ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މީހަކަށް އަނިޔާކުރި މައްސަލާގައި ބައިވެރިވި ފުލުހުންގެ ތަހުގީގު އިންސާފުވެރިކަމާއެކު ކުރިއަށް ގެންދާނެ ކަމަށާއި ބޭއިންސާފުން އެއްވެސް އޮފިސަރަކަށް ފިޔަވަޅު ނާޅާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ މާފަންނު ގެއަކަށްވަދެ، ފުލުހުން ވަނީ މީހަކަށް ވަރަށް ބޮޑަށް އަނިޔާކޮށްފަ އެވެ. އަދި އެމީހާއަށް އަނިޔާކުރާ ވީޑިއޯއެއްވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. އެ މައްސަލައާ ގުޅިގެން ހަތް ފުލުހަކު ސަސްޕެންޑްކޮށް ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންގެ ހާއްސަ ޓީމެއް ވަނީ އެކުލަވާލާފަ އެވެ.
މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމައްސަލާގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަގުތުން ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި އަންގަންޖެހޭ އިންސްޓިޓިއުޝަންތަކާއި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތުވެސް ފޯރުކޮށްދީފައިވާ ކަމަށެވެ. މިސަރުކާރުގެ އަމާޒަކީ ދެފުށް ފެންނަ ނިޒާމަކާއެކު މަސައްކަތް ކުރުން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މި ސަރުކާރުން އަނިޔާކުރުމާއި ބޭއިންސާފު ގަބޫލެއް ނުކުރާނަން، ޔަގީންކަން އަރުވަން މި ސަރުކާރުން އަނިޔާކުރުމާއި ދެކޮޅު ފަދައިން އެމައްސަލާގައި ހިމެނޭ އޮފިސަރުންނާމެދު ބޭއިންސާފުން އަމަލެއް ނުކުރާނެކަން، އަޅުގަނޑު ފުލުހުންނާއި އާންމުންގެ ކިބައިން އެދެނީ އެމައްސަލައިގެ ތަހުގީގް ކުރިއަށް ގެންދާއިރު، ކަށަވަރުނުވާ މައުލޫމާތުތައް ނުފެތުރުމަށް،" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.
މިނިސްޓަރު މިގޮތަށް ވިދާޅުވެފައިވާއިރު ބައެއް ފުލުހުން ދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅު ކުރަމުންނެވެ. އެގޮތުން އެމީހުންގެ ފޭސްބުކް ޕްރޮފައިލަށް ކަޅުކުލައިގެ ފޮޓޯއެއްލައި އެފުލުހުންނާއެކު ތިބިކަންދަނީ ހާމަކުރަމުންނެވެ. އޭގެ ތެރެއިން ބައެއް ފޮޓޯތަކުގައި "ވިތު ޑީއީޑީ" ވެސް ޖަހާފައިވެ އެވެ. --ޑީއީޑީ އަކީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓެވެ.
ފުލުހުން ވަނީ އެކަމާ ގުޅޭ ގޮތުން މިވަގުތު ދޭނެ ކޮމެންޓެއް ނެތް ކަމަށް ބުނެފަ އެވެ.
އެ މައްސަލައާ ގުޅޭ ގޮތުން އިއްޔެ ވަނީ ތަފްސީލްތަކަކާއެކު ފުލުހުން ބަޔާނެއް ނެރެފަ އެވެ. އެބަޔާނުގައި ބުނީ ލިބުނު މައުލޫމާތަކާ ގުޅިގެން މ.އުޖާލާގެ ބަލާފާސްކުރިއިރު އެ ގެއަށް އައި 36 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ވަނީ މަސްތުވާތަކެއްޗާއިއެކު ހައްޔަރުކޮށްފަ ކަމަށެވެ. އަދި އެގޭގައި ދިރިއުޅޭ 28 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ އޭނާ ހުރި ކޮޓަރީގެ ކުޑަދޮރުން ބޭރަށް ފުއްމާލައިގެން ފިލަން މަސައްކަތް ކުރަނިކޮށް ފުލުހުން އޭނާގެ ފަހަތުން ދުވެފައިގޮސް މަގުމަތިން އޭނާ ހައްޔަރުކޮށްފަ ކަމަށެވެ.
މި އޮޕަރޭޝަންގައި މ. އުޖާލާގެއިން ވަނީ ގާތްގަނޑަކަށް 461 ގްރާމްގެ މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި އަތުލައިގަންފަ ކަމަށް ފުލުހުން ބުންޏެވެ.
މި އޮޕަރޭޝަން ހިންގުމުގެ ތެރޭގައި ތުހުމަތުކުރެވޭ ބަންގްލަދޭޝް މީހާ ގައިގަ ތަޅާ އަނިޔާކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާއްމުވެފައިވާތީ، އެފަދަ އަމަލުތަކަކީ ދިވެހި ފުލުހުންގެ 'ކޯޑް އޮފް އެތިކްސް' އަދި 'ކޯޑް އޮފް ކޮންޑަކްޓް' އާއި ހިލާފު އަމަލުތަކެއްކަމުން، ހާދިސާ ހިނގި ރޭ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އެކަން ތަހުގީގުކުރުމަށް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑަށް އަންގަވާފަ ކަމަށް ބަޔާނުގައިވެ އެވެ.
ދިވެހި ފުލުހުންގެ ފަރާތުން، ފުލުހުންގެ ކޯޑް އޮފް އެތިކްސް އާއި ކޯޑް އޮފް ކޮންޑަކްޓް' އަދި ނޫނުތަކާއި ގަވާއިދުތަކާއި ހިލާފުވާފަދަ ކަންކަން ހިނގިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަފަޅުތައް އަޅަމުންގެންދާނެ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން، ފުލުހުންގެ ޕްރޮފެޝަނަލިޒަމް ރަނގަޅު ކުރުމަށްޓަކައި ސްޓްރެޓީޖިކް ޕްލޭންގެ ތެރެއިންވެސް ގިނަގުނަ މަސައްކަތްތައް ހިންގަމުންދާ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ކުރުމަށްޓަކައި ދިވެހި ފުލުހުން މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ކެނޑިނޭޅި ކުރަމުންދާނެކަމުގެ ޔަގީންކަންވެސް އަރުވާ ކަމަށް ފުލުހުން ބުންޏެވެ.