ހަބަރު

ލުތުފީއަށް އަޅުގަނޑެއް މާފެއް ނުދޭނަން، އެއީ ހާއިނެއް: ރައީސް

ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހުރި، އަބްދުﷲ ލުތުފީއަށް މާފު ނުކުރައްވާނެ ކަމަށާއި އެއީ މި ގައުމުގެ އެންމެ ބޮޑު ހާއިނު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ލުތުފީގެ މައްސަލާގައި ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މާފު ދިނުމުގެ ބާރު އޮތް ނަމަވެސް ލުތުފީއަށް މާފު ދިނުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ. ލުތުފީއަކީ އަދިވެސް މި ދަތުތުގެ އެންމެ ބޮޑު ކުށްވެރިޔާ ކަމަށެވެ.

މި ސަރުކާރުން ބޭނުން ވަނީ ލުތުފީ މާލެ ގެނެސް ޖަލަށްލުން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ލުތުފީ ގެނައުން ލަސްވަމުން ދަނީ ލަންކާގެ ބަންޑާރަ ނައިބު އޮފީހުގެ ލިޔުމެއް ނުލިބިގެން ކަމަށެވެ. އެ ލިޔުން ވަރަށް އަވަހަށް ވެސް ލިބިދާނެ ކަމަށާއި ލިބުމާއެކު އޭނާ މާލެ ގެންނާނެ ކަމަށެވެ.

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ފުރިހަމަ ކުރަން ޖެހޭ ހުރިހާ އިޖުރާއަތެއް ފުރިހަމަނުކޮށް ލުތުފީ ގެންނަން ބޭނުން ނުވާ ކަމަށެވެ. ހުއްދަތައް ނުލިބި ވަގަށް ލުތުފީ ގެންނަން އުޅިގެން އަނެއްކާވެސް އޭނާ ސަރުކާރުގެ އަތް ދަށުން ދޫވުމަށް ޖާގަ ދޭން ބޭނުން ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ލުތުފީއަކީ ފިލައިގެން އުޅޭ މީހަކަށްވާތީ އިއްޔެ ވަނީ އޭނާ ލަންކާގެ ސީއައިޑީއަށް ހާޒިރުކޮށް ބަޔާނެއް ނަގާފަ ކަމަށެވެ. އެ ބަޔާން ނެގުމަށްފަހު އޭނާ ރާއްޖެ ގެންދިޔުމުގައި މައްސަލައެއް ނެތް ކަމަށް ސީއައިޑީއިން އަންގާފައިވާ ކަމަށެވެ. އެގޮތަށް އެންގުމުން ދެން ބަންޑާރަ ނައިބުގެ ލިޔުން ލިބުމަށް ފަސޭހަވެގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ގިނަ ދުވަސްތަކަކަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ހާމަ ކުރެއްވި މައުލޫމަތަށް ބަލާއިރު ލުތުފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ވަދެފައިވަނީ މެއި މަހުގެ އެއްވަނަ ދުވަހު އެވެ. ހަމަ އެ ދުވަހު ރައީސްއަށް އެ މައުލޫމާތު ލިބުނެވެ. ހަމަ އެ ދުވަހު އޭނާ ރާއްޖެ ގެނައުމުގެ މަސައްކަތް ވެސް ފުލުހުންނާއި އެމްއެންޑީއެފްއާއެކު ފެށި ކަމަށް ރައީސް ވިދާޅުވި އެވެ.

ނަމަވެސް އެއިން އެއްވެސް ފަރާތަކުން އެކަން އާންމު ކުރައްވާފައެއް ނުވެ އެވެ. އެމްބަސީގައި ލުތުފީގައި ހުރިކަން ހާމަވީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ޓްވީޓަކުންނެވެ. ރައީސް ވިދާޅުވީ އެކަން ކުރިން ހާމަ ކުރުމަކީ މުހިންމު ކަމެއް ކަމުގައި ނުދެކޭ ކަމަށެވެ. މުހިންމު ކަމެއްގެ ގޮތުގައި ބެލީ އޭނާ މާލެ ގެނެސް ޖަލަށްލުން ކަމަށެވެ. އޭނާ އަނެއްކާވެސް ފިލައިގެން ދާނެ އެއްވެސް ފުރުސަތެއް ދޭން ބޭނުން ނުވީ ކަމަށެވެ. އެހެން އެއްވެސް ސަރުކާރަކަށް ވެސް އޭނާ އަތުވެފައިނުވާކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ލުތުފީ ގެންނަން ކުރަން ޖެހޭ ހޭދައަކީ ވިސާ އާނުކޮށް އޮތުމުން ދައްކަން ޖެހޭ 3،000 ޑޮލަރުގެ ޖޫރިމަނާގެ އިތުރުން ޓިކެޓްގެ އަގު ކަމަށެވެ. އެ ސަރުކާރުން ދައްކައިގެން ލުތުފީ މާލެ ގެންނާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.