ހަބަރު

ފުލުހުން އަނިޔާ ކުރި މައްސަލަ ކޮމިޓީން ބަލަނީ

މާފަންނު ގެއެއްގެ ތެރެއަށް ވަދެ ފުލުސް އޮފިސަރުންތަކެއް ހިންގި އޮޕަރޭޝަނެއްގައި ތުހުމަތު ކުރެވޭ މީހާއަށް އަނިޔާ ކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބަލަން ނިންމައިފި އެވެ.

ހިއުމަން ރައިޓްސް ކޮމިޓީން މާދަމާ ބައްވާ ބައްދަލުވުމަށް އެ މައްސަލަ ވަނީ އެޖެންޑާކޮށްފަ އެވެ. އެ ބައްދަލުވުން އޮތީ މާދަމާ ހަވީރު 5:00 ޖަހާއިރު އެވެ.

ރޭ ހިނގި މި ހާދިސާގައި ފުލުހުން އެ ގޭގެ ތެރެއަށް ވަދެ މީހަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައި ވެއެވެ. ވީޑިއޯއިން ފެންނަ ގޮތުން އޮފިސަރުން ވަނީ އޭނާ ފާރަށް ޖަހައި، އަތުންނާއި ފައިން އޭނާގެ މޫނަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދެ އެވެ.

މި މައްސަލައާ ގުޅިގެން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ ފުލުހުންގެ އޮފިސަރުންގެ ގްރޫޕާ މިއަދު ބައްދަލު ކުރައްވާފައި އެވެ. މި މައްސަލައިގެ އެތެރޭގެ ތަހުގީގެއް ކުރުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑް (ޕީއެސްސީ) ވަނީ ނިންމައިފަ އެވެ.

މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން މި މައްސަލަ ބަލަން ނިންމާފަވާއިރު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ވެސް އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.