ޙައްޖު އަޅުކަމަކީ އިސްލާމްދީނުގެ މަތިވެރި ފަސްރުކުނުގެ ތެރެއިން އެއްރުކުނެވެ. އެއީ މުސްލިމު އިންސާނާގެ ކުޅަދާނަކަމާ ގުޅިފައިވާ ރުނުކެވެ. ކުޅަދާނަ ކަމަކީ މާލީ ކުޅަދާނަކަމާއި ޖިސްމާނީ ކުޅަދާނަކަމާއި ދަތުރުފަތުރުގެ އަމަންއަމާންކަމާ ގުޅިގެން ތަރުތީބުވެގެން އަންނަ ކަންކަމެވެ. ހެޔޮ ޞިއްޙަތެއްގައިވާމީހާ ޙައްޖަށް ދިއުމަށް ބޭނުންވާ އެންމެ މުހިންމު އެއް ކަމަކީ މާލީ ކުޅަދާނަ ކަމެވެ. މާލީ ކުޅަދާނަކަމަކީ މިޒަމާނުގައި ހޯދައިގަންނަން ދަތިކަމެއްނޫނެވެ. މިޒަމާނުގައި ހަރުދަނާ މާލީ ނިޒާމެއްގެ މައްޗަށް ޤާއިމުވެފައިވާ ޙައްޖަށް ގެންދިއުމުގެ ފުރިހަމަ އިދާރީ ނިޒާމެއް އޮތް ނަމޫނާ އެއް ޤައުމަކީ އެކުވެރި މެލޭޝިޔާއެވެ.
މެލޭޝިޔާގެ ތަބުން ޙާޖީ ނުވަތަ މެލޭޝިޔާގެ ޙައްޖު ފަންޑަކީ 50 އަހަރުގެ ތާރީޚެއް އޮތް ވަރަށް ހަރުދަނާ އިސްލާމީ މާލީ މުއައްސަސާއެކެވެ. ވަރަށް އާދައިގެ ގޮތަކަށް ފެށިތަނެކެވެ. ނަމަވެސް އެތަނުގެ މަސައްކަތުގެ ސަބަބުން މެލޭޝިޔާގައި އިސްލާމީ މާލީ މުއައްސަސާތައް އުފެދި އެ މުއައްސަސާވެސް ޤާނޫނީ ގޮތުން ބާރު ލިބިފައިވާ ތަނަކަށް ވެގެން ދިޔައެވެ.
އަޅުގަނޑު މެލޭޝިޔާގައި ކިޔަވަންހުރި ދުވަސްވަރު އެނިޒާމާ ބެހޭ ގޮތުން ވަރަށް ޝައުޤުވެރިކަމާއެކު ދިރާސާކުރީމެވެ. މިގޮތުން ލިބުނު މަޢުލޫމާތުގެ އަލީގައި އަޅުގަނޑުގެ ވަޒީރުކަމުގައި ހުރި ދުވަސްވަރު ދިވެހި ރާއްޖޭގައި ވަޤުފު ފަނޑާއި ޙައްޖު ފަންޑު ޤާއިމުކުރުމާއި ޒަކާތު ފަނޑު ތަރައްޤީކުރަން މަސައްކަތްކޮށްފައިވާނެއެވެ. ނަތީޖާއެއްގެ ގޮތުން ޒަކާތު ފަނޑު ވެސް އިތުރުކުރެވުނެވެ. ވަޤުފު ވެސް ކާމިޔާބުވިއެވެ. ޙައްޖު ފަނޑު ވެސް (ކޯޕަރޭޝަން) އުފެދުނެވެ. މި ތިން ދާއިރާއަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ޤާނޫނުތައް ވެސް ޑްރާފްޓްކުރިއެވެ. ބައެއް ޤާނޫނުތައް އޭޖީ އޮފީހަށް ވެސް ފޮނުވާފައިވާނެއެވެ. ޒަކާތާއި ވަޤުފު ފަންޑު ތަރައްޤީ ކުރުމުގެ މައްޗަށް ފަހުން މަޒްމޫން ލިޔާނަމެވެ.
ރާއްޖޭގެ ޙައްޖުގެ ނިޒާމު
އާދެ! އަޅުގަނޑު މަޤާމާ ޙަވާލުވި ވަގުތަކީ ރާއްޖޭގެ ޙައްޖުގެ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި އޮތް ދަނޑިވަޅެކެވެ. ޙައްޖަށް މީހުންގެންދާ ބައެއް ޖަމާޢަތްތަކުން ރައްޔިތުން އަތުން ފައިސާ ނަގައިގެން ޙައްޖަށް ނުގެންދެވި އެތައް ބަޔަކު ޙާލުގައި ޖެހިފައިވީ ވަގުތެކެވެ. މިކަމަށް ދާއިމީ ޙައްލެއް ހޯދައި ޙާލުގައި ޖެހިފައިވާ މީހުން ޙައްޖަށް ފޮނުވޭނޭ ގޮތްތަކެއް ވޭތޯ މަސައްކަތް ފެށީމެވެ. ޙާލުގައި ޖެހިފައިވާ ބައެއް މީހުންނަށް ސަރުކާރުގެ މާލީ އެހީތެރިކަން ހޯދިނީމެއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ރަހުމަތްތެރި ނަތަވަސް މީހުންގެ އަރިހުގައި ދަންނަވައިގެން ގިނަ ބަޔަކަށް ފަނޑު ހޯދައި އެމީހުންގެ ހިތްދަތި ކަމަށް ނިމުން ގެނެސް އެ އެންމެން ޙައްޖަށް ފޮނުވީމެވެ.
ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމުގެ ނިޒާމު ޒަމާނީ އުޞޫލެއްގެ ތެރެއަސް ފެއްތުމަށް ދައުލަތުގައި ޙައްޖު މުއައްސަސާއެއް އުފެއްދުމަށްޓަކައި ބޭރު ޤައުމެއްގެ ޙައްޖު މުއައްސަސާއަކާ ވާހަކަ ދެއްކުމުން އެކަމުގައި އެމީހުންނަށް ފީއެއް ދައްކަން ޖެހޭ ކަމަށް މަޢުލޫމާތު ލިބުނެވެ. ގާތް ގަނޑަކަށް 1.5 މިލިޔަން ޑޮލަރގެ ފީއެއް ދައްކަންޖެހެއެވެ. އެއީ ތަޖުރިބާ ޙިއްސާކުރުމާއި ރާއްޖޭގައި އެފަދަ މުއައްސަސާއެއް ޤާއިމު ކުރުމުގައި އެހީތެރިވެދިނުމާއި މުވައްޒަފުން ތަމްރީނުކުރުމުގެ ބަދަލެއްގެ ގޮތުންނެވެ. އެވަރުގެ މާލީ ކުޅަދާނަ ކަމެއް އެވަގުތު މިނިސްޓްރީގައި ނެތެވެ. ދެން އަޅުގަނޑުމެން ވިސްނީ އަޅުގަނޑުމެންނަށް އެހެން ބައެއްގެ އެހީތެރިކަމެއްނެތި އެކަން ކުރެވޭނޭ މަގެއް ހޯދުމަށެވެ.
ޙައްޖު ކޯޕަރޭޝަން އުފެއްދުން
ޙައްޖުގެ ނިޒާމު ރާއްޖޭގައި ޤާއިމު ކުރުމަށް މޯލްޑިވްސް ޙައްޖު ކޯޕްރޭޝަން ވުޖޫދު ކުރުމަށް އެދި ރައީސް ޑރ. މުޙައްމަދު ޥަހީދު ޙަސަން އަށް ދެންނެވީމެވެ. އެއަށް ފަހު މި ކޮންސެޕްޓް ރަނގަޅަށް އެގި ވަޑައިގަންނަވާ ޢިލްމީ ބޭފުޅެއްކަމުގައިވާ ޑރ. އައިޝަތު މުނީޒާ ލިޑަރޝިޕްގެ ދަށުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ވުޖޫދުކުރުމަށްޓަކައި މަސަތްކަތްފެށީމެވެ. 2013 ވަނަ އަހަރު މުއައްސަސާ އުފައްދަވައި އަޅުގަނޑުގެ އެދުމުގެ މަތީން އެއްވެސް ސިޔާސީ ޕާޓީ އަކަށް ނިސްބަތްނުވާ މާލީ އަދި އިޤްތިޞާދީ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކޮށްފައިވާ ޓީމެއް ބޯޑު މެންބަރުންގެ ގޮތުގައި އައްޔަންކުރެއްވިއެވެ. އަދި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޤަވާޢިދު ފުރަތަމަ ހެދިއިރު އޭގައިވާ ގޮތުން ބޯޑަށް އާދެވޭނީ ވެސް މާލީ އަދި އިޤުތިޞާދީ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކޮށްފައިވާ ފަރާތްތަކަށެވެ. ނަމަވެސް ފަހުން ވަނީ އެ އުޞޫލުތަކަށް ބަދަލު ގެނެސްފައެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން އުފެއްދުމަށް ކުރެވުނު މަސައްކަތް ކާމިޔާބުވެ ކޯޕަރޭޝަންގެ ޢަމަލީ މަސައްކަތްފަށައި ފުރަތަމަ ދަތުރުގައި 500 މީހުންނާއެކު އަޅުގަނޑުވެސް ޙައްޖުގައި ބައިވެރިވީމެވެ. ޙައްޖު ކޯޕަރޭޝަންގެ އިންވެސްޓްމަންޓެއްގެ ގޮތުގައި ދިވެހިން ތިބުމަށާއި ކުއްޔަށް ދިނުމަށް މައްކާގައި ހޮޓަލެއް ޤާއިމުކުރުމުގެ މަސައްކަތްކުރެވުނެވެ. އެކަމަށް ފެހި ސިގްނަލްވެސް ލިބުނެވެ. ކޯޕަރޭޝަންގެ އަމާޒަކަށް އޮތީ ރައްޔިތުން ޑިޕޮސިޓް ކުރާ ފައިސާއިން އިންވެސްޓްކުރަމުން ގޮސް ފައިދާ އިތުރުކުރުމެވެ. އަދި ކޯޕަރޭޝަންގެ މެންބަރުން އަތުން މަދު އަދަދެއް ނަގައި ގިނަ ދުވަސްތަކަކަށް އިންވެސްޓްކޮށް ޢާއިލާއަށް ވެސް ވާރިސުންނަށް ވެސް ވާރުތަވާ ގޮތަށް ޙައްޖަށް ދިއުމުގެ މާލީ ނިޒާމެއް ޤާއިމު ކުރުމެވެ. އަދި ކޯޕަރޭޝަނަށް ރަށެއް ހޯދައި ތަރައްޤީކުރުމަށް އެކުވެރި ދައުލަތްތަކުގެ ކަމާބެހޭ ބޭފުޅުންނާ މަޝްވަރާ ކުރީމެވެ.
އެސްޓީއޯ އަށް ޙައްޖު ކޯޕަރޭޝަނުން 50 މިލިއަން ރުފިޔާ ދީގެން ކޯޕަރޭޝަނަށް ފައިދާވާ ގޮތަށް ތެލުގެ ވިޔަފާރިއަށް ކޯޕަރޭޝަނުން އިންވެސްޓް ކުރިއެވެ. އެއިން ކޯޕަރޭޝަނަށް ފައިދާވެސް ވިއެވެ. އަޅުގަނޑުގެ މިނިސްޓަރުކަމުގައި އެއްވެސް ސިޔާސީ ނުފޫޒެއް ކޯޕަރޭޝަނަކަށް ނުހިންގަމެވެ. އަޅުގަނޑުމެންގެ އަޒުމަކަށް އޮތީ އެ މުއައްސަސާ ދެމެހެއްޓެނިވިގޮތަކަށް ތަރައްޤީކޮށް ކެރިފޯރުންތެރި، ޤާބިލު މުއައްސަސާއަކަށް ހެދުމެވެ. އެ ހުވަފެންމަތީގައި ތިއްބައި 5 މޭ 2015 ގައި އަޅުގަނޑު މިނިސްޓަރު ކަމުން އިސްތިޢުފާ ދޭން ޖެހުނެވެ. އަޅުގަނޑު ވަކިވި އިރު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގައި 120 މިލިއަނަށް ވުރެ ގިނަ ފައިސާ ރައްޔިތުން ޑިޕޮސިޓްކޮށްފައި ހުއްޓެވެ. ކޮންމެއަކަސް އެ ޞަފްޙާ ނިމުނީއެވެ.
