ހަބަރު

ފުލުހުން އަނިޔާކުރި މައްސަލަ: ކޮމެޓީއަށް ޖަވާބުދާރީވާން 48 ގަޑިއިރު

ފުލުހުން މީހަކަށް އަނިޔާ ކުރި މައްސަލައިގައި އެ މުއައްސަސާއިންނާއި، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން އަޅާފައިވާ ފިޔަވަޅުތަކާއި، ކުރަމުންދާ މަސައްކަތްތައް ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް ކޮމިޓީއާ، 48 ގަޑި އިރުތެރޭ ލިއުމުން ހިއްސާކުރުމަށް އަންގަން އެ ކޮމިޓީގެ އިއްތިފާގުން ނިންމައިފި އެވެ.

ކޮމިޓީގެ މެމްބަރުންނަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމަށްފަހު ވާހަކަ ދައްކަވަމުން އެ ކޮމިޓީގެ މުގައްރިރު ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވީ، އަނިޔާގެ އަމަލަކީ ސިއްރިޔާތުގައި ހިނގާ ކަމެއް ކަމަށާއި، ވަރަށް މަދުފަހަރެއްގައި މެނުވީ އަނިޔާގެ ހެކި އަދި ހާއްސަކޮށް، މީހަކަށް އަނިޔާ ކުރަނިކޮށް، ވީޑިއޯ ފޫޓޭޖް ލިބިގެން ނުދާނެ ކަމަށެވެ. އަދި އެ ހާދިސާއަކީ އާދަޔާ ހިލާފުކަމެއް ކަމަށާއި، އެކަމަކީ އަނިޔާވެރިކަމުގެ ސަގާފަތް ނައްތާލުމަށްޓަކައި ލިބުނު ސިގުނަލެއް ކަމަށާއި، އެކަން ކުރުމަށްޓަކައި މަޖިލިހުން އަވަސްވެގަންނަން ޖެހޭ ކަމަށް ޖީހާން ވަނީ ވިދާޅުވެފަ އެވެ.

ކަންކަން އިސްލާހު ކުރުމަށް އަތުކުރި އޮޅާލާފައި އެންމެން އެކުގައި ތިބި އިރެއްގައި އަދި އެކަން ކުރެވެންވެސް އޮތް އިރެއްގައި އެ ވީޑިއޯ އެގޮތަށް ފެނިގެން ދިއުމަކީ އެހާ ކުޑަކޮށް ނެގެވޭނެ ކަމެއް ނޫން ކަމަށާއި، އަނިޔާ ކުރުމާއި އަނިޔާ ވެރިވުމުގެ ސަގާފަތް ނައްތާލަން އަވަސްވެގަންނަން ޖެހޭ ކަމަށް ވެސް ޖީހާން ވަނީ ވިދާޅުވެފަ އެވެ.

އެމައްސަލައާއި ގުޅިގެން ކޮމިޓީއަށް ޖުމްލަ ދެ ހުށަހެޅުމެއް ހުށަހެޅުނެވެ. ފުރަތަމަ ހުށަހެޅުން ހުށަހެޅުއްވީ، މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ. ރޮޒައިނާ ހުށަހެޅުއްވީ، އެމައްސަލަ ގާތުން މޮނިޓާ ކުރަމުން ދިއުމަށްޓަކައި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި، ހިއުމަން ރައިޓްސް ކޮމިޝަން އަދި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑެޑުން ކުރަމުންގެންދާ މަސައްކަތް ގާތުން މޮނިޓާ ކުރުމަށެވެ. އެ ހުށަހެޅުމަށް ތާއިދު ކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއެވެ.

ރޮޒައިނާ ހުށަހެޅުއްވި ހުށަހެޅުއްވުމަށް ތާއިދު ކުރައްވަމުން ދެވަނަ ހުށަހެޅުން ހުށަހެޅުއްވި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވީ، ރޮޒައިނާ ހުށަހެޅުއްވި ކަންކަމުގެ އިތުރުން، އަނިޔާވެރިކަމުގެ ސަގާފަތް ނައްތާލުމަށްޓަކައި ޒިންމާ އުފުލަންޖެހޭ ފަރާތްތައް ކަމުގައިވާ ފުލުހުންނާއި، އެޗްއާރުސީއެމުން ކުރަމުންދާ މަސައްކަތްތައް ދެނެގަތުމަށްޓަކައި، އެ މުއައްސަސާތައް ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރުމަށެވެ.

އެ ދެ ހުށަހެޅުމަށްވެސް ކޮމިޓީގެ މެމްބަރުން ތާއިދު ކުރައްވާތީ ޖީހާން ނިންމެވީ މަޖިލީހުގެ ގަވައިދުގެ ދަށުން އެ ދެމުއައްސަސާއަަށްވެސް، އެކަމާއި، ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި، ކުރަމުންގެންދާ މަސައްކަތްތަށް އެނގޭނެ ގޮތައް ލިޔުމުން މަޖިލީހަށް 48 ގަޑި އިރުތެރޭ ޖަވާބުދޭން ހުށަހެޅުމަށެވެ.