ހަބަރު

ބާ ކައުންސިލަށް މޮނީޓަރުން ހޯދަން އިއުލާންކޮށްފި

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީ ހޮވަން މިމަހުގެ 13 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވޯޓުނެގުމާއި ގުނުމުގެ ކަންތައްތައް މޮނީޓާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އިންތިހާބުގައި ވޯޓު ނެގުމާއި ގުނުމުގެ ކަންތައް މޮނީޓާ ކުރުމަށާއި އޮބްޒާވް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ޖުލައި 10 ވާ ބުދަ ދުވަހުގެ މެންދުރު 2:00 އަށް ހުޅުވާލާފައިވާ ކަމަށެވެ.

އިންތިހާބު މޮނިޓާ ކުރުމުގެ ފުރުސަތު ލިބޭނީ ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ހަބަރު ފަތުރާ އިދާރާތަކަށެވެ.

މޮނީޓަރުންގެ ގޮތުގައި ޝައުގުވެރިވާ ފަރާތްތަކުގެ ލިސްޓެއް، ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް، އައިޑީކާޑު ނަންބަރު އަދި ތަމްސީލުކުރާ ފަރާތް ހިމެނޭގޮތަށް އިލެކްޝަންސް އަށް ހުށަހަޅަން ވާނެ ކަމަށް އިއުލާނުގައި ވެ އެވެ.

ލިސްޓު ހުށަހަޅަން ޖެހެނީ އިލެކްޝަންސް ކޮމިޝަނުގެ ރިސެޕްޝަނުން ހެނދުނު 9:00 އިން ފެށިގެން މެންދުރު 2:00 އަށް މި ލިސްޓު ބަލައިގަންނާނެ އެވެ.

ބާ ކައުންސިލްގެ ބިލު ގާނޫނަކަށް ބަދަލުވުމާއެކު، ރާއްޖޭގައި މަސައްކަތް ކުރަމުންދާ ވަކީލުންނާ ގުޅޭ ހުރިހާ ކަމެއް ބަލައި ރެގިއުލޭޓް ކުރުމުގެ މަސައްކަތް ކުރާނީ ބާ ކައުންސިލް އިންނެވެ.