައި އުފައްދާ ގިނަ ތަކެތި ވިއްކަ އެވެ. ތަރުކާރީ އާއި މޭވާ އާއި މަސް މިތަނުގައި ވިއްކާ ހަދަ އެވެ. ދިރޭ ކުކުޅު ފަދަ ތަކެތި ވެސް ބައެއް މީހުން ވިއްކަން ބަހައްޓަ އެވެ. ހުސް ބިމެއްގައި ގަސްތަކުގެ ހިޔަލުގައި ބުރުތަކުގެ މަތީގައި ތަކެތި ވިއްކަން ތިބޭ މި ބާޒަރަކީ ވަރަށް ތަފާތު، ހިތްފަސޭހަ ބާޒާރެކެވެ.
މި ބާޒާރު ވެގެން ގޮސްފައިވަނީ ހަމައެކަނި ތަކެތި ވިއްކާ ތަނެއްގެ އިތުރުން ރަށްރަށުގެ ރައްޔިތުންގެ ގުޅުމާއި އެކުވެރިކަން ވެސް ބަދަހިކޮށްދޭ ކަމަކަށެވެ. އަދި ރަށްރަށުގެ ދަނޑުވެރިންގެ އުފެއްދުންތައް ވިއްކޭނެ ފަސޭހަ، މަންފާ ލިބޭ ބާޒާރަކަށެވެ. މި ބާޒާރެއް މިގޮތަށް ކުރިއަށްދާތާ އެތައް ޒަމާންތަކެއް ވަނީވެފަ އެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއް ލަތީފް ހަސަން ވިދާޅުވީ ކައިރި ރައްތަކުގައި ދިރިއުޅޭ ދަނޑުވެރިންނާއި ހދ. އަތޮޅު ކައުންސިލްއާއި ސަރުކާރުގެ އިސްބޭފުޅުން އަދި މަޖިލިސް މެމްބަރުން ގުޅުއްވާ ހޮނިހިރު ބާޒާރު މަނާ ނުކުރުމަށް އެދިލައްވާފައިވާ ކަމަށެވެ. އެފަރާތްތަކުގެ އެދުމުގެ މަތިން މަނާކޮށްފައި އޮތް އޮތުން އަބުރާ ނެންގެވީ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުޅުދުއްފުށީގައި ހޮނިހިރު ބާޒާރު ކުރިއަށްދާ ތަނާ ކައިރީގައި އަޅާފައިވާ ލޯކަލް މާރުކޭޓްގެ ހިދުމަތް ފަށާފައިވާއިރު އެ ތަނުގެ ގޮޅިތައް ބައެއް މީހުން ވަނީ ކުއްޔަށް ނަގާފަ އެވެ. އަދި އެތަނުގައި އުފެއްދުންތައް މިހާރު ވިއްކަމުން ވެސް ދެ އެވެ. މީގެކުރިން ވެސް ކުޅުދުއްފުށީގައި ދެ ލޯކަލް މާރުކޭޓެއްގެ ހިދުމަތް ފެށި އެވެ. އެ ދެ ފަހަރު ވެސް މާރުކޭޓަށް ފައިދާ ނުވާތީ ބަންދުކުރީ އެވެ. އެހެން މާރުކޭޓްތައް ފަށައި، ނާކާމިޔާބުވެގެން ދިޔައިރު ވެސް ހޮނިހިރު ބާޒާރަށް އެއްވެސް ދުވަރެއްގައި ވެސް ފަނޑުކަމެއް އައިސްފައެއް ނުވެ އެވެ.