ވިޔަފާރި

މިހާރުގެ އިންވެސްޓްމަންޓް ތަކުން ސަކުރާރަށް ބަރޯސާވުން ކުޑަވާނެ

އެމްޓީސީސީއިން ކުރަމުން ގެންދާ އިންވެސްޓްމަންޓްތަކުގެ ސަބަބުން ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ބަރޯސާވުން ކުޑަވެގެންދާނެ ކަމަށް އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ހަސަން ޝާހު ވިދާޅުވެއްޖެ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެމްޓީސީސީގެ އަހަރީ ރިޕޯޓަށް ސީއީއޯ ޝާހު ވިދާޅުވެފައިވާ ގޮތުގައި އެ ކުންފުނީގެ ކުރިމަގަށް ބަލާއިރު ކުންފުނީގެ މައިގަނޑު ވިޔަފާރިތައް ކުރިއަރުވައި ކަސްޓަމަރުންނަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ހިންގުން ހަރުދަނާކޮށްގެން ލިބޭ ނަފާ އިތުރު ކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން ކުރަމުންގެންދާ އިންވެސްޓްމަންޓްތަކުގެ ސަބަބުން ވިޔަފާރި ފުޅާވެ، ސަރުކާރުގެ މަޝްރޫއުތަކަށް ބަރޯސާވުމުގެ ބަދަލުގައި، ޕްރައިވެޓް ސެކްޓާގައި ވަކިން ހާއްސަކޮށް ޓޫރިޒަމް ދާއިރާގައި ކުންފުނިން ކުރާ މަސައްކަތްތަކުގެ ހިއްސާ އިތުރުވެގެންދާނެ އެވެ،" ޝާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއަށްއޮތް އަހަރު ކޮންނަ ބޯޓް މަހާޖައްރާފު ބޭނުންކޮށްގެން ގިނަ މަޝްރޫއުތަކެއް ހިންގާނެ ކަމަށެވެ.

އިންވެސްޓްމަންޓްތަކުގެ ސަބަބުން ވިޔަފާރި ފުޅާވެ، ސަރުކާރުގެ މަޝްރޫއުތަކަށް ބަރޯ ސާވުމުގެ ބަދަލުގައި، ޕްރައިވެޓް ސެކްޓާގައި ވަކިން ހާއްސަކޮށް ޓޫރިޒަމް ދާއިރާގައި ކުންފުނިން ކުރާ މަސައްކަތްތަކުގެ ހިއްސާ އިތުރުވެގެންދާނެ
ހަސަން ޝާހު | އެމްޓީސީސީ ސީއީއޯ

"ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައިހެން ބަނދަރުތައް ހަދާ ނިމިފައިވުމާއެކު، ބިން ހިއްކުމާއި، ނަރުދަމާ އަދި މަގު ހެދުންފަދަ މަސައްކަތްތަކުގެ ދާއިރާ ފުޅާކޮށް، އަޅުގަނޑުމެންމެންކޮށްފައިވާ އިންވެސްޓްމަންޓްތަކުން ލިބޭ ނަފާ އިތުރުކުރުމަށް ވަނީ އަމާޒުކުރެވިފަ އެވެ. ކުރިއަށް އޮތް އަހަރު ބިންހިއްކުމުގެ ގިނަ މަޝްރޫއުތަކެއް ރޭވިފައިހުރުމާއެކު، މަހާޖައްރާފު ބޭނުންކޮށްގެން ހިންގާ މަޝްރޫއުތަކެއް އިތުރު ވެގެންދާނެ ކަމަށް ބެލެވެ އެވެ،" ޝާހު ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ މީގެ އިތުރުން އާންމު ވިޔަފާރި އާއި ޑޮކިންގްގެ ވިޔަފާރި ފުޅާކުރުމުގެ ގޮތުން ރާއްޖޭގެ މާހައުލަށް އެކަށޭނަ ފިޔަވަޅުތައް އެޅި އަދި ރައްޔިތުންގެ އިތުބާރު ލިބިފައިވާ ޕްރޮޑަކްޓްތަކާއި ހައްލުތައް އިތުރަށް ފުޅާކޮށް އާންމު ވިޔަފާރި އާއި ޑޮކިންގްގެ ދާއިރާ އިން ކުންފުންޏަށް އިތުރު ކުރިއެރުން ހޯދުމަށް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ވެސް އަރުވާ ކަމަށެވެ.

ޝާހު އިތުރަށް ވިދާޅުވީ މިހާރު ގެންނަމުންދާ އިސްލާހީ ބަދަލުތައް އިތުރުކޮށް، ކުންފުނިން ކުރާ އިންވެސްޓްމަންޓްތަކަށް އިތުރަށް ފަރުވާތެރިވެ، ހިންގުމުގެ ހަރަދާއި ވިއްކާ މުދަލަށް ކުރާ ހަރަދު ކުޑަކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންގެންދާ ކަމަށެވެ

އެމްޓީސީސީގެ މިދިޔަ އަހަރު މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުނިން މިދިޔަ އަހަރު 1.2 ބިލިއަން ރުފިޔާގެ ވިޔަފާރި ކޮށްގެން، ޖުމްލަ އާމްދަނީގެ ގޮތުގައި 238 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ސާފު ފައިދާގެ ގޮތުގައި 34 މިލިއަން ރުފިޔާ އެވެ. މި އަދަދަކީ 2017 ގެ ސާފު ފައިދާގެ ގޮތުގައި ލިބުނު 141 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު 76 ޕަސެންޓް ދަށް އަދަދެކެވެ. އެ ކުންފުނިން މިދިޔަ އަހަރު ވެހިކަލް އާއި މެޝިނަރީ އަދި އިކުއިޕްމަންޓް ހޯދަން 34 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި އެ ކުންފުނިން ވަނީ ލޯނު ދައްކަން 97 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.