ޙައްޖު ކޯޕަރޭޝަންގެ ތަޞައްވަރު
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން އަކީ ޙައްޖު ޖަމާޢަތެއްނޫނެވެ. އެއީ ޙައްޖުގެ ޚިދުމަތްތައް ރައްޔިތުންނަށް ފެންވަރު ރަނގަޅު ގޮތުގައި ލުއި ފަސޭހަކަމާއި އެކީ އަޅުކަން އަދާކުރެވޭނެ އެންމެހައި ވަސީލަތްތަކާއި އެކީ ފޯރުކޮށްދޭނެ އަދި ޙައްޖަށް ދިޔުމުގެ ގަސްދުގައި ފައިސާ އެއްކުރާ ފަރާތްތަކުގެ ފައިސާ އަމާނާތްތެރިކަމާއި އެކު ބަލަހައްޓައިދީ، އެ ފައިސާ އިންވެސްޓުކޮށް އެ އިންވެސްޓުމަންޓުތަކުން ލިބޭ ފައިދާ ޙައްޖަށް ދިއުމުގެ ގަސްދުގައި ހުރި ފަރާތަށްދީ، އަމިއްލައަށް ފައިސާ ރައްކާކޮށްގެން ޙައްޖަށްދެވޭ މުއްދަތު ކުރުކޮށްދީ، ޓްރާންޕޭރަންޓު ނިޒާމެއްގެ ދަށުން ޙައްޖު ކޯޓާ ކަށަވަރުކޮށްދީ އަދި ދުރާލާ ޙައްޖަށްދާ މީހުން ތައްޔާރުވުމަށްޓަކައި ނަފްސާނީ، ޖިސްމާނީ އަދި ރޫޙާނީގޮތުން ބޭނުންވާ ތަމްރީނު ފޯރުކޮށްދޭ ސަރުކާރުގެ ސަތޭކަ ޕަސެންޓު ހިއްސާ އޮތް ކުންފުންޏެކެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ވުޖޫދަށް އައުމަށްފަހު ދިވެހި ރައްޔިތުންނަށް ޙައްޖަށް ދިއުމުގައި އެތައް ލުއި ފަސޭހަތަކެއް ލިބި ކޮންސިއުމަރ ޕްރޮޓެކްޝަން އައު ގަވާއިދުތަކެއް ވުޖޫދަށް އައެވެ. ޕްރައިވެޓު ޙައްޖު ކުންފުނިތަކުން ޒަމާނުއްސުރެ ދެމުން އައި ޙައްޖު އަދި ޢުމްރާގެ ޚިދުމަތްތަކަށް އިންޤިލާބީ ބަދަލުތަކެއް ގެންނަން މަޖުބޫރު ކުރުވިއެވެ. ޙައްޖު ޚިދުމަތް ހޯދުމަށް ދައްކާ އަގުގެ އިތުރަށް އެންމެ ލާރިއެއްވެސް ނުނަގައި ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ތަނަވަސްވެ ޙައްޖު ކޯޓާ އަށް ސަލާން ނުޖަހައި ވަކި ނިޒާމެއްގެ ތެރެއިން ޙައްޖު ކޯޓާ ލިބޭނެ ކަމުގެ ޔަޤީންކަން ލިބިގެން ދިޔައެވެ. އަދި މަކަރުވެރިކަމާއި އޮޅުވާލުމުގެ ދަލެއްގައި ނުޖެހި ޙައްޖަށް ގޮސް ފުރިހަމަ ޚިދުމަތްތަކެއް ޒަމާނީ ފަސޭހަތަކާއެލު ލިބިގެން އެނބުރި އާއިލާ ގާތަށް ދިވެހިރާއްޖެއަށް އާދެވޭނެކަމުގެ އުއްމީދު ލިބިގެން ދިޔައެވެ. އަދި އިންޓަރނެޓުގެ ފަސޭހަތަށް ހިލޭ ލިބި ސޯޝަލް މީޑިއާ މެދުވެރިކޮށް ވަގުތުން ވަގުތަށް ޙައްޖުވެރިންގެ އަޕްޑޭޓުތައް ފޯރުވައިދީ މިއީ ކޮންމެ ޕްރައިވެޓު ޙައްޖު ކުންފުންޏަކުން ކުރަން ލާޒިމް ކަމަކަށް ހަދައިފިއެވެ.
ނިކަމެއްޗަކާއި ބޭފުޅެއްގެ ނުވަތަ މަތީ މަޤާމެއްގައި އުޅުއްވާ ފަރާތެއްގެ ތިމާގެ ކަމަކަށް ބެލުމެއް ނެތި އެއްފެންވަރެއްގެ ޚިދުމަތް ޙައްޖު އަދި ޢުމްރާގެ އަޅުކަމުގައި ލިބިގެން ދިޔައީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ވުޖޫދަށް އައުމުންނެވެ. ފުރަތަމަ ފަހަރަށް ބްރޫނާއީގެ ޙައްޖުވެރިން ބައިތިއްބާ ފެންވަރު ރަނގަޅު ހޮޓަލެއްކަމުގައިވާ ހޮޓެލް ދައްލާ އަޖްޔާދުގައި ދިވެހިން ބައިތިއްބާ، ޙައްޖުގެ އަޅުކަމަށްދާއިރު ލިބެންޖެހޭ ޚިދުމަތުގެ ފަންވަރުން އަމަލީ ގޮތުން ދިވެހިންނަށް ދައްކައިދިނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުންނެވެ.
ޙައްޖު ކޯޓާ ޔަޤީންކުރާ ނިޒާމު ދެފުއްފެންނަގޮތަށް ބައްޓަން ކުރުމަށްޓަކައި މެލޭޝިޔާ އަދި ސިންގަޕޫރު ފަދަ ޤައުމުތަކުން އިބްރަތް ޙާސިލުކޮށް، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޚިދުމަތްފެށީވެސް އެކަމަށް އެކަށޭނެ އައިޓީ ނިޒާމެއް ތަޢާރަފުކޮށް، އެ ނިޒާމުގެ ތެރެއިން ފައިސާ ދައްކާ ފަރާތްތައް، ފައިސާ ދައްކާ ތަރުތީބުން ކޯޓާދެވިގެންނެވެ. އަދި އެ މުއައްސަސާއިން ޚިދުމަތްދިނުމަށް ކަނޑައެޅި އުޞޫލު ގެޒެޓުކޮށް، އެ އުޞޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ތަރުތީބުކޮށްގެން ދެފުށްފެންނަ ނިޒާމެއްގެ ދަށުން ޚިދުމަތްދޭން ފެށުން ވެގެން ދިޔައީ ދިވެހި ރައްޔިތުންގެ އިތުބާރާއި ލޯބި މި ނިޒާމަށް ލިބި، މި މުއައްސަސާގެ މުހިއްމުކަމާއި ބޭނުންތެރިކަން ދިވެހިން ބަލައި ގަތުމެވެ. ޙައްޖުގެ އަޅުކަމަށް ޙައްޖަށްދާ ފަރާތްތަށް އަހުލުވެރިކުރުމަށް ބާއްވާ ޓްރެއިނިންގްތަކުގެ ފެންވަރު ހުންނަންވީ މިންގަޑުވެސް ދިވެހި މުޖުތަމަޢަށް ކަނޑައަޅައިދިނީ މި މުއައްސަސާއިންނެވެ.
ފުރަތަމަ ފަހަރަށް ރާއްޖޭގައި ޙައްޖުގެ އަޅުކަން ފުރިހަމަ ކުރާނެގޮތް ކައުބާ، ސަފާ އަދި މަރުވާ މޮޑެލް އެއް ބޭނުންކޮށްގެން ރައްޔިތުންނަށް ފަހުމުވާގޮތަށް ތަމްރީނުކުރަން ފެށީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުންނެވެ.
ސައޫދީއަރަބިއްޔާއަށް ދިއުމަށްފަހު، ކޮންމެ ހާޖީ އަކަށް ހިލޭ ސިމެއް ލިބުމަކީ އެމީހުންގެ ޙައްގެއްކަން އަންގައިދިނީ ވެސް އެ މުއައްސަސާއިންނެވެ. އަދި އަޅުކަމުގައި އުޅޭއިރު، ސިއްހަތަށް ބަލާނެގޮތް ކިޔައިދީ ވަކި ޤަވާއިދަކުން ޙާޖީންގެ ސިއްޙީ ހާލަތު ބަލައި ހަދައިދޭން ފެށީ މޯލްޑިވެސް ޙައްޖު ކޯޕަރޭޝަނުންނެވެ. އަދި ތަވާފުކުރުމަށްދާއިރު ބައެއް ފަހަރު ޙާޖީ އިން ގެއްލި، ދިވެހިން ވަކި ކުރަން ނޭނގޭތީ، ހެޑްފޯނު ސިސްޓަމެއް މެދުވެރިކޮށް ތަވާފުގެ ކަންތައް ކުރިއަށްގެންދަން ފަށައި، އަދި ޙައްޖުގެ ދަތުރުގައި ބޭނުންކުރާނެ ލުއި ފަސޭހަ ހަތަރު ފުރޮޅުލީ ޙައްޖު ކޯޕަރޭޝަނުގެ ޚާއްސަ ޑިޒައިނެއްގެ ދަތުރު ދަބަސް ހަދައި، އެއަރޕޯޓުން ޙާޖީންގެ ފޮށީ ފާހަގަކުރަން ނޭގިގެން ފޮށީ ގެއްލޭ ހާދިސާތަކުން ސަލާމަތްކޮށް، އަތަށް ފަސޭހަ، ކޮނޑުގައި އަޅުވައިގެން އުފުލަންޖެހޭ އަތްދަބަހުގެ ބަދަލުގައި، ފުރޮޅުލީ އަތްދަބަސް ތަޢާރަފުކޮށް ޙައްޖު އަގުގެ ތެރެއިން ޙައްޖަށްދާ ފަރާތްތަކަށް ލިބޭ އެއްޗެއގޮތުގައި ހަމަޖެހިގެން ދިޔައެވެ.
ހަމައެހެންމެ އުނަގަނޑުގައި އަޅައި ދަބަހަށް ޙަރަމަށް ވަންނައިރު ފައިވާންލެވޭ ގޮތަށް ހަދައި، ފައިވާން އަތުން އުފުލަންޖެހުމުގެ ތަކުލީފުން ދުރުކޮށްދިނެވެ. މިގޮތުން، ކޮންމެ އަހަރުގެ ތަޖުރިބާއަކަށް ބަލައި ދަބަސްތަކުގެ ފަރުމާތަކަށް ބަދަލު ގެނެސް، ލުއި ފަސޭހަގޮތަކަށް ދަބަސްތައް ބައްޓަންކުރެވޭތޯ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ބެލިއެވެ. އަދި އަމިއްލަ ބާރު ނުފޯރުވޭ ކަންކަމުން ދިމާވާ ލަސްތައް؛ އެއީ ފްލައިޓު ލަސްވެގެންވިޔަސް ނުވަތަ ބަސްދަތުރު ލަސްވެގެން ވިޔަސް؛ އެފަދަ ހާދިސާތަކުގައި ކައިބޮއިހެދުމަށް އަމިއްލަ ފައިސާއިން ޚަރަދުތަކެއްގޮސް، ބައެއް ޙާޖީންނަކީ އެފަދަ މާލީ ތަނަވަސްކަން ނުހުންނަ ފަރާތްތަކަށްވެ، ދިމާވާ ބަނޑުހައިހޫނުކަމުން ސަލާމަތްކުރުމަށް، ޙައްޖުވެރިންނަށް ޚާއްސަ ކާނާ ޕެކޭޖެއް ތަޢާރަފުކޮށް ދަތުރުމަތީ ދެވެން ފެށުނެވެ. އާއްމުކޮށް މިފަދަ ކުއްލި ހާލަތްތަކުގައި ޕްރައިވެޓު ޙައްޖު ކުންފުނިތަކުން ގިނފަހަރާ ދޫކޮށްލަނީ އެމީހަކާއި އެމީހަކަށެވެ. ޙައްޖު ދަތުރުތަކުގައި ފައިސާ އަދި އަގުބޮޑުތަކެތި ގެއްލި ދިމާވާ ކުއްލި ހިތާމަވެރި ހާދިސާތަކާއި އަދި ކާރިސާތަކުން ރައްޔިތުން ސަލާމަތްކުރުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އިސްނަގައިގެން އަޔާދީ ތަކާފުލް އާ ގުޅިގެން ފުރަތަމަ ފަހަރަށް ރާއްޖޭގައި ޙައްޖު އަދި ޢުމްރާ ތަކާފުލް ތަޢާރަފުކުރެވުނެވެ.
ޙައްޖުވެރިންގެ ވެލްފެއަރ އަށްޓަކައި ޙައްޖު ކޯޕަރޭޝްނުން ޚިދުމަތްތައް ދިނުމުގެ މިންގަނޑުތައް އެކުލަވާލުން ވެގެން ދިޔައީ ޕްރައިވެޓު ޙައްޖު ކުންފުނިތަކުން ދޭ ޚިދުމަތްތައްވެސް ހަރުދަނާ ކުރަން މަޖުބޫރުވި ކަމަކަށެވެ. ޝަރީޢާ ގަވަރނެންސްގެ ނިޒާމު ކުންފުނީގައި ޤާއިމުކުރުމަށްޓަކައިވަނީ، ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއެއް އެކުލަވާލައި، އަޅުކަމާއި ގުޅޭ ކަންކަމުގައި ދިމާވާ ޝަރީޢާ މައްސަލަތަކުގައި ރަޢުޔު ހޯދޭނެ ނިޒާމެއް އެކަށައަޅާފައެވެ. ޙައްޖުގެ ފައިސާ ބެލެހެއްޓުމަށް ކުންފުނީގައި ޤާއިމުކޮށްގައިވަނީ ޙައްޖު ފައިސާއަށް ޚާއްސަ ވަކި އެކައުންޓެކެވެ. މި އެކައުންޓުގެ ފައިސާއިން ކުންފުނީގެ ކެޕިޓަލް އެއްވެސް ޙަރަދަކަށް ހޭދައެއް ނުކުރެވޭނެއެވެ. ކެޕޓަލް ޚަރަދުތައް މެނޭޖުކުރުމަށް ޤާއިމުކުރެވިފައިވާ އެކައުންޓުން ކުންފުނީގެ އެކައުންޓުން ކުންފުނީގެ ކަންކަމަށް ފައިސާ ޚަރަދުކުރެވޭނެއެވެ.
ކޮންމެ އަހަރަކުވެސް ޙައްޖަށް ދާން ކަނޑައަޅާފައިވާ ފަރާތްތަކުގެ ޙައްޖު އަގަށް ދެއްކި ފައިސާ ޙައްޖު މޫސުމުގައި، ޙައްޖު އެކައުންޓުން ނަގައި، އެ ފައިސާ ޙައްޖުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ހޭދަކުރެވެއެވެ. މިނޫން ގޮތަކަށް ޙައްޖު އެކައުންޓުން ފައިސާ ކުންފުނި ހިންގުމަށް ނުވަތަ އެއަހަރަށް ކަނޑައެޅި ޙައްޖު ބަޖެޓުން ހަމަނުޖެހިގެން އެހެން ޙާޖީންގެ ފައިސާ އިތުރަށް ނުނެގޭނެ ނިޒާމުވާނީ އޭރުގެ ބޯޑުން ވަނީ ކޯޕަރޭޓް ގަވަރނެންގެ އުޞޫލު ކަނޑައަޅައި ޤާއިމުކޮށްފައެވެ. މިސާލެއް ދަންނަވާނަމަ، ފަތުޙު ކުންފުނިން ޙައްޖަށް ނުގެންދެވުނު ފަރާތް ގެންދިޔުމުގެ ޒިންމާ، ޙައްޖު ކޯޕަރޭޝަނާއި ސަރުކާރުން ހަވާލުކުރުމުން، ޙައްޖު އެކައުންޓުގައި އެބައިމީހުން ޙައްޖަށް ގެންދެވޭނެ ފައިސާހުރި ނަމަވެސް، ބޯޑުން އެފައިސާ އެއީ ކުންފުނީގެ ފައިސާގެ ގޮތުގައި ބައްލަވާފައެއްނުވެއެވެ. ޙައްޖު ކުންފުނީގެ ކެޕިޓަލް އެކައުންޓުގައި އެވަރަށް ފައިސާ ނެތުމުން، ފަތުޙު ކުންފުނީގެ ޙައްޖުވެރިންގެ ކަންކަން ހަމަޖެއްސީ ސަރުކާރު ބަންދު ދުވަހަކާ ދިމާވުމުން، ސަރުކާރުން ފައިސާ ދައްކާ ގޮތަށް ކްރެޑިޓް އުޞޫލުގެ ދަށުންނެވެ.
ޙައްޖުވެރިއެއްގެ ފައިސާގެ ލޯ ލާރިއެއްގައި ފަހުން ދޭ ގޮތަށް ވެސް ޖެހުމުގެ އުޞޫލެއް ހަމަޖެހިފައެއް ނޯވެއެވެ. އަދި ޙައްޖު އެކައުންޓާއި ކުންފުނީގެ ކެޕިޓަލް އެކައުންޓަކީ ހަމައެކަނި އެކައުންޓިންގެ އުޞޫލުން ވަކިކުރެވިފައިވާ އެކައުންޓުތަކެއް ނޫނެވެ. ވަކި ބޭންކު އެކައުންޓުން ވަނީ މި ދެ އެކައުންޓު އެކުވުން ހުއްޓުވައިފައެވެ. މީގެއިތުރުން، ޙައްޖު އެކައުންޓުގައިވާ ފައިސާ އިންވެސްޓުކޮށްގެން އެއިން ފައިދާ ހޯދައި އެއްބަސްވެފައިވާގޮތަށް އެ ފައިދާ ބެހުމަކީ އިސްލާމިކް ފަންޑެއް މެނޭޖުކުރުމުގައި ބޭނުންކުރާ ގޮތެވެ. ޙައްޖު ފަންޑަށް ފައިސާ އިތުރުކުމަށްޓަކައި ސަރުކާރުގެ އޮފީސްތަކާއި އެކު ވަނީ މުވައްޒަފުން ޙައްޖަށް ދިއުމުގެ ލުއިފަސޭހަގޮތް ހަމަޖެއްސުމަށް އެމްއޯޔޫތަކުގައި ސޮއި ކުރަން ފެށިފައެވެ. އިސްލާމިކް ފަންޑު މެނޭޖުމަންޓު އުޞޫލުތަކުގެ ހިފަހައްޓައި ޞުކޫކް އަދި އެހެނިހެން ޕްރައިވެޓް އިންވެސްޓުމަންޓު ޕްރޮޑަކްޓުތަކުގައި ފައިދާ ލިބޭ ގޮތަށް ޙައްޖު ފަންޑު މޭނޭޖުކޮށް، އިސްލާމިކް ޓުވަރިސްޓް ރިސޯޓު ހަދައި، ސަޢޫދީ ގައި ބޭނުންކުރާނެ އަމިއްލަ ބަސްތައް ގަނެ، މައްކާގެ މާތް ބިމުގައި ދިވެހިންނަށް ޚާއްސަ ހޮޓަލެއް ހަދައި ދިވެހިންގެ ޙައްޖު ފަންޑު ދެމެހެއްޓެނިވިގޮތަކަށް ތަރައްޤީކުރަމުން ގެންދިޔުމަކީ އަޅުގަނޑުގެ ހުވަފެނެވެ. އެދުވަސް ﷲ ގެ އިރާދަފުޅާއި އެކު އަދި ފެންނާނެ ކަމަށް އުންމީދުކުރަމެވެ. އެތަނާމެދު އޮތް އުންމީދާއި ބައެއް ޚިޔާލުތައް ޙިއްސާކޮށްލަން ބޭނުންވެއެވެ. އެތަން ކުރިއެރުވުމުގައި ކުރުމަށް އަޅުގަނޑަށް ފެންނަ ބައެއްކަންކަން ދަންނަވާލާނަމެވެ.
1- މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަކީ އެތަނުގެ މައްޗަށް އެއްވެސް ސިޔާސީ ނުފޫޒެއް އޮންނަ ތަނަކަށް ވެގެން ނުވާނެއެވެ. އެތަނަކީ މިނިވަންކަމާއެކު ހިނގާ ތަނަކަށް ވާންޖެހޭނެއެވެ. އަދި ދީނީ ގޮތުންނާއި އިސްލާމީ ކަންކަމުގައި އިރުޝާދު ދިނުން ފިޔަވައި އެހެން ދައުރެއް އެތަނުގެ މައްޗަށް އިސްލާމީ މިނިސްޓްރީން ވެސް އަދާކޮށްގެން ނުވާނެއެވެ. އެއީ މުސްތަޤިއްލު ތަނެކެވެ. އެތަނުގެ ބެލެނިވެރި ފަރާތަކީ އުފެދުނު އިރު ވެސް މިނިސްޓްރީ އޮފް ފިނޭންސްއެވެ.
2- މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ ޗެއާމަން އަކީ ކަމާ ގުޅޭ ދާއިރާގެ ޢިލްމާއި ތަޖުރިބާ ހުރި އިސްލާމީ މާލީ އަދި އިޤުތިޞާދީ ފަލްސަފާގެ ޢިލްމު ދަންނަ މީހަކަށް ވާންޖެހޭނެއެވެ. ޗެއާމަންއަކީ އެތަނަށް މަގު ދައްކާމީހާ ކަމުން އެފަދަ ޢިލްމާއި ތަޖުރިބާ ނެތް ނުވަތަ ކަމާ ގުޅޭ ދާއިރާ ނޫން ދާއިރާއެއްގެ މީހަކު އެތަނުގެ ހުންގާނުގައި ހުރުމަކީ އެތަން ކުރިއަރަންޖެހޭ މިންވަރަށް ކުރި އަރައި ދިއުމަށް އެޅޭނެ ހުރަހަކަށް ވެދާނެއެވެ. ކޮންމެވެސް ކަންތައްތަކެއް ނުކުރެވޭނެ ވާހަކަ އެއްނޫނެވެ. މާތް ﷲގެ ހެޔޮ ރަޙުމަތްފުޅުން މިއަދު ރާއްޖޭގައި އިސްލާމީ އިޤުތިޞާދުގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކޮށްފައިވާ ޒުވާނުން ވަރަށް ގިނައެވެ. އެ ފަރާތަކަށް ދައުލަތުން ވަޒީފާގެ ފުރުޞަތު ދިނުމަކީ މުހިންމު ކަމެކެވެ.
3- ޙައްޖު ކޯޕަރޭޝަންގެ ޙައްޖު އޮޕްރޭޝަނަލް މެނޭޖަރަކަށް ހުންނަންވާނީ ޙައްޖުގެ ކަންކަން ރާވާތަރުތީބު ކުރާ ގޮތް ދަންނަ އިދާރީ ތަޖުރިބާހުރި މީހެކެވެ. އެއީ ހަމަ އެކަނި ފަތުވާދޭ މީހަކަށް ވެގެން ނުވާނެއެވެ. އަދި އެ މީހަކު ސިޔާސީ ޕާޓީ އެއްގެ ޙަރަކާތްތެރި މެންބަރަކަށް ވެސް ވެގެން ނުވާނެއެވެ. އެހެން ވެއްޖެ ނަމަ ޙައްޖު ކޯޕަރޭޝަން ވެގެން ދާނީ އެމީހުންގެ ޖަގަހައަކަށެވެ. ތަނުގެ މަޤުޞަދު ގެއްލުވާލާނެއެވެ.
4- ޙައްޖު ކޯޕަރޭޝަންގެ އެމްޑީ އަކަށް ހުންނަންވާނީ މާލީ އަދި އިޤުތިޞާދީ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކޮށްފައިވާ ވިޔަފާރީގެ އުޞޫލުތައް ދަންނަ އަދި އިސްލާމީ އިޤުތިޞާދީ ދާއިރާގެ ޢިލްމާއި ތަޖުރިބާ ހުރި މީކެވެ. ތަން ކުރިއަރައިދާނީ އެއިރުންނެވެ.
5- ޙައްޖު ކޯޕަރޭޝަނަށް ޤާނޫނެއް ހަދައި ރާއްޖެއަށް ލިބޭ ހުރިހާ ޙައްޖު ކޯޓާއެއް ދޭންވީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށެވެ. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން އުފެއްދި އިރުވެސް ވިސްނުމަކީ ގްރެޖުއަލީ އެގޮތައް ހެދުމެވެ. ރައްޔިތުން ދުރާލާ ފައިސާ ދައްކާނީ މުއައްސަސާއަށެވެ. އެއަށް ފަހު މުއައްސަސާއިން ވަކި ޢަދަދަކަށް މީހުން ޙައްޖަށް ގެންގޮސްފައި، އަދި މުއައްސަސާއިން ޤަބޫލުކުރާ ފެންވަރުގެ ޚިދުމަތްދޭ ޓްރެވަލް އެޖެންޓުން މެދުވެރިކޮށް ކޮންމެވެސް ވަރަކަށް މީހުން ފޮނުވާނީއެވެ. އެފަދަ ޓްރެވަލް އެޖެންޓުންގެ ތެރޭގައި ޙައްޖާއި ޢުމްރާގެ ވީއައިޕީ ޚިދުމަތްދޭ އެޖޭންޓުން ތިބުމަކީ ވެސް މުހިންމު ކަމެކެވެ. އެއިރުން ޕްރައިވެޓް ސެކްޓަރ ވެސް ބައިވެރިކުރުވުނީއެވެ. އެފަރާތްތަކުން ދޭ ޚިދުމަތުގެ އަގު އަދާކުރާނީ ކޯޕަރޭޝަނުނުންނެވެ. ރައްޔިތުން ސީދާ އެފަރާތްތަކަށް ފައިސާ ނުދޭނީއެވެ. މިހެން ހެދުމުން ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމަށް ޖާގައެއް ނޯންނާނެއެވެ. އަދި ރައްޔިތު މީހާ އަތުން އިތުރަށް ފައިސާ ނަގާނެ ފުރުޞަތެއް ވެސް ނޯންނާނެއެވެ. އަދި މިގޮތައް ހެދުމުން ގްރޫޕްތަކަށް ޙައްޖު ކޯޓާ ބެހުމުގައި މިނިސްޓްރީގެ ބޮލުގައި އެޅުވޭ ތުހުމަތު ތަކުން މިނިސްޓްރީ ސަލާމަތްވާނެއެވެ. މިނިސްޓްރީގެ ދައުރަކަށް އޮންނާނީ އެންމެ މަތީ ރެގިއުލޭޓަރީ ރޯލެކެވެ. ސަޢޫދީ ޢަރަބިއްޔާއެކު ކުރަންޖެހޭ މުޢާމަލާތްކުރުމާއި ޙައްޖު މިޝަން އެކުލަވާލުމާއި ކޯޕަރޭޝަނަށް ލަފާ ދިނުމެވެ.
6- މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ އިންވެސްޓްމަންޓްތައް އަންނަންޖެހެއެވެ. މިކަންކުރުމަށް އިސްތިރާތީޖީ އެކްޝަން ޕްލޭނެއް އެކުލަވާލެވެންޖެހެއެވެ. ކޯޕަރޭޝަން އަމިއްލަ ފައިމައްޗަށް ތެދުވެވެންދެން ދައުލަތުގެ އެހީތެރިކަން ދޭންވާނެއެވެ. މީގެ އިތުރުން އެކުވެރި ދައުލަތްތަކުގެ ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަން ހޯދި ދާނެއެވެ. މިގޮތުން އިސްލާމިކް ޓްރެޜަރީ ބިލް ފަދަ ރިސްކު ފްރީ ރަނގަޅު ފައިދާ އެއް ލިބޭ އިންވެސްޓުމަންޓުތައް ހޯދޭނެ މަގު ސަރުކާރުން ފަހިކޮށްދޭންޖެހެއެވެ. ޑައިރެކްޓު އިންވެސްޓްކުރުމުގައި ކުދި ކުދި މަޝްރޫޢުތަކުން ބޮޑެތި މަޝްރޫޢުތަކަށް ދިއުން ރަނގަޅުވާނެއެވެ. ކުންފުނީގެ ކެޕިޓަލް އަދި ލިބޭ ފައިދާ އިންވެސްޓްކުރުމުގައި މޯލްޑިވްސް އިސްލާމިކް ބޭންކާއި، ބީއެމްއެލް އިސްލާމިކްގެ ބައިވެރިވުން ހޯދުން މުހިންމުކަމުގައި ދެކެމެވެ. އެތަންތަނުން ފައިނޭންސިންގް ފެސިލިޓީ ވެސް ނެގިދާނެއެވެ. މި ގޮތުން މަސައްކަތްކޮށްފި ނަމަ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަކީ މެލޭޝިޔާގެ ތަބުންގް ހާޖީ ފަދަ ފާހަގަ ކޮށްލެވޭ ހަރުދަނާ، ކެރިފޯރުންތެރި، ޤާބިލް މުއައްސަސާއަކަށް ވެވިދާނެއެވެ.
7- މޯލްޑިވްސް ޙައްޖުކޯޕަރޭޝަން ތަރައްޤީ ކުރުމަށްޓަކައި ދުރާލާ ރައްޔިތުން ޑިޕޮސިޓް ކުރެވޭނެ އުޞޫލު ޤާއިމުކޮށް އެ ފަންޑު ދުރާލާ އިންވެސްޓްކުރެވޭނޭ ގޮތްތަކެއް ހޯދަންޖެހޭނެއެވެ. ދުރު ތާރީޚެއްގައި ޙައްޖަށް ނުވަތަ ޢުމްރާއަށް ދާން ޕްލޭންކުރާ މީހާ އަތުން މަދު އަދަދެއް ނެގިދާނެއެވެ. މިސާލަކަށް2030 ވަނަ އަހަރު ޙައްޖަށް ދާން ބޭނުންވާ މީހާ ޑިޕޮސިޓްކުރަންވީ 1500 ރުފިޔާއެވެ. 2025 ގައި ދާން ބޭނުންވާ މީހާ 2000 އެވެ. މިގޮތަށެވެ. ދެން މިފައިސާ އިންވެސްޓްކުރާނީއެވެ. ޙައްޖު ނުވަތަ ޢުމްރާއަށް ދާން ކަނޑައެޅިފައިވާ ވަގުތު އަންނަ އިރު އިންވެސްޓްމަންޓްގެ ފައިދާއިން ނިސްބަތުން އޭނާއަށް ލިބޭނެ ވަރު އޮންނާނީ އެނގޭށެވެ. ބައެއް ފަހަރު ޙައްޖު ނުވަތަ ޢުމްރާގެ އަގަށް ވުރެ އިތުރަށް ވެސް ހުރެދާނެއެވެ. މިފަދަ ޙާލަތެއްގައި އިތުރުވާ ބައިން އެމެންބަރެއްގެ ވާރިސުންނަށް ވެސް ޚަރަދުކުރެވިދާނެއެވެ. ފަހަރުގައި އޭނާ ޑިޕޮސިޓްކުރި ޢަދަދަށް ވުރެ އެތަން ގުނަ ވެސް ބޮޑުވެދާނެއެވެ.ނުވަތަ އިތުރު ނުވެވެސް ހިގައިދާނެއެވެ. އެކަން ބިނާވެގެންވަނީ އިންވެސްޓްކުރެވޭ ކަމަކާއި ގޮތެއްގެ މައްޗަށެވެ. އަޅުގަނޑު މިދެންނެވީ ނަޒަރިއްޔާ ތަޞައްވަރު ކުރުމަށްޓަކައި ބަޔާންކުރި މިސާލެކެވެ. އެއަށް ވުރެ ފުރިހަމަ އަށް ވެސް އެކަން ކުރެވޭނެއެވެ. ޙައްޖު ކޯޕަރޭޝަންގެ މެންބަރޝިޕް ޕްރޮމޯޓްކުރަންވީއެވެ. އަދި މިގޮތުން ކުޑަކުދިންނަށް ވެސް އެކުދިން ބޮޑުވުމުން ޙައްޖަށް ދިއުމަށްޓަކައި މައިންބަފައިން ދުރާލާ ކުޑަ މިންވަރެއް ދައްކައިގެން މިހާރުން ފެށިގެން އިންވެސްޓްކުރެވޭނޭ ގޮތް ރޭވިދާނެއެވެ. ޙައްޖު ކޯޕަރޭޝަން އުފެދެނީ މި ފަލްސަފާގެ ދަށުން މަސައްކަތްކުރުމަށެވެ. ފަހަރެއްގައި ވެސް އެއީ ޙައްޖު ޖަމާޢަތެއްނޫނެވެ. ކޯޕަރޭޝަން ޙައްޖު ޖަމާޢަތެއްގެ ސްޓައިލަށް ހިންގުން ހުއްޓާލަން ޖެހެއެވެ. އެތަން ޤާއިމު ކުރެވުނު ތަޞައްވުރާ އެއްގޮތައް އެތަން ކުރިއަށް ގެންދަންޖެހޭނެއެވެ.އެއިރުން ފައިދާ ވާނީ ރައްޔިތުންނާއި ޤައުމަށެވެ.
8- މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނީ ރައްޔިތުންނަށް ޠާހިރު ޚިދުމަތެއް ދޭ ތަނެކެވެ. މުއައްސަސާގެ ދީނީ ކަންކަން ބަލަހައްޓަން ތިބެންވާނީ ސިޔާސީ ވަކި ފިކުރަކަށް ނިސްބަތްނުވާ ޢިލްމުވެރިންނެވެ. ޙައްޖާއި ޢުމުރާއަށް ދާމީހުންނަށް ދީނީ ފަތުވާދިނުމާއި ދަރުސް ދިނުމަށް ޚާއްޞަ ޕްރޮގްރާމެއް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އެކުލަވާލާފައި އޮންނަންވާނެއެވެ. ވާހަކަ ދައްކަން ޖެހޭ މައުޟޫޢުތައް ވެސް ކަނޑައެޅިފައި އޮންނަންވާނެއެވެ. ދީނީ ހަރުކަށި ވިސްނުން ގެންގުޅޭ ފަރާތްތަކަށް ކޯޕަރޭޝަންގެ ތެރެއިން އެއްވެސް ފުރުޞަތެއް ދެވިގެންނުވާނެއެވެ.
9- މުއައްސަސާ ހަރުދަނާ ކުރުމަށްޓަކއި ހަރުދަނާ ކޯޕަރޭޓް ގަވަރނެންސް އުސޫލުތައް އެކުލަވާލައި، ޝަރީޢާ ގަވަރނަންސް އުޞޫލުތަކަށްވެސް ތަބާވާންޖެހެއެވެ. އަދި ބައިނަލްއަޤްވާމީ ކަމާ ގުޅޭ މުއައްސަސާތަކާއި ގުޅުން ބަދަހިކޮށް އެފަރާތްތަކާއި އެކު ބައިވެރިވެގެން ކުރެވޭ ކަންކަމުގައި ބައިވެރިވެ ފައިދާ ހޯދަންޖެހެއެވެ. މިގޮތުން މުއައްސަސާގައި ޙައްޖުގެ ޚިދުމަތްތަކަށް ޙާއްސަ ޑިޕަރޓްމަންޓެއް، ޙައްޖުގެ އަޅުކަމަށް ޙާއްސަ ޑިޕަރޓްމަންޓެއް، ޙައްޖުގެ ފަންޑު މެނޭޖްމަންޓު އަދި އިންވެސްޓުމަންޓަށް ޙާއްސަ ޑިޕަރޓްމަންޓެއް، އަދި ޙައްޖު ޓްރެއިނިންގް ފަދަ ޑިޕަރޓްމަންޓުތައް ޤާއިމުކޮށް، އެ ޑިޕަރޓުމަންޓުތަކަށް ކަމާ ގުޅޭ ދާއިރާއިން ތަޙައްޞުޞްވެފައިވާ މީހުން ލައިގެން ހިންގަންޖެހޭނެއެވެ.
10- މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ރައްޔިތުންގެ އިތުބާރު ބޮޑުކުރުމަށާއި އަދި ދެފުށްފެންނަ ނިޒާމެއްގެ ދަށުން ރެގިއުލޭޓަރީ އޮތޯރިޓީއެއްގެ ބެލުމުގެ ދަށުން ހިންގުމަށްޓަކައި އެކުންފުންޏަކީ ޕަބްލިކް ލިސްޓަޑް ކުންފުންޏަކަށް ހަދަންޖެހެއެވެ. މިފަދައިން އަމަލުކުރެވިއްޖެނަމަ، ފަސޭހަކަމާއި އެކު ކުންފުނި ތަރައްޤީކުރުމަށް ބޭނުންވާ ފައިސާ ހޯދި އިސްލާމިކް ޓުވަރިސްޓް ރިސޯޓު ތަރައްޤީކުރުންފަދަ ޕްރޮޖެކްޓުތައް ކާމިޔާބުކަމާއި އެކު ހިންގައި ކެރިފޯރުންތެރި ކުންފުންޏަކަށް ހެދޭނެއެވެ. އޭރުން، މޯލްޑިވްސް އިސްލާމިކް ބޭންކަށް ފަހު ދެން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ޝަރީޢާ ހުދަކުރާ ހިއްސާ ދޫކުރާ ތިން ވަނަ ކުންފުނީގައި ލިސްޓުކުރެވޭނެއެވެ. ނަމަވެސް މިހިސާބަށް ވާސިލްވުމަށްޓަކައި އެންމެ ފުރަތަމަ، ކުންފުނީގެ ހިންގުން ހަރުދަނާކޮށް، އަރުތަވާ ކުންފުންޏަކަށް ހަދައި ކުންފުނި ކޮޅަށް ނަގަން ޖެހެއެވެ. މިއީ މެދު ރާސްތާގައި ކުންފުންޏަށް ކުރެވޭނެ ކަމަކާއި މެދު އެއްވެސް ޝައްކެތް ނެތެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ވުޖޫދުކުރުމުގައި އެހީތެރިކަން ދެއްވި އެންމެހާ ބޭފުޅުންނާއި ވަކިން ޚާއްޞަގޮތެއްގައި ޙައްޖު ކޯޕަރޭޝަންގެ ފުރަތަމަ ޗެއަރ ޑރ. އައިޝަތު މުނީޒާއާއި ކޯޕަރޭޝަންގެ ފައުންޑިން ބޯޑު މެންބަރުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ. މި މަޒްނޫނަށް ވެސް އެކަމަނާ ވަނީ ޚިޔާލު ދެއްވާފައެވެ. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް އަޅުގަނޑު އެދެނީ ފެހި ފަހި މުސްތަޤުބަލަކަށެވެ.