ހަބަރު

ހައްޖު ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

މި އަހަރު ހައްޖަށް މީހުން ގެންދިއުމަށް އެދި ހުށަހެޅި ޕްރޮޕޯސަލްތައް އިސްލާމިކް މިނިސްޓްރީން އިވެލުއޭޓް ކޮށްފައިވާއިރު ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނިންމައިފި އެވެ.

ހައްޖަށް ގެންދިޔުމަށް އެދިފައިވާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކޮށްފައިވަނީ މާލިއްޔަތުގެ ގަވާއިދާ ހިލާފަށްތޯ ކަމަށް ބުނާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބެލުމަށްފަހު މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ހައްޖު ގްރޫޕްތަކަށް ޕޮއިންޓު ދީފައިވަނީ، ބޮލަކަށް ނަގާ އެންމެ ދަށް އަގަށް ކަމަށެވެ. އަދި، ތަޖުރިބާގެ ގޮތުގައި ޕޮއިންޓު ދީފައިވަނީވެސް ހުށަހަޅާފައިވާ ލިޔުންތަކަށް ބެލުމަށްފަހު އެންމެ ގިނަ އަހަރުގެ ތަޖުރިބާ ހުރި ފަރާތްތަކަށް ކަމަށެވެ.

"މި ކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާގައި، އިވެލުއޭޝަން ކޮމެޓީއިން ޕްރޮޕޯސަލްތަކަށް ޕޮއިންޓްދީފައިވަނީ މައުލޫމާތު ޝީޓާ ހިލާފަށްކަމަށް ބުނެފައިވީނަމަވެސް، ހައްޖަށް ގެންދިޔުމަށް ހުށަހަޅާ އަގުގެ ބަޔަށް ޕޮއިންޓް ދީފައިވަނީ ހައްޖަށް ގެންދިޔުމަށް ބޮލަކަށް ނެގުމަށް ހުށަހަޅާފައިވާ އަގުތަކުގެ ތެރެއިން އެންމެ ދަށް އަގަށް އެބަޔަށް ކަނޑައަޅާފައިވާ ޖުމްލަ ޕޮއިންޓް ދީގެން އަގު ބޮޑުވާވަރަކަށް ނިސްބަތުން ޕޮއިންޓް އުނިވަމުންދާ ގޮތަށްކަން ފާހަގަކުރެވެ" އޭސީސީގެ ބަޔާނުގައި ބުނެފައި ވެ އެވެ.

ހައްޖަށް މީހުން ގެންދިއުމަށް 18 ކުންފުންޏަކުން މި ފަހަރު ޕްރޮޕޯޒަލް ހުށަހެޅި އެވެ. އޭގެ ތެރެއިން އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައި ވަނީ ހަ ކުންފުންޏަކަށެވެ.

"ތަޖުރިބާގެ ބަޔަށް ޕޮއިންޓް ދިނުމުގައި ބަލާފައިވަނީ ކޮންމެ ދާއިރާއަކަށްވެސް ލިބިފައިވާ ތަޖުރިބާ އެނގޭނެ ލިޔުންތަކުން ތަޖުރިބާ ލިބިފައިވާ އަހަރުގެ އަދަދަށް ބަލައިގެން އެންމެ ގިނަ އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތަށް އެ ދާއިރާއަކަށް ކަނޑައަޅާފައިވާ ޕޮއިންޓް ފުރިހަމައަށް ލިބޭގޮތަށް އަދި ތަޖުރިބާގެ އަހަރު މަދުވާވަރަކަށް ނިސްބަތުން ޕޮއިންޓް އުނިވަމުންދާ ގޮތަށްކަން ފާހަގަކުރެވޭ " އޭސީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

މި މައްސަލަތަކަށް ފަހު، ހައްޖަށް ދިއުމަށް ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގައި ބައެއް ކަަންތައް އިސްލާހު ކުރުމަށް އިސްލާމިކް މިނިސްޓްރީ އަށް ވަނީ އަންގާފަ އެވެ.

އެގޮތުން، ޕްރޮޕޯސަލް އާއެކު ހުށަހަޅާ ލިޔުންތައް ހަމަތޯ ބެލުމާއި މުވައްޒަފުން ތަައްޔާރު ކުރާ ޗެކް ލިސްޓުތައް ބެލި މުވައްޒަފު ސޮއިކޮށް ތާރީހާއި ގަޑި ލިޔެ، ލިޔުންތައް ބެލެހެއްޓުމަށެވެ. އަދި، ޕްރޮޕޯސަލްތަކަށް ޕޮއިންޓްދޭނެ މިންގަނޑު ކަނޑައަޅާއިރު، ސަބްޖެކްޓިވްކޮށް މާކްސް ދޭންޖެހޭ ގޮތަށް ކަނޑައެޅުމުގެ ބަދަލުގައި މައުލޫމާތު ޝީޓުގައި ތަފްސީލްކޮށް ޕޮއިންޓް ދޭނެގޮތް ބަޔާންކުރުމަށެވެ.