އެޓާނީ ޖެނެރަލް

އިންޑިއާ މުއާހަދާއާ ހެދި ރައްޔިތުންގެ ހައްގެއް އުނި ނުވާނެ: އޭޖީ

ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ މުއާހަދާގެ ސަބަބުން ގާނޫނީ ނިޒާމްގެ ތެރެއިން ރައްޔިތުންނަށް ލިބިދީފައިވާ އެއްވެސް ހައްގަކަށް އަދި ރައްކާތެރިކަމަކަށް އުނި ކަމެއް ނާންނާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފި އެވެ.

ޓްރީޓީގެ ސަބަބުން ދިވެހިން، އިންޑިއާއަށް ގެންގޮސް ހައްޔަރުކޮށް ޝަރީއަތް ހިންގޭނެ ކަމަށް ބުނެ ބައެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިއަދު މަޖިލީހުގެ ޖަލްސާގައި ވެސް އެ ކަންބޮޑުވުން ފާޅުކުރި އެވެ. މިއަދު ޓްރީޓީގައި ސޮއި ކުރުމާ މެދު މަޖިލީހުން ގޮތެއް ނިންމާނެ އެވެ.

އެކަމާ ގުޅުވާ ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޓްރީޓީ އާގުޅޭ ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމާގުޅޭ އުސޫލުތަކަކީ، ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނުގައި ކަނޑައެޅި، 2015 އިން ފެށިގެން އަމަލުކުރެވެމުންދާ އުސޫލުތަކެއް ކަމަށެވެ. އެގޮތުން، އެ ގާނޫނުގައި، ތަހުގީގަށް އެހީތެރިކަން ހޯދުމާއި، ޝަރުއީ ލިޔުންތައް ހޯދައި ރައްދުކުރުމާއި، މުދަލުން މުއާމަލާތްކުރުން ހުއްޓުވުމާއި، ބޭންކު ރިކޯޑާއި މާލީ ރެކޯޑާއި މިފަދަ ލިޔެކިޔުންތައް ހޯދުމަކީ، އެ ގާނޫނުގެ ދަށުން ގައުމުތަކުން ރާއްޖޭގެ އެހީއަށް އެދެވޭނެ ދާއިރާތައް ކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.

އެހީއަށް އެދި ބޭރު ގައުމަކުން ހުށަހަޅާ ހުށަހެޅުމެއް ބަލައިނުގަތުމުގެ އިހްތިޔާރު ޕްރޮސިކިއުޓާ ޖެނެރަލްއަށް ގާނޫނުން ލިބިދީފައިވާކަން ވެސް ބަންޑާރަ ނައިބުގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ހަމައެއާއެކު، ގާނޫނުގެ ދަށުން އެހީ ފޯރުކޮށްނުދެވޭނެ ހާލަތްތައް ގާނޫނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި ރާއްޖެއާއި އިންޑިއާ އާ ދެމެދު ސޮއިކުރެވޭ މުއާހަދާއަށް އަމަލުކުރެވޭނީ، އެ ގާނޫނާއި ކަމާގުޅޭގޮތުން ރާއްޖެއިން އެކުލަވާލާފައިވާ އެންމެހާ ގާނޫނާއި ގަވާއިދުތަކުގެ ތަރަހައާއި ހުދޫދުގެ ތެރެއިން ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި އިތުރަށް ބުނީ ހުކުމް ތަންފީޒުކުރުމަށްޓަކައި ނުވަތަ ޝަރީއަތް ހިންގުމަށްޓަކައި ނުވަތަ ޝަރީއަތް ހިންގުމަށްފަހު ހުކުމް އިއްވުމަށްޓަކައި އެއް ގައުމުން އަނެއް ގައުމަށް މީހުން ބަދަލުކުރުމަކީ، މި މުއާހަދާގެ ސްކޯޕްގެ ތެރޭގައި ހިމެނޭ ކަންކަން ނޫން ކަމަށެވެ. މި މުއާހަދާގެ ދަށުން ޝަރީއަތެއްގައި ހެކި ބަސް ދިނުމަށްޓަކައި ދިވެހި ރައްޔިތެއް އެހެން ގައުމަކަށް ގެންދެވޭނީ، ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތުގެ ތެރެއިން، އެ ދިވެހި ރައްޔިތެއްގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ހާއްސަ ގެރެންޓީތަކެއް ޕްރޮސިކިއުޓާ ޖެނެރަލްއަށް ދިނުމަށްފަހުގައި ކަމަށެވެ.

ރާއްޖެއާ އިންޑިއާ އާ ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ މުއާހަދާގެ މަގުސަދަކީ، ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ދެ ގައުމުގެ ދެމެދުގައި ފަހިކުރުން ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ. ޖިނާއީ މައްސަލަތަކާ ގުޅޭގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގައްޔާއި، ޖިނާއީ މައްސަލަތަކުގައި ދެ ގައުމުގެ މުއައްސަސާތަކުން ބޭނުންވާ މައުލޫމާތު ހިއްސާކުރުމަށްޓަކައި ފަހި އުސޫލުތަކެއް ގާއިމްކުރުން ކަމަށެވެ.

އިންޑިއާގެ އިތުރުން، ސްރީލަންކާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ރަޝިއާފަދަ ގައުމުތަކާއެކުވެސް މިފަދަ މުއާހަދާތަކުގައި ސޮއިކުރުމަށްޓަކައި، އެ ގައުމުތަކުން ހުށަހަޅައިގެން އެ ގައުމުތަކާއެކު ދިވެހި ސަރުކާރުން މަޝްވަރާކުރަމުންދާކަން ވެސް ބަޔާނުގައި ފާހަގަކުރި އެވެ. ޖިނާއީ އެހީތެރިކަން ބަދަލުކުރުމުގެ މިފަދަ
މުއާހަދާތަކުގެ ސަބަބުން ރާއްޖޭގައި ހިންގާ ޖިނާއީ ތަހުގީގުތަކަށް އެހީތެރިކަން ލިބި އެ މަސައްކަތް ހަރުދަނާވާނެ ޖިނާއީ
މައްސަލަތައް ހަލުވިކަމާއެކު ނިންމުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ބަޔާނުގައި ބުންޏެވެ.