ވިޔަފާރި

ސަރުކާރުން މަޝްރޫއުތަކުގެ އަގު ކުޑަކުރަން މަޖުބޫރު، އެމްޓީސީސީއަށް ގެއްލުން!

އެމްޓީސީސީއަށް ބިން ހިއްކުމާއި ފަޅު ފުންފުންކުރުމުގެ ދާއިރާ އިން، މިދިޔަ އަހަރު ގެއްލުންވި އެއް ސަބަބަކީ ކުޑައަގެއްގައި މަޝްރޫއުތައް ހިންގަން ސަރުކާރުން މަޖުބޫރު ކުރުވުމުން ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސަރުކާރު މެޖޯރިޓީ ހިއްސާ އޮންނަ، އެމްޓީސީސީ އިން ރޭ ހޮޓެލްޖެންގައި ބޭއްވި އަހަރީ އާއްމު ޖަލްސާގައި ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ހަސަން ޝާހު ވިދާޅުވީ މިދިޔަ އަހަރު ގެއްލުންވި މައިގަނޑު އެއް ސަބަބަކީ ހުޅުމާލެ-މާލެ ބްރިޖުން ގުޅާލުމުން ފެރީގެ ޑިމާންޑު ދަށްވުމާއި އަތޮޅު ފެރީގެ ނިޒާމުން ގެއްލުންވާއި މަޝްރޫއުތައް މަދުވުން ފަދަ ސަބަބުތަކުގެ ސަބަބުން ކަމަށެވެ.

"މިދިޔަ އަހަރު މަޝްރޫއުތަކުގެ މަސައްކަތް ހޯދަން ކުރެވުނު މަސައްކަތް ވެސް ވަނީ ނާކާމިޔާބުވެފައި. މަޝްރޫއުތައް ހަވާލު ކުރުމަށްފަހު ހައުސިން މިނިސްޓްރީ އާއި ބައެއް ރަށްރަށުގެ ރައްޔިތުންނާ ދެމެދު ހިޔާލު ތަފާތުވެ، މަޝްރޫއުތައް ކުރިއަށް ގެންދިއުން ލަސްވެ، މަޑު ޖެހި ގެއްލުންވި. އަދި ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގަން ދިޔަ ހަރަދާއި އެކަށީގެން ނުވާވަރުގެ އަދަދެއްގެ އަގުގައި މަޝްރޫއު ހިންގަން ވަނީ ސަރުކާރުން މަޖުބޫރު ކުރުވާފަ،" ޝާހު ވިދާޅުވި އެވެ.

މަޝްރޫއުތައް ހަވާލުކުރުމަށްފަހު ހައުސިން މިނިސްޓްރީ އާއި ބައެއް ރަށްރަށުގެ ރައްޔިތުންނާ ދެމެދު ހިޔާލު ތަފާތުވެ، މަޝްރޫއު ކުރިއަށް ގެންދިއުން ލަސްވެ، މަޑު ޖެހުމުން ގެއްލުންވި. އަދި ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގަން ދިޔަ ހަރަދާއި އެކަށީގެން ނުވާވަރުގެ އަދަދެއްގެ އަގުގައި މަޝްރޫއު ހިންގަން ވަނީ ސަރުކާރުން މަޖުބޫރު ކުރުވި
ހަސަން ޝާހު | އެމްޓީސީސީ ސީއީއޯ

ޝާހު އިތުރަށް ވިދާޅުވީ މަޖާ ޖައްރާފު ގަތުމަށް ނެގި ލޯނު ފައިނޭންސް ކުރުމާއި އުމްރާނީ ތަރައްގީގެ ރޮނގުން މިދިޔަ އަހަރު ހިންގި މަޝްރޫއުތަކުގެ އަދަދު ވަނީ މަދުވަކީ ވެސް ގެއްލުންވި ސަބަބެއް ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މި ދާއިރާ އަލުން ދިރުވައި 2019 ވަނަ އަހަރު ހިންގާ މަޝްރޫއު ތަކަކީ ކުންފުންޏަށް ރަނގަޅު އަގެއްގައި ހިންގޭނެ މަޝްރޫއު ތަކަށް ހެދުން،" ޝާހު ވިދާޅުވި އެވެ.

އެމްޓީސީސީ އަށް މިދިޔަ އަހަރު އާއްމު ވިޔަފާރި އާއި އެ ކުންފުނިން ދެމުން ގެންދާ ޑޮކިންގެ ހިދުމަތުން ރަނގަޅު އާމްދަނީއެއް ވަނީ ލިބިފަ އެވެ. މި ދާއިރާގެ ފައިދާ ވަނީ 4.5 ޕަސެންޓް ވަނީ އިތުރުވެފަ އެވެ. އަދި އިންޖިނިއަރިން އާއި ޑޮކިންގެ ދާއިރާއިން 200 ޕަސެންޓުގެ ބޮޑު އާމްދަނީ އެއް ލިބިފައިވެ އެވެ. އަދި އެމްޓީސީސީގެ ރިއަލް އެސްޓޭޓް ކުންފުންޏަށް ލިބުނު ސާފު ފައިދާ ވެސް ވަނީ އިތުރުވެފަ އެވެ.

800 މިލިއަން ރުފިޔާގެ މަޝްރޫއު ލިިބިއްޖެ

ޝާހު ވިދާޅުވީ މި އަހަރު ސަރުކާރުން 800 މިލިއަން ރުފިޔާގެ މަޝްރޫއު އެ ކުންފުންޏަށް ލިބިފައިވާ ކަމަށެވެ.

"ކުންފުނީގެ ކުރިމަ ގާމެދު ކުރެވޭ އުންމީދުތައް އެބަ ފެނިގެންދޭ. ކުންފުނީގެ މައިގަނޑު ވިޔަފާރިތައް ކުރިއަރުފައި ހިންގުން ހަރުދަނާކޮށް، ބިން ހިއްކުމާއި މަގު ހެދުމުގެ މަސައްކަތް ފުޅާ ކުރަން ވަނީ ރޭވިފައި،" ޝާހު ވިދާޅުވި އެވެ.

އެމްޓީސީސީ އިން އަހަރީ އާއްމު ޖަލްސާ ބޭއްވިިއިރު، އެ ކުންފުނިން މިދިޔަ އަހަރު ވަނީ 1.2 ބިލިއަން ރުފިޔާގެ ވިޔަފާރި ކޮށްގެން، ޖުމްލަ އާމްދަނީގެ ގޮތުގައި 238 މިލިއަން ރުފިޔާ ލިބިފަ އެވެ. އަދި ސާފު ފައިދާގެ ގޮތުގައި 34 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މި އަދަދަކީ 2017 ވަނަ އަހަރު ލިބުނު 141 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު 76 ޕަސެންޓުގެ ދަށްވުމެކެވެ. އެ ކުންފުނިން މިދިޔަ އަހަރު ވެހިކަލް އާއި މެޝިނަރީ އަދި އިކުއިޕްމަންޓް ހޯދަން 34 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި އެ ކުންފުނިން ވަނީ ލޯނު ދައްކަން 97 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.

އެމްޓީސީސީ އިން ރޭ ވަނީ ޑިރެކްޓަރުގެ ބޯޑުން ނިންމާފައިވާ ގޮތަށް މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ ނުބަހަން ނިންމާފަ އެވެ. މި އައިޓަމް ފާސް ކުރަން ހިއްސާދާރުންގެ ވޯޓަށް އެހުމުން 97 ޕަސެންޓް ހިއްސާދާރުން ވަނީ އެ ކަމަށް ތާއީދުކޮށްފަ އެވެ. މި އަހަރުގެ އޭޖީއެމް އަށް 55 ހިއްސާދާރުން ވާޒިރުވި އެވެ. މި ހިއްސާދާރުން 1،620 ޕްރޮކްސީ ތަމްސީލް ކޮށްފައިވެ އެވެ. އަދި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު ތަމްސީލް ކުރަން ދެ ޑިރެކްޓަރުން ވަނީ ހޮވާފަ އެވެ. މިގޮތުން ހޮވާފައިވަނީ އަހުމަދު އަބޫބަކުރު އާއި ފަތުހުﷲ އިސްމާއީލް އެވެ.