ޒިންމާއިން ރެކިގަނެ، ފިލައިގެން ދިއުމަކީ އޭނާގެ އުސޫލެއް ނޫން ކަމަށާއި ގައުމުގެ ހިދުމަތުގައި އުފުލަން ޖެހޭ ކޮންމެ ޒިންމާއެއް އުފުލާނެ ކަމަށް ކުރީގެ ނައިބު ރައީސް އަދި އެމްޓީޑީގެ ލީޑަރު އަހްމަދު އަދީބު މިއަދު ވިދާޅުވެއްޖެ އެވެ.
އަދީބުގެ ސިއްހީ ހާލަތު ދަށްވެ ރާއްޖެއިން ބޭރަށް ބޭސްފަރުވާ ކުރެއްވުމަށް ސަރުކާރުން ހުއްދަ ދިނުމުން ގިނަ ބަޔަކު އެކަމުގެ ކަންބޮޑުވުން އުފުލި އެވެ. އަދީބުގެ މައްޗަށް ހިޔާނާތާއި ޖިނާއީ ބޮޑެތި ތުހުމަތުތަކެއް ކުރާއިރު އޭނާއަށް ފިލުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ގިޔަ ބަޔަކު ބުންޏެވެ. އޭނާއަށް ފިލުމުުގެ ފުރުސަތު ނުދިނުމަށް ކަރެކްޝަންސްއާއި ފުލުހުން ވަނީ އަދީބުގެ ދަތުރުފުޅުގެ ސަލާމަތީ ކަންކަން ބަލަހައްޓާފަ އެވެ.
އަދީބު އިންޑިއާއަށް ވަޑައިގެން ޕޫނާގައި ހުންނަ ރޫބީ ހޯލް ކްލިނިކް ހޮސްޕިޓަލުން ފަރުވާ ހޯދާފައި ވަނީ ލޮލުގެ ފެނުމަށް އަސަރު ކުރާ ބައްޔެއް ކަމަށްވާ ގްލަކޯމާ އަށެވެ. ބޭސްފަރުވާއަށް އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި އަދީބު މާލެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
އަދީބު އިންޑިއާއިން ރާއްޖެ ވަޑައިގަތުމުގެ ކުރިން ކުރެއްވި ޓްވީޓެއް މެދުވެރިކޮށް ހިއްސާ ކުރެއްވި ލިއުމެއްގައި އޭނާ ވިދާޅުވީ އޭނާ އުފަންވީ ދިވެހި ގައުމަށް ކަމަށާއި އޭނާގެ ޒިންމާއަކީ ގައުމަށް ހިދުމަތް ކުރުން ކަމަށެވެ. އެއްވެސް މީހަކީ ހުރިހާ ކަމެއް މިލްކުވެފައިވާ ފުރިހަމަ މީހެއް ނޫން ކަމަށާއި ސަލާމަތުގެ އައްސޭރިއަށް ވަޑައިގަނެވުނީ ގުޅިގެން ކުރެވުނު މަސައްކަތުން ކަމަށް އަދީބު ވިދާޅުވި އެވެ.
"އަހަރެންނަކީ އުފާވެރި ވަގުތުތައް ތިބާއާ (ގައުމާ) އެކު ހޭދަކޮށްފައިވާ ދަތިކަމާއި މުސީބާތުގެ ވަގުތުގައި ތިބާ ދޫކޮށް ފިލާ ރައްކާވާނެ ދެފުށް ދެގޮތް މީހަކަށް ނުވާނެއެވެ. އަހަރެން ބޭނުމީ ދޭށެވެ. އަތުލާކަށް ނޫނެވެ. އަހަރެން ބޭނުމީ ފިރުމާށެވެ. ޖާހަކަށް ނޫނެވެ." އަދީބުގެ ޓްވީޓްގައި އޭނާ ލިއުއްވާފައިވެ އެވެ.
އަދީބު އިތުރަށް ވިދާޅުވީ ޖަލުގެ ދަގަނޑު ތޭރިތަކުގެ ތެރެއިން ސުލްހައާއި އުއްމީދުގެ އަލިކަމެއް ފެނިވަޑައިގެންނެވި ކަމަށާއި ގައީދެއްގެ ގޮތުގައި ބަންދުވެ އެންމެ ހިތްދަތި ވަގުތުތަކުގައި ވެސް ގައުމާއެކު އިންސާފު ހޯދަން މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.
"ޒިންމާއިން ރެކިގަތުމާއި ފިލައިގެން ދިއުމަކީ އަހަރެންގެ އުސޫލެއް ނޫނެވެ. ތިބާގެ ހިދުމަތުގައި އުފުލަން ޖެހުނު ކޮންމެ ޒިންމާއެއް އުފުލައި ހުރަސްތައް ގިރާކޮށް ކުރިމަތިލާން ޖެހުނު ކޮންމެ ކަމެއްގައި މި ކުރިމަތިލަނީ ލޯބީގެ ހައްގުގަ އެވެ. ތިޔައީ އަހަރެން ލޯބިވާ އަހަރެންގެ ގައުމެވެ. ދިވެހިރާއްޖެ އެވެ." އަދީބުގެ ޓްވީޓުގައި ހިއްސާކުރެއްވި ލިއުމުގައިވެ އެވެ.
ބޭސްފަރުވާއަށް އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި އަަދީބާއި އޭނާގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ މިއަދު އަނބުރާ ރާއްޖެ ވަޑައިގެންނެވި ނަމަވެސް ހަ މަސް ދުވަސް ފަހުން އަލުން ޑޮކްޓަރަށް ދައްކަން ވަޑައިގަތުމަށް އަދީބު ދެއްކެވި ޑޮކްޓަރުން ވަނީ ލަފާ ދެއްވާފަ އެވެ